ދިމަހް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް 28 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ފެނަކަށް އިއްޔެ ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން ފެނަކަގެ މައްޗަށް ޙުކުމްކޮށްފައިވަނީ ދިމަހް ޕްރައިވެޓް ލިމިޓެޑުން އެ ކުންފުންޏަށް ދޫކުރި މުދަލާއި ޚިދްމަތްތަކަކަށް ދައްކަންޖެހޭ 31.1 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ނުލިބިވާ ފައިސާ ދެއްކުމަށެވެ.
މި މައްސަލާގައި އެކުންފުނިން ދަޢުވާ ކުރީ އެކުންފުންޏަށް ނުލިބިވާ 28.1 މިލިއަން ރުފިޔާ ހޯދައިދިނުމަށެވެ.
ސިވިލް ކޯޓުގެ ޙުކުމުގައި ވަނީ 28.1 މިލިއަން ރުފިޔާ 11 މަސް ދުވަހަށް ބަހާލައިގެން ކޮންމެ މަހަކު 2.5 މިލިއަން ރުފިޔާ ފެނަކައިން ދިމަހްއަށް ދެއްކުމަށް ހުކުމްކޮށްފަ އެވެ.
ފެނަކައިން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު އެތައް މިލިއަން ރުފިޔާއަށް އަރަ އެވެ. އެފަދަ މައްސަލަތައް ބައެއް ކުންފުނިތަކުން ކޯޓަށް ވެސް ހުށަހަޅަމުންދާ އިރު ފެނަކައިގެ އެކައުންޓްތައް ފްރީޒްކޮށްގެން ވެސް ބައެއް ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ކޯޓުން ދަނީ ނަގައިދެމުންނެެވެ.
ފެނަކައިން ލިބެން ޖެހޭ ފައިސާތައް ނުލިބިގެން މީގެ ކުރިން އެ ކުންފުނީގެ ހެޑް އޮފީސް ދޮރުމަތީގައި މުޒާހަރާވެސް ކޮށްފައިވެ އެވެ.