އައިޖީއެމްއެޗްގެ ނަރުހަކަށް މަގުމަތިން މީހަކު ހަމަލާދިން މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި، ކޯޓަށް ގެންދިޔުމުން އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
"ރިވާޔާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ 12:35 ހާއިރު މަޖީދީމަގު ކެލަމް ފިހާރަ ކައިރިން ދިޔަ ދިވެހި އަންހެނަކާ މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހ. ހަތްކޮޅު/މާލެ، މުހައްމަދު ޝާފީ(29އ) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ހައްޔަރު ކުރި ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ގާޒީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުުން ވިދާޅުވިއެވެ.
"ރިވާޔާ ނިއުސް" އަށް މައުލޫމާތު ދެމުން އެ ނަރުސްކުއްޖާ ބުނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 12:15 ހާއިރު ޑިއުޓީ ނިންމާފައި ޔުނިޕޯމުގައި ގެއަށް ދަމުން މަޖީދީމަގު(ހެންވޭރު)ގައި ހުންނަ ރެޑްވޭވަށް އެއްޗެއް ގަނެލަން ސައިކަލު ޕާކުކޮށްފައި ދަނިކޮށް ފަހަތުން ދުފައި އައި ފިރިހެނަކު ފުންމައިގެން އަރައި އޭނާގެ ބޮލުގައި ޖަހައި މަގުމައްޗަށް ވައްޓާލުމުން ބޮލަށާއި ބުރަކަށްޓަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. ގައިގެ އެކިތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ވީތަދުން އަވަހަށް ގެއާ ދިމާލަށް ދިޔަކަމަށާއި، ގެއަށް ދިޔަ ފަހުން، ލިބުނު އަނިޔާއިން އޭނާ ހޭނެތުނު ކަމަށާއި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ހޯދުމަށްފަހު، ޑޮކްޓަރު އަންގާފައި ވަނީ "ބެޑް ރެސްޓް" ނެގުމަށް ކަމަށް ވެސް އެކުއްޖާ ކިޔައިދިނެވެ.
22 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެ މައްސަލަ ފުލުސް އޮފީހުގައި ޖެއްސި ކަމަށް އަންހެން ކުއްޖާ ކިޔައި ދިނެވެ.
އެރޭގެ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ފުލުހުން އެކުއްޖާއަށް ދެއްކި ކަމަށާއި އެ ވީޑިއޯއިން އެމީހާ އައިސް ފުންމައިގެން އަރައި ހަމަލާދިންތަން ފެންނަ ކަމަށް ނަރުސްކުއްޖާ ކިޔައިދިނެވެ.
ފުލުހުން އެދުވަހު އޭނާ ކައިރީ ބުނެފައިވަނީ އެމީހާ އަކީ ބޯހަމަ ނުޖެހޭ މީހަކަމަށެވެ. އަދި އެމީހާ ހަމަލާ ދިންކަމަށް ބެލެވެނީ އައިޖީއެމްއެޗްގެ ނަރުސް ޔުނިފޯމުގައި ހުރުމުން ކަމަށް ބެލެވޭ ކަމަށް ފުލުހުން އޭރު ބުނެފައިވާ ކަމަށް ވެސް އެއަންހެން ކުއްޖާ ކިޔައި ދިނެވެ.
އަންހެން ކުއްޖާ ބުނީ އޭނާ އަށް އެމީހާގެ ފަރާތުން ފެނުނީ ބާރުގަދަ މަސްތުވާ އެއްޗެއް ބޭނުންކޮށްގެން އުޅުނު ކަހަލަ އަލާމާތްތަކެއް ކަމަށް ވެސް އެކުއްޖާ ކިޔައިދިނެވެ.