ކުއްލި ޚަބަރު

ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކޮށްފި

ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ފައިސަލް ވަކިކުރިކަން ރައީސް އޮފީހުން ޔަގީންކޮށްދީފައިވާއިރު، އިތުރު އެކަމާގުޅިގެން އެއްވެސް މައުލޫމާތެއް އެ އޮފީހުން ހިއްސާކޮށްފައެއް ނުވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިންގުން ވަގުތީ ގޮތުން އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދާ ހަވާލުކުރައްވައިފައެވެ.

ފައިސަލް މިނިސްޓަރުކަމަށް އައްޔަންކުރީ މި ސަރުކާރުގެ ފުރަތަމަ ދުވަހު، ނޮވެމްބަރު 17، 2023 ގައެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމަށް ފައިސަލް އައްޔަންކުރެއްވުމުން ބައެއް ފާޑުކިޔުންތައް އަމާޒުވިއެވެ. އެކަމަކު، އޭރު ސަރުކާރުން ރަސްމީ ސިފައެއްގައި އެ ކަމާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކައެވެ.

މަގާމުން ވަކިކުރުމާ ގުޅިގެން މިޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފައިސަލް ވަނީ ސިޔާސީ ކަންކަމުން ކުރިއަށްވުރެ ގަދައަށް ފެންނާނެ ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުގައި އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެއް މިނިސްޓަރަކީ ފައިސަލްއެވެ. އެގޮތުން ބައެއް ހަފުލާތަކުގައި ފައިސަލް އިނގިރޭސި ބަހުން ކުރެއްވި ތަގުރީރުތަކެއްގެ 'ފެންވަރު ދަށް' ކަމަށް ބުނެ ވެސް ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ. ފާޑުކިޔުންތަކާ ގުޅުވައި އޭނާ ވަނީ ވާހަކަދެއްކުމުގެ ހުނަރު އިތުރަށް ތަރައްގީކުރަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވެސް ސިޔާސީ ހަރަކާތަކުން ނުފެންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. ރައީސް މުއިއްޒުއާއި އަބްދުއްރަހީމް އާ ދެމެދުގައި އޮތް ގުޅުން މި ފަހުން ވަނީ ގޯސްވެފައިވާކަމަށް މީޑިއާތަކުގައި ވާހަކަދެކެވެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން މަޖިލީސް އިންތިޚާބުގެ ކުރީގައި އަބްދުއްރަޙީމް ފުރަތަމަ އައްޔަންކުރެއްވީ ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައި އެ މަނިކުފާނުގެ އެޑްވައިޒަރުގެ މަގާމަށެވެ.

އެއަށް ފަހު، މަޖިލީސް އިންތިޚާބުގައި ޕީއެންސީން ހޯދި ސުޕަމެޖޯރިޓީއާ އެކު މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވަނީ އަބްދުއްރަޙީމެވެ. ޕީއެންސީގެ ހަރުގެ ޖަލްސާތަކުގައި ވެސް ސަރުކާރުގެ ދިފާއުގައި އެންމެ ގަދައަށް ވާހަކަދައްކަވާ އެއް ބޭފުޅަކީ މަޖިލީހުގެ ރައީސް އަބްދުއްރަޙީމެވެ. މީގެ ކުރިން އަބްދުއްރަޙީމް ވަނީ ރައީސް މުއިއްޒާ އެންމެ ގާތް ބޭފުޅަކީ އެ މަނިކުފާނު ކަމަށް ވެސް ވިދާޅުވެފައެވެ.

advertisement
ހިޔާލު ދެއްވާ!