سورة الفاتحة ގެ މާތްކަމާއި މުހިންމުކަން

سورة الفاتحة (ނުވަތަ އަލްޙަމްދު) އަކީ މައްކީ ސޫރަތެކެވެ.[1] މި ސޫރަތުގައި ވަނީ ހަތް އާޔަތެވެ. މި ސޫރަތަށް سورة الفاتحة އޭ ކިޔުނީ ކީރިތި ޤުރްއާން މި ސޫރަތުން ފެށިފައިވާތީއެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އެއީ ކީރިތި ޤުރްއާނުގެ އިސްބަހެވެ. ނުވަތަ ދީބާޖާއެވެ.

މި ސޫރަތަށް أمُّ الكتاب (ފޮތުގެ މަންމަ) ކިޔެއެވެ. އެއީ މި ސޫރަތުގައި ﷲ ޢައްޒަ ވަ ޖައްލަގެ އެއްކައުވަންތަކަމުގެ (ތައުޙީދު) ގެ ވާހަކައާއި ﷲއަށް އަޅުކަންކުރުމަށް ގޮވައިލާފައިވާތީއާއި ﷲގެ ވަޢުދުފުޅާއި ވަޢީދު އައިސްފައިވާތީއެވެ.

މި ސޫރަތަށް السَّبع المثاني އޭ ކިޔެއެވެ. އެއީ މި ސޫރަތުގައި ހަތް އާޔަތް ހިމެނޭތީއެވެ. އަދި ނަމާދުގައި ކޮންމެ ރަކްޢަތެއްގައި މި ސޫރަތް ކިޔެވޭތީއެވެ.

މި ސޫރަތުގެ ނަންތަކުގެ ތެރޭގައި أمُّ القرآن  (ޤުރްއާނުގެ މަންމަ) ވެއެވެ. އެއީ މި ސޫރަތުގައި ކީރިތި ޤުރްއާނުގެ ހުރިހާ މައުޟޫޢުތަކެއް ހިމެނޭތީއެވެ.

މި ސޫރަތުގެ ނަންތަކުގެ ތެރޭގައި القرآن العظيم (މަތިވެރިވެގެންވާ ޤުރްއާން) ވެއެވެ.

މި ސޫރަތުގެ ނަންތަކުގެ ތެރޭގައި  الحَمْد  ވެއެވެ. އެއީ މި ލަފުޒުން ސޫރަތް ފެށޭތީއެވެ.

މި ބަޔާންކުރި ނަންތަކަކީ ކީރިތި ޤުރްއާނާއި ކައު ރަސޫލާގެ ސުންނަތުން އެނގެން ހުރި ނަންތަކެވެ. އެހެންކަމުން އެއީ ތައުޤީފީ ނަންތަކެވެ. މީގެއިތުރަށް މި ސޫރަތަށް އަޞްޙާބުބޭކަލުންނާއި ޢިލްމުވެރިން ދެއްވާފައިވާ ނަންތަކެއް ވެސް ވެއެވެ. މި ނަންތަކުގެ ތެރޭގައި  الكافية އާއި الواقية އާއި الكنز އާއި الدُّعاء ވެއެވެ.

 

ސޫރަތް ބާވައިލެއްވީ ކޮން އިރަކު؟

ޞައްޙަކަން ބޮޑު ބަސްތައް ބުނާގޮތުގައި ސޫރަތުލް ފާތިޙާ ބާވައިލެއްވީ މައްކާގައެވެ. އެއީ މަދީނާއަށް ހިޖްރަކުރެއްވުމުގެ ކުރިންނެވެ. މި ކަމުގެ ދަލީލަކީ ﷲ ތަޢާލާގެ ބަސްފުޅު ((وَلَقَدْ ءَاتَيْنَٰكَ سَبْعًا مِّنَ ٱلْمَثَانِى وَٱلْقُرْءَانَ ٱلْعَظِيمَ [2] – ހަމަކަށަވަރުން، ތަކުރާރުކޮށްކިޔެވޭ ހަތް آية އާއި، މާތްކަން ބޮޑުވެގެންވާ قرآن، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވީމެވެ.)) އަލްޙިޖްރު ސޫރަތުގެ އާޔަތަކަށް ވާތީއެވެ. މި ސޫރަތަކީ މައްކީ ސޫރަތެކެވެ.

ދެވަނަ ދަލީލަކީ ސޫރަތުލްފާތިޙާއާ ނުލައި ނަމާދު ޞައްޙަނުވުމެވެ. ނަމާދު ފަރްޟުކުރެއްވީ ކައު ރަސޫލާ ﷺ ގެ މިޢުރާޖު ދަތުރުފުޅުގައެވެ. މި މުޢުޖިޒާތް ހިނގާފައިވަނީ މައްކާގައި އުޅުއްވަނިކޮށްނެވެ.

މި ސޫރަތް ބާވައިލެއްވި ގޮތާ ބެހޭގޮތުން މާތް ﷲ ރުއްސުންލެއްވި  ޢަމްރު ބިން ޝުރަޙްބީލު ވިދާޅުވިއެވެ. ((ރަސޫލު ﷲ ﷺ ފާޅުވެވަޑައިގަތްފިނަމަ ގޮވައިލައްވާ ބޭކަލަކު އޭ މުޙައްމަދުގެފާނޭ ވިދާޅުވެ ގޮވައިލައްވައެވެ. މި އަޑުފުޅު ރަސޫލާއަށް އިވިވަޑައިގަތުމުން ބިރުފުޅުން ފިއްލަވަތެވެ. މި ވާހަކަ ވަރަޤަތު ބިން ނައުފަލުގެފާނަށް ދެންނެވުމުން ވިދާޅުވިއެވެ. އެހެން ނަހައްދަވާށެވެ. އެބޭކަލަކު ގޮވައިލެއްވުމުން ދުރަށް ވަޑައިނުގެން ހުންނަވައި އެބޭކަލަކު ވިދާޅުވާ އެއްޗެއްގެ އަޑުއައްސަވާށެވެ. ފަހެ ރަސޫލުﷲގެފާނު ބޭރަށް ނުކުމެ ވަޑައިގަތުމުން އެ އަޑު އިވިވަޑައިގަތުމުން لبَّيكَ އޭ ވިދާޅުވިއެވެ. އެބޭކަލަކު ވިދާޅުވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! أَشهَدُ أَن لا إِلهَ إِلَّا اللَّهُ وأشهَدُ أنَّ مُحمَّدًا رسولُ اللَّهِ. އެއަށްފަހު ވިދާޅުވާށެވެ! الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ الرَّحْمَنِ الرَّحِيمِ  މި ގޮތަށް ގޮސް ސޫރަތުލް ފާތިޙާ ނިމެންދެން ވިދާޅުވެދެއްވިއެވެ.))[3]

 

ސޫރަތުލްފާތިޙާގެ މައުޟޫޢުތައް

ސޫރަތުލް ފާތިޙާގައި ހަތް އާޔަތް ހިމެނުނަސް މި ހަތް އާޔަތުގައި ތައުޙީދާއި ޢިބާދާތާއި ވަޢުދާއި ވަޢީދު ފަދަ އިސްލާމްދީނުގެ މަޤްޞަދުތައް ހިމެނެއެވެ.

ސޫރަތުލްފާތިޙާ ނަމާދުގައި ކިޔުމަކީ ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކްނެކެވެ. ސޫރަތުލް ފާތިޙާ ނުކިޔަވައިފިނަމަ ނަމާދު ޞައްޙައެއްނުވާނެތެވެ.

މި ސޫރަތުގައި އައިސްފައިވާ  މާނަތަކަކީ:-

▪ ﷲ ތަޢާލާއަށް ޙަމްދުސަނާ ދެންނެވުމާއި ތަޢުޙީދުގެ ތިންބައި ރުބޫބިއްޔަތާއި އުލޫހިއްޔަތާއި އިސްމުފުޅުތަކާއި ސިފަފުޅުތައް

▪ ޖަޒާދެއްވުމާއި އަލުންދިރުއްވުމަކީ އޮތްކަމެއްކަން ބަޔާންކުރުމާއި ކުރާ ޢަމަލުތަކަށް ޖަޒާ ލިބުން އޮތްކަން

▪ ﷲގެ ޙަޟްރަތުން އެކަނި ވާތްގަށް އެދުމާއި ﷲއަށް އަޅުކަން ޚާލިޞްކުރުން

▪ މީސްތަކުން ތިން ބަޔަށް ބެހިގެންވާކަން: އެއީ އެބައިމީހުންގެ މައްޗަށް ނިޢުމަތްލެއްވި މީހުންނާއި އެބައިމީހުންގެ މައްޗަށް ކޯފާލެއްވި މީހުންނާއި މަގުފުރެދިފައިވާ މީހުންނެވެ. ނިޢުމަތްލެއްވި މީހުންނަކީ  ހިދާޔަތްދެއްވައި ޞާލިޙު އަމަލުތައް ކުރުމަށް ތައުފީޤުދެއްވި މީހުންނެވެ. ކޯފާލެއްވި މީހުންނަކީ ޙައްޤު އެނގި އެއާ އެއްގޮތަށް ޢަމަލުނުކުރި މީހުންނެވެ. މަގުފުރެދިފައިވާ މީހުންނަކީ ޙައްޤު ނޭނގި ބާޠިލު ޢަމަލު ކުރި މީހުންނެވެ.

▪  ރަސޫލުބޭކަލުން ފޮނުއްވުމާއި ވަޙީ ބާވައިލެއްވުން.

 

ސޫރަތުލްފާތިޙާގެ މާތްކަން

ސޫރަތުލް ފާތިޙާއަކީ ވަރަށް މާތް ސޫރަތެކެވެ. މި ސޫރަތުގެ މާތްކަމާ ބެހޭ ގޮތުން އައިސްފައިވެއެވެ.

– ނަބިއްޔާ ﷺ ޙަދީސްކުރެއްވިއެވެ. ((والذي نفْسي بيَدِه، ما أُنزِلَ في التوراةِ، ولا في الإنجيلِ، ولا في الزَّبورِ، ولا في الفُرقانِ مِثلُها، إنَّها السبْعُ المَثاني، والقُرآنُ العظيمُ الذي أُعطِيتُ[4] – ތިމަންކަލޭގެފާނުގެ ނަފްސުފުޅު އެ ފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވާ ޙަދީސްކުރައްވަމެވެ. ތައުރާތުގައި ވެސް ، އިންޖީލުގައި ވެސް، ޒަބޫރުގައި ވެސް ، ފުރްޤާނުގައި ވެސް އެ ފަދަ ސޫރަތެއް ނުވެއެވެ. ހަމަކަށަވަރުން،  އެއީ ތިމަންކަލޭގެފާނަށް ދެއްވުނު ތަކުރާރުކޮށް ކިޔެވޭ ހަތް آية އާއި، މާތްކަން ބޮޑުވެގެންވާ قرآنއެވެ.))

– ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ.((إذا قالَ الإمامُ: غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضّالِّينَ –  فَقُولوا آمِينَ، فمَن وافَقَ قَوْلُهُ قَوْلَ المَلائِكَةِ غُفِرَ له ما تَقَدَّمَ مِن ذَنْبِهِ[5]-އިމާމާ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضّالِّينَ  ކިޔަވައިފިނަމަ ފަހެ ތިޔަބައިމީހުން އާމީން ކިޔާށެވެ! މަލާއިކަތުން  އާމީން ވިދާޅުވާ ވަގުތާ އެ މީހާ އާމީން ކިޔާ ވަގުތާ ދިމާވި މީހާއަށް އޭނާގެ އިސްވެދިޔަހައި ފާފަތައް ފުއްސަވާދެއްވާނެއެވެ.))

– ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ ޞަޙާބީން ސޫރަތުލް ފާތިޙާ ކިޔަވާވިދާޅުވެ ބޭސްފަރުވާކުރެއްވިއެވެ.

– ސޫރަތުލް ފާތިޙާއަކީ ނޫރެކެވެ. މި ނޫރު އެހެން ނަބީބޭކަލަކަށް ނުދެއްވައެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު އަރިހުން ރިވާވެގެންވެއެވެ. ((ރަސޫލާ ﷺ ގެ އަރިހުގައި ޖިބްރީލުގެފާނު އިންނަވަނިކޮށް، މަތިން އަޑެއް އިވިވަޑައިގެންނެވިއެވެ. އެކަލޭގެފާނު މައްޗަށް އިސްތަށިފުޅު އުފުއްލަވައިލައްވާފައި ވިދާޅުވިއެވެ. އެއީ މިއަދު އުޑުން ދޮރުކޮޅެއް ހުޅުވުނު އަޑެވެ.އެ ދޮރުކޮޅު ދުވަހަކު ވެސް މީގެ ކުރިން ހުޅުވިފައެއް ނުވެތެވެ. އެ ދޮރުކޮޅުން މަލާއިކަތަކު ބިމަށް ފައިބާވަޑައިގަތެވެ. އެ މަލާއިކަތާ މީގެ ކުރިން ދުވަހަކު ވެސް ފައިބާވަޑައިގެންފައި ނުވެތެވެ. އެ މަލާއިކަތާ ސަލާންގޮވައިލައްވާފައި ވިދާޅުވިއެވެ. ކަލޭގެފާނަށް ދެއްވި ދެ ނޫރާމެދު އުފާފާޅުކުރައްވާށެވެ! މި ދެ ނޫރު ކަލޭގެފާނުނޫން ނަބީބޭކަލަކަށް ދެއްވާފައިނުވެތެވެ. އެއީ ސޫރަތުލްފާތިޙާއާއި ބަޤަރާ ސޫރަތް ނިމޭ އާޔަތްތަކެވެ. އެއިން އަކުރެއް ކިޔެވިމީހާއަށް އޭގައިވާ ކަމެއް ކޮށްދެއްވާނެތެވެ.))[6]

– ނަމާދުގައި ﷲއާއި ﷲގެ އަޅާއާ ދެމެދުގައި މުނާޖާތުކުރުން: ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((قال الله تعالى: قسمتُ الصلاة بَيني وبَين عبدي نِصفين، ولعَبدي ما سأل[7] – ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެއާ ތިމަންރަސްކަލާނގެ އަޅާއާ ދެމެދުގައި ނަމާދު ހަމަހަމައަށް ދެ ބައިކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އަޅާ އެދުނު ކަމެއް އޭނާއަށް ލިބިގެންވެއެވެ.))

 

ނަމާދުގައި ސޫރަތުލް ފާތިޙާ ކިޔެވުން

ނަމާދުގެ ރުކުންތަކުގެ ތެރޭގައި ސޫރަތުލްފާތިޙާ ކިޔެވުން ވެއެވެ. އެސޫރަތް ނުކިޔަވާ ނަމާދު ޞައްޙައެއްނުވާނެއެވެ. سورة الفاتحة ގެ ބަދަލުގައި އެހެން ސޫރަތެއް ނުކިޔެވޭނެއެވެ. މިއީ ޖުމްހޫރުންގެ ރައުޔެވެ. އޭގެ ތެރޭގައި ޝާފިޢީންނާއި ޙަންބަލީންނާއި ޡާހިރީންނާއި ޞަޙާބީންގެ ތެރެއިން ގިނަ ބޭކަލުންތަކެއް ވެއެވެ. މާލިކީ މަޛްހަބުގައި ވެސް މަޝްހޫރު ބަހަކީ މިއެވެ.[8] ސޫރަތުލްފާތިޙާ ކިޔަވަންޖެހޭނެކަމަށް ވިދާޅުވާ ބޭކަލުންގެ ބައެއް ދަލީލުތަކަކީ :-

1) ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((لا صَلَاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ[9] ސޫރަތުލްފާތިޙާ ނުކިޔަވާ މީހަކަށް ނަމާދެއްނެތެވެ.))

2) ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((مَنْ صَلَّى صَلَاةً لَمْ يَقْرَأْ فِيهَا بِأُمِّ الْقُرْآنِ فَهِيَ خِدَاجٌ[10]– އެނަމާދެއްގައި އުއްމުލް ޤުރްއާނު ނުކިޔަވާ ކުރާ ނަމާދަކީ އުނި ނަމާދެކެވެ.))

3) ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((لَاتُقْبَلُ صَلَاةٌ لَايُقْرَأُ فِيهَا بِأُمِّ الْكِتَابِ [11]– އެނަމާދެއްގައި [އުއްމުލް ކިތާބި] ނުކިޔެވޭ ނަމާދެއް ޤަބޫލުވެވިގެންނުވެއެވެ.))

4) ޢިލްމުވެރިން ވިދާޅުވާގޮތުގައި [ޤުރްއާނުން ފަސޭހަވީ މިންވަރެއް ކިޔަވާށެވެ.] ޙަދީސްކުރެއްވި ބަސްފުޅުން ސޫރަތުލްފާތިޙާ ކިޔަވަން ޙަދީސްކުރެއްވި ބަސްފުޅު ވަނީ އިތުރަށް ވަރުގަދަވެފައެވެ. އައްދާރު ޤުޠުނީގެ ރިވާޔަތުގައި ވަނީ ((لا تجزئ صلاة– ނަމާދު ކަމަކު ނުދާނެއެވެ.)) އަޙްމަދުގެ ރިވާޔަތުގައި ވަނީ ((لاتقبل صلاة– ނަމާދު ޤަބޫލުވެވިގެން ނުވެއެވެ.)) މި ޙަދީސުން އެގޭގޮތުގައި ނަމާދުގައި ކިޔަވަންޖެހޭނީ سورة الفاتحةއެވެ. އެހެން ސޫރަތެއް ކިޔަވައިގެން އެ ނަމާދު ޞައްޙައެއް ނުވާނެއެވެ.

އެހެންކަމުން ބުރަވެވޭ ރައުޔަކީ ނަމާދުގައި سورة الفاتحة ކިޔަވަން ޖެހޭނެކަމަށް ބުނާ ރައުޔެވެ.

 

ޙަވާލާ:

[1]  – މައްކީ ސޫރަތޭ ބުނުން އެނގެނީ އެއީ މައްކާގައި ކީރިތި ރަސޫލާ އުޅުއްވި ދުވަސްވަރު ބާވައިލެއްވި ސޫރަތެއް ކަމެވެ.

[2]  –  الحجر : 87

[3]  –  ابن حجر العسقلاني، العجاب في بيان الأسباب  ( ١/٢٢٤ )

[4]  – أخرجه الترمذي (٢٨٧٥)، والنسائي في ((السنن الكبرى)) (١١٢٠٥)، وأحمد (٨٦٨٢)

[5]  – أخرجه البخاري (٤٤٧٥)، ومسلم (٤١٠)

[6]  – أخرجه مسلم (٨٠٦)

[7]  – أخرجه مسلم (٣٩٥)

[8] – نهاية المحتاج،  المغنى ، المحلى، މާލިކީ މަޛްހަބުގައި ދަންނަބޭކަލުންގެ މެދުގައިވެސް ރައުޔުވަނީ ތަފާތުވެފައެވެ. އެމަޛްހަބުގެ ބައެއް ދަންނަބޭކަލުން ވިދާޅުވާގޮތުގައި سورة الفاتحة ކިޔުމަކީ ސުންނަތެކެވެ. އަނެއްބައި ބޭކަލުން ވިދާޅުވާގޮތުގައި އެސޫރަތް ކޮންމެ ރަކްޢަތެއްގައި ކިޔެވުމަކީ ވާޖިބު ކަމެކެވެ. انظر حاشية الدسوقى  والشرح الكبير

[9] –  رواه البخارى ومسلم وأبو داود والترمذى والنسائى وأحمد والبيهقى والطبرانى وابن خزيمة والدار قطنى عن عبادة بن الصامت

[10] –  رواه مالك ومسلم وأبو داود والترمذى والنسائى وابن ماجه وأحمد وابيهقى  عن أبى هريرة

[11] –  رواه أحمد  ، مسند الصحابة فى الكتب الستة

advertisement
ހިޔާލު ދެއްވާ!