ރާއްޖޭގެ މަޝްހޫރު އެކްޓްރެސް ނިޢުމާ މުހައްމަދަށް ޢަލީ ރަމީޒު ނަޞޭޙަތްތެރިވެއްޖެއެވެ.
ފިލްމީ ދާއިރާގައި ތިރީހަކަށް އަހަރު މަސައްކަތް ކުރުމަށް ފަހު، ރިޓަޔާ ކޮށްފައިވާ ނިއުމާ އޭނާގެ ފޭސްބުކްގައި މީގެ ދުވަސްކޮޅެއް ކުރިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އާ އަހަރު ފެށުނީ އާ އުއްމީދުތަކާއި އާ އަޒުމުތަކަކާ އެކުގައި ކަމަށެވެ. އެކަމަކު، ދުވަހަކު ވެސް ހިތަށް ނާރާ ފަދަ ގޮތަކަށް ދިރިއުޅުން މިހާރު ބަދަލުކުރަން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
އެންމެ ލޯބިވާ މީހުންނާ އަދި މުޅި އުމުރު ދިރިއުޅުނު މާލެއާ ދުރަށް އޭނާގެ ދިރިއުޅުން ބަދަލުކުރަން ޖެހިފައިވާ ކަމަށް ވެސް ނިއުމާ ބުންޏެވެ.
ނިއުމާ ބުނި ގޮތުގައި، ފާއިތުވި ތިން އަހަރަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި ތިން އަހަރެވެ. އެ ތިން އަހަރުގެ ހިތްދަތިކަމުގައި އޭނާއަށް ހަމަ ނިދި ނުލިބެ އެވެ.
"ޑިޕްރެޝަންގެ ތެރޭގައި އެތައް މަހެއް ހޭދަކުރީމެވެ. ހާލުގައި ޖެހިގެން މަގުމަތިވާ ހިސާބަށް ދިޔަ އެވެ،" ނިއުމާ ބުންޏެވެ. ހާލުގައި ޖެހުނު ދުވަހު ލިބުނީ އިބުރަތްތެރި ފިލާވަޅެއް ކަމަށް އޭނާ ބުންޏެވެ.
މިވާހަކަ އިޝާރާތް ކުރައްވައި ޢަލީ ރަމީޒު އެބޭފުޅާގެ ފޭސްބުކް ޕޭޖުގައި މިއަދު ހިއްސާކުރެއްވި ޕޯސްޓުގައި ނިޢުމާއަށް ވިދާޅުވެފައިވަނީ ފިލްމީދާއިރާގައި ކުރަމުން އަންނަ މަސައްކަތް ހުއްޓާލާފައި ޢިއްފަތްތެރި މުސްލިމެއްގެ ގޮތުގައި ޙަޔާތުގެ ބާކީއޮތްބައި ހޭދަކުރުމަށެވެ.
ޢަލީ ރަމީޒު މިއަދު ވިދާޅުވީ މުޑުދާރު ފިލްމުތައް ކުޅުމާ މިއުޒިކު ކުޅުންފަދަ ﷲ ޙަރާމް ކުރައްވާފައިވާ މަސައްކަތަކުން ލިބޭނެ ހިތްހަމަޖެހުމެއް ނޯންނާނެކަމަށާ އެފަދަ މަސައްކަތްތަކުން އިޙްތިރާމާއި ލޯބި ލިބޭކަމަށް ހީކުރެވުމަކީ އަހަރެމެންގެ ކޮށި ބުއްދިއަށް ޝައިޠާނާ ވައްދައިދޭ ވަސްވާސްތަކެއްކަމަށެވެ. އަދި ޙާލުގައި ޖެހޭ ދުވަހު ކުރިން ލޯބިވީކަމަށް ދަޢުވާކުރި އެކަކުވެސް އެހީތެރިވާން ނުހުންނާނެކަމަށް ވިދާޅުވިއެވެ.
"މުޑުދާރު ފިލްމުތައް ކުޅުމާ މިއުޒިކު ކުޅުންފަދަ ﷲ ޙަރާމް ކުރައްވާފައިވާ މަސައްކަތަކުން ލިބޭނެ ހިތްހަމަޖެހުމެއް ނޯންނާނެ ވާހަކަ ތަކުރާރުކޮށް އަޅުގަނޑު މިދަންނަވަނީ. އެފަދަ މަސައްކަތްތަކުން އިޙްތިރާމާއި ލޯބި ލިބޭކަމަށް ހީކުރެވުމަކީ އަހަރެމެންގެ ކޮށި ބުއްދިއަށް ޝައިޠާނާ ވައްދައިދޭ ވަސްވާސްތަކެއް. ޙާލުގައި ޖެހޭ ދުވަހު އެއްކަލަ 'ލޯބި' ވީ އެކަކުވެސް ނުހުންނާނެ އެހީތެރިވާކަށް. އެއީ ކީއްވެ؟ އެމީހުން އެ ވީ ހަގީގީ ލޯބިކަމަށް ނުވާތީ. ﷲއަށް ތައުބާވެ ތިޔަ މުޑުދާރު މަސައްކަތުން ދުރުވެ، ޢިއްފަތްތެރި މުސްލިމެއްގެ ގޮތުގައި ޙަޔާތުގެ ބާކީ ދެން އޮތްބައި ހޭދަކުރުމަށް ތިޔަ އުޚްތާއަށް އަޅުގަނޑު ހެޔޮހިތުން ނަޞޭޙަތްތެރިވަން. ފަލާޙާ ކާމިޔާބު ޙާޞިލުވާނީ ﷲ އަށް ފުރިހަމަގޮތުގައި ކިޔަމަން ވެގެން" ޢަލީ ރަމީޒު ގެ ޕޯސްޓުގައި ވެއެވެ.
މި ކަމާ ގުޅިގެން ވަރަށް ގިނަ މީހުން ވަނީ އަލީ ރަމީޒް މި ދެއްވި ނަސޭހަތަށް ތައުރީފުކޮށް ނިއުމާއަށް ހެޔޮ ވިސްނުން ދެއްވާތޯ ދުއާ ކޮށްފައެވެ. އަދި އަލީ ރަމީޒު އެދިން ނަސޭހަތުގައި ހިފުމަށް ނިއުމާއަށް ނަސޭހަތް ތެރިވެފައެވެ.