އިލެކްޝަންސް ކޮމިޝަނަށް ދެ މެންބަރުން އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް މިއަދު ދެބޭފުޅުން ޢައްޔަންކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނަށް ދެ މެންބަރުން އައްޔަން ކުރައްވާފައިވަނީ އެކޮމިޝަންގެ ދެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ނިންމައި ރައްޔިތުންގެ މަޖިލީހުން އެ ދެ މެންބަރުން ވަކިކުރުމާ ގުޅިގެންނެވެ. އެ މަގާމުތަކަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލި މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންތައް މަޖިލީހަށް ހުށަހަޅުއްވައި މަޖިލީހުން ރުހުން ދީފައިވަނީ މި މަހުގެ 15ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ދަފުތަރު ނަންބަރު ރސ 1548، މުޙައްމަދު ޒާހިދާއި ކ.ހުރާ، ރޯޒް/ ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ. މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، މި ދެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މެންބަރުކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، މުޙައްމަދު ޒާހިދާއި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވި ދެ މެންބަރުންނާއެކު އެކޮމިޝަނުގެ މެންބަރުންގެ އަދަދު މިހާރު ވަނީ ހަމަވެފައެވެ. އެހެންނަމަވެސް އެކޮމިޝަންގެ ރައީސާއި ނައިބުގެ މަގާމު އޮތީ ހުސްކޮށެވެ. ޤާނޫނަށް މިފަހުން ގެނައި ބަދަލާއެކު އެކޮމިޝަންގެ ރައީސާއި ނައިބު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެމަނިކުފާނު މި ދެ ބޭފުޅުން އައްޔަން ކުރައްވާނީ މަޖިލީހުގެ ރުހުން ހޯއްދެވުމަށްފަހުއެވެ.

advertisement
ހިޔާލު ދެއްވާ!