ހިލޭ އަންހެނުންނާއި ފިރިހެނުން ބަދުއަޚްލާޤީ ގޮތްގޮތަށް ބައްދައި ނަށައި އެކަކުއަނެކަކުގެ ގައިގަ އޮޅުލައިގެން ހޯދާ ފައިސާ ޙަރާމް ވާނެކަމަށާއި އެ ފައިސާއަކީ މާތް ﷲގެ ދީނުގައި އެއްވެސް ގޮތަކުން ޙަލާލުވާނެ އެއްޗެއް ނޫންކަމަށް އައްޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.
ޝައިޚް ފާރިޝް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ ފިލްމީ ދާއިރާގެ މަޝްހޫރު އެކްޓްރެސް ނިއުމާ މުހައްމަދު އޭނާގެ ފޭސްބުކް ޕޭޖުގައި އޭނާގެ ހަޔާތުގައި ކުރިމަތިވި ހާދިސާތަކަށް އަލިއަޅުވާލައި ދެއްކި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ސޯޝަލްމީޑިއާގައި އިއްޔެ އެކަމާގުޅޭގޮތުން ގިނަ ބަޔަކު ނިއުމާއަށް އެކިއެކި ފާޑުކިޔުންތައް އަމާޒުކުރަމުން ދަނިކޮށެވެ.
ޝައިޚް ފާރިޝް އިއްޔެ އެ ބޭފުޅާގެ 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ބަދުއަޚްލާޤީ ގޮތްގޮތަށް ގައިގޯޅިވެ، ބައްދައި އޮޅުލައި، މިއުޒިކު ޖަހައި، ނަށައިގެން ހޯދާ އެއްވެސް އާމްދަނީއަކީ އެއީ ޙަރާން އަލިފާންކަމަށެވެ.
"ހިލޭ އަންހެނުންނާއި ފިރިހެނުން، ބަދުއަޚްލާޤީ ގޮތްގޮތަށް ގައިގޯޅިވެ، ބައްދައި އޮޅުލައި، މިއުޒިކު ޖަހައި، ނަށައިގެން ހޯދާ އެއްވެސް އާމްދަނީއަކީ މާތް ﷲގެ ދީނުގައި އެއްވެސް ގޮތަކުން ޙަލާލުވާނެ އެއްޗެއް ނޫނެވެ. އެއީ ޙަރާން އަލިފާނެވެ." ޝައިޚް ވިދާޅުވެފައިވެއެވެ.
ނިއުމާގެ ފޭސްބްކާ ހަވާލާދީ ހާލުގައި ޖެހިގެން ރާއްޖޭގެ ރަށަކަށް ބަދަލުވި ވާހަކަ ވަރަށް ގިނަ މީޑިއާ ތަކުން ވަނީ ގެނެސްދީފައެވެ. ނަމަވެސް ފަހުން ނިއުމާ ވަނީ ހާލުގައި ޖެހިގެން ބަދަލުވީ މާލެއިން ހުޅުމާލެ ކަމަށް ބުނެފައެވެ. ނަމަވެސް ފ. ނިލަންދޫ އަށް އޭނާ ބަދަލުވި ކަން މީޑިއާ ތަކުން ވަނީ ޔަގީން ކޮށްފައެވެ.
މިކަމާ ގުޅިގެން އަލީ ރަމީޒް ވަނީ ނިއުމާއަށް މާތްﷲ ނަހީކުރެއްވި ކަންކަން ދޫކޮށް ތެދުމަގަށް ރުޖޫއަވެ ރަނގަޅު ގޮތުގައި އުމުރުގެ ބާކީ އޮތް ބައި ގެންދިޔުމަށް ނަސޭހަތް ތެރިވެފައެވެ.
އެއާއެކު ނިއުމާވަނީ ހިތް ހަމަ ނުޖެހުން ފާޅުކޮށް ފޭސްބުކުގައި ޕޯސްޓެއް ހިއްސާ ކޮށްފައެވެ.
އެކަމާއި ގުޅިގެން ނިއުމާ ކުރި ޕޯސްޓެއްގައި ބުނީ، ކިތަންމެ ރަގަނޅު މީހަކަށްވެސް ދަތި ދުވަހެއް އަތުވެދާނެ ކަމަށެވެ. އަދި އެކަން އެނގޭނީ އަލީ ރަމީޒް ފަދަ އިލްމުވެރިންނަށް ކަމަށެވެ.
”މަމީ އޮރިޔާން ފިލްމު ކުޅެގެން މައްޝޫރު ވި މީހެއް ނޫން… މަ ފިލްމު ކުޅުނީ ބަންދު ކޮޓަރިއެއްގައެއް ވެސް ނޫން، އެތައް ބައެއް ކުރިމަތީ ތިބެގެން އެންމެންނަށް ފެންނަ ގޮތަށް ކުރި ހަލާލް މަސައްކަތަކުން މަ ފައިސާ ހޯދީ. މުޑުދާރު ލަވަ ކިޔައިގެން މީނަ އަށް ލިބުނު ލާރިގަނޑުން ކީއްބާ ކުރީ؟“ ނިއުމާ ބުނެފައި ވެއެވެ.
މީގެއިތުރުން ނިއުމާ ބުނީ، ސޯސަލް މީޑިއާ އިން ފެންނަ ޚަބަރުތަކަށް ”ބޭސްކޮށް“ މީހުންނަށް އެއްޗެހި ކިޔުން މީ އެންމެ ދީނީ ގޮތް ތޯއެވެ.
އަދި މި ގައުމުގައި އޮރިޔާމުން އުޅޭ މީހުންނަށް ދުވަހަކުވެސް ބަހެއް ނުބުނާކަން ފާހަގަ ކުރަމުން ނިއުމާ ބުނީ ”ކޮންމެހެން މަށާ ބެހޭނެ ކަމެއް“ ނެތް ކަމަށެވެ.
މި މައްސަލައިގަ ވަރަށްގިނަ މީހުން ބުނަމުންދަނީ ޢަލީ ރަމީޒުގެ ނަޞޭހަތަކީ ހަމަ އެންމެ ހެޔޮ ނަޞޭހަތެއްކަމަށާއި އެ ނަޞޭހަތް ނިއުމާއަށް ހަޖަމު ނުކުރެވުނީކަމަށެވެ. ބައެއް ފަރާތްތަކުން ޢަލީ ރަމީޒު ނިއުމާ އަށް ގުޅާ ވަކިން ނަޞޭހަތް ދިންނަމަ ރަނގަޅުވީސްކަމަށް ބުނެފައިވާއިރު އެކަމަށް ރައްދުދީ ބައެއް ފަރާތްތަކުން ބުނެފައިވަނީ ޢަލީ ރަމީޒު ނިއުމާއަށް ވަކިން ގުޅިނަމަ އުފެދޭނެ ފިތުނަ މާބޮޑުވާނެކަމަށާއި ނިއުމާ އެކަންތައް އޭނާ ބޭނުން ގޮތަކަށް އަނބުރާލައި ޢަލީ ރަމީޒުގެ ނަންް ހަޑިކޮށްލީސްކަމަށެވެ.
ނިއުމާ މިފަދައިން އަލީ ރަމީޒަށް ރައްދު ދީފައިވާއިރު، އިސްލާމް ދީނުގައި އަންހެނާގެ އައުރަ އަކީ މޫނާއި ދެއަތްތިލަ ނޫން ހުރިހާ ތަނެކެވެ. އަދި ހިލޭ ފިރިހެނުންނާއި ގައިގޯޅިވެ އުޅުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކަން ފާހަގަ ކޮށްލެވެއެވެ.