އަލީ ރަމީޒް ފިލްމް ސްޓާރު ނިއުމާ މުހައްމަދަށް ނަސޭހަތްތެރިވެ މިއަދު ފޭސްބުކްގައި ކުރި ޕޯސްޓާ ގުޅިގެން ނިއުމާގެ ރުޅިގަނޑު ފަޅައިގެން ގޮސް ހޫނު ރައްދެއް ދީފިއެވެ.
އަލީ ރަމީޒް ވަނީ، ފިލްމު ކުޅުން ފަދަ ﷲ ހަރާމް ކުރައްވާފައިވާ ފަދަ މަސައްކަތްތަކާއި ދުރުވެ އިއްފަތްތެރި މީހެއްގެ ގޮތުގައި އުމުރުން ދެން އޮތް ދުވަސްތައް ހޭދަކުރުމަށް ނިއުމާއަށް ނަސޭހަތްތެރިވެފައެވެ.
ފިލްމީ ދާއިރާގައި ތިރީހަކަށް އަހަރު މަސައްކަތް ކުރުމަށް ފަހު، ރިޓަޔާ ކޮށްފައިވާ ނިއުމާ އޭނާގެ ފޭސްބުކްގައި މީގެ ދުވަސްކޮޅެއް ކުރިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އާ އަހަރު ފެށުނީ އާ އުއްމީދުތަކާއި އާ އަޒުމުތަކަކާ އެކުގައި ކަމަށެވެ. އެކަމަކު، ދުވަހަކު ވެސް ހިތަށް ނާރާ ފަދަ ގޮތަކަށް ދިރިއުޅުން މިހާރު ބަދަލުކުރަން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
އެންމެ ލޯބިވާ މީހުންނާ އަދި މުޅި އުމުރު ދިރިއުޅުނު މާލެއާ ދުރަށް އޭނާގެ ދިރިއުޅުން ބަދަލުކުރަން ޖެހިފައިވާ ކަމަށް ވެސް ނިއުމާ ބުންޏެވެ.
ނިއުމާ ބުނި ގޮތުގައި، ފާއިތުވި ތިން އަހަރަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި ތިން އަހަރެވެ. އެ ތިން އަހަރުގެ ހިތްދަތިކަމުގައި އޭނާއަށް ހަމަ ނިދި ނުލިބެ އެވެ.
"ޑިޕްރެޝަންގެ ތެރޭގައި އެތައް މަހެއް ހޭދަކުރީމެވެ. ހާލުގައި ޖެހިގެން މަގުމަތިވާ ހިސާބަށް ދިޔަ އެވެ،" ނިއުމާ ބުންޏެވެ. ހާލުގައި ޖެހުނު ދުވަހު ލިބުނީ އިބުރަތްތެރި ފިލާވަޅެއް ކަމަށް އޭނާ ބުންޏެވެ.
މިވާހަކަ އިޝާރާތް ކުރައްވައި ޢަލީ ރަމީޒު އެބޭފުޅާގެ ފޭސްބުކް ޕޭޖުގައި މިއަދު ހިއްސާކުރެއްވި ޕޯސްޓުގައި ނިޢުމާއަށް ވިދާޅުވެފައިވަނީ ފިލްމީދާއިރާގައި ކުރަމުން އަންނަ މަސައްކަތް ހުއްޓާލާފައި ޢިއްފަތްތެރި މުސްލިމެއްގެ ގޮތުގައި ޙަޔާތުގެ ބާކީއޮތްބައި ހޭދަކުރުމަށެވެ.
އެނަސޭހަތުގައި އަލީރަމީޒް ބުނެފައިވަނީ "މުޑުދާރު ފިލްމުތައް ކުޅުމާ މިއުޒިކު ކުޅުންފަދަ ﷲ ޙަރާމް ކުރައްވާފައިވާ މަސައްކަތަކުން ލިބޭނެ ހިތްހަމަޖެހުމެއް ނޯންނާނެ ވާހަކަ ތަކުރާރުކޮށް އަޅުގަނޑު މިދަންނަވަނީ. އެފަދަ މަސައްކަތްތަކުން އިޙްތިރާމާއި ލޯބި ލިބޭކަމަށް ހީކުރެވުމަކީ އަހަރެމެންގެ ކޮށި ބުއްދިއަށް ޝައިޠާނާ ވައްދައިދޭ ވަސްވާސްތަކެއް. ޙާލުގައި ޖެހޭ ދުވަހު އެއްކަލަ 'ލޯބި' ވީ އެކަކުވެސް ނުހުންނާނެ އެހީތެރިވާކަށް. އެއީ ކީއްވެ؟ އެމީހުން އެ ވީ ހަގީގީ ލޯބިކަމަށް ނުވާތީ. ﷲއަށް ތައުބާވެ ތިޔަ މުޑުދާރު މަސައްކަތުން ދުރުވެ، ޢިއްފަތްތެރި މުސްލިމެއްގެ ގޮތުގައި ޙަޔާތުގެ ބާކީ ދެން އޮތްބައި ހޭދަކުރުމަށް ތިޔަ އުޚްތާއަށް އަޅުގަނޑު ހެޔޮހިތުން ނަޞޭޙަތްތެރިވަން. ފަލާޙާ ކާމިޔާބު ޙާޞިލުވާނީ ﷲ އަށް ފުރިހަމަގޮތުގައި ކިޔަމަން ވެގެން" ކަމަށެވެ.
އެކަމާއި ގުޅިގެން ނިއުމާ ކުރި ޕޯސްޓެއްގައި ބުނީ، ކިތަންމެ ރަގަނޅު މީހަކަށްވެސް ދަތި ދުވަހެއް އަތުވެދާނެ ކަމަށެވެ. އަދި އެކަން އެނގޭނީ އަލީ ރަމީޒް ފަދަ އިލްމުވެރިންނަށް ކަމަށެވެ.
”މަމީ އޮރިޔާން ފިލްމު ކުޅެގެން މައްޝޫރު ވި މީހެއް ނޫން… މަ ފިލްމު ކުޅުނީ ބަންދު ކޮޓަރިއެއްގައެއް ވެސް ނޫން، އެތައް ބައެއް ކުރިމަތީ ތިބެގެން އެންމެންނަށް ފެންނަ ގޮތަށް ކުރި ހަލާލް މަސައްކަތަކުން މަ ފައިސާ ހޯދީ. މުޑުދާރު ލަވަ ކިޔައިގެން މީނަ އަށް ލިބުނު ލާރިގަނޑުން ކީއްބާ ކުރީ؟“ ނިއުމާ ބުނެފައި ވެއެވެ.
މީގެއިތުރުން ނިއުމާ ބުނީ، ސޯސަލް މީޑިއާ އިން ފެންނަ ޚަބަރުތަކަށް ”ބޭސްކޮށް“ މީހުންނަށް އެއްޗެހި ކިޔުން މީ އެންމެ ދީނީ ގޮތް ތޯއެވެ.
އަދި މި ގައުމުގައި އޮރިޔާމުން އުޅޭ މީހުންނަށް ދުވަހަކުވެސް ބަހެއް ނުބުނާކަން ފާހަގަ ކުރަމުން ނިއުމާ ބުނީ ”ކޮންމެހެން މަށާ ބެހޭނެ ކަމެއް“ ނެތް ކަމަށެވެ.
ނިއުމާ މިފަދައިން އަލީ ރަމީޒަށް ރައްދު ދީފައިވާއިރު، އިސްލާމް ދީނުގައި އަންހެނާގެ އައުރަ އަކީ މޫނާއި ދެއަތްތިލަ ނޫން ހުރިހާ ތަނެކެވެ. އަދި ހިލޭ ފިރިހެނުންނާއި ގައިގޯޅިވެ އުޅުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކަން ފާހަގަ ކޮށްލެވެއެވެ.