ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރެ، ފަތުރުވެރިކަމަށް ގެއްލުންވާ ގޮތަށް، ޓެރަރިޒަމްގެ ވާހަކަ ދެއްކުމާ ގުޅިގެން ސަސްޕެންޑު ކުރި މުޙައްމަދު ނިހާދުއަށް ހަދިޔާއެއްގެ ގޮތުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފިއެވެ.
ނިހާދު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން މިދިޔަ ޑިސެމްބަރު މަހުގެ 24ވަނަ ދުވަހު ސަސްޕެންޑު ކުރީ ވެރިކަންކުރާ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި އެމްޑީޕީން ރާއްޖޭގެ ޓޫރިޒަމަށް ގެއްލުންތަކެއް ދިނުމަށް މަސައްކަތްކުރާކަމަށް ވާހަކަތަކެއް ދައްކާފައިވަނިކޮށެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާދު ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނާ ހަމަކުރަން ސަރުކާރުން މަސައްކަތް ކުރަމުންދިޔައިރު ފަތުރުވެރިކަމަށް ހުރަސް އެޅުމަށް އެމްޑީޕީ މަސައްކަތްކުރަމުންދާކަމުގެ ތުހުމަތުކޮށްފައެވެ.
މިގޮތުން ނިހާދު ވަނީ މާލެ ކައިރީގައި އެއް ފަޅުތެރެއެއްގައި އޮތް ތިން ރިސޯޓެއްގައި އެމްޑީޕީން ބައްދަލުވުމެއް ބާއްވަން އެދުމުން މި ދުވަސްކޮޅު ރިސޯޓް ފުލްވެފައިވާތީ ނުބޭއްވޭނެ ކަމަށް އެންގުމުން ހުއްދަ ނުލިބުނަސް އެ ރިސޯޓަށް އެމްޑީޕީން އަރާނެ ކަމުގެ އިންޒާރު އެޕާޓީން ދީފައިވާ ކަމަށް ވިދާޅުވެފައެވެ.
އަދި އެގޮތަށް ރިސޯޓަށް އެރުމުގެ ފަހަތުގައި ހުންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކަމަށްވެސް އެ ޖަލްސާގައި ނިހާދު ވަނީ ވިދާޅުވެފައެވެ.
މިއާއެކު އެތައް ބައެއްގެ ފާޑުކިޔުން ނިހާދަށް އަމާޒުވެ ސަސްޕެންޑު ކުރުމަށްފަހު، އޭނާ އަށް މިވަނީ އަނެއްކާ ވެސް ހަމަ އެވަރުގެ މަގާމެއް ދީފައެވެ.