އަލީ ރަމީޒް

"މަންފާ" ގެ ނަމުގައި ޢަލީ ރަމީޒު ޖަމިއްޔާއެއް އުފައްދައިފި

އިސްލާމްދީނުގެ ދަޢުވަތުގައި ވަރަށްބުރަކޮށް އުޅުއްވާ ޢަލީ ރަމީޒު، 'މަންފާ' ގެ ނަމުގައި މުޅިން އައު ޖަމިއްޔާއެއް އުފައްދައި އެކަން އޭނާ އިޢުލާނުކުރައްވައިފިއެވެ.

އޭނާގެ ފޭސްބުކް ޕޭޖުގައި ރޭ އެޖަމިއްޔާގެ ލޯގޯ ހިއްސާކުރައްވައި ޢަލީ ރަމީޒު ވިދާޅުވެފައިވަނީ އިސްލާމް ދީނުގެ ރިވެތި ވަޢުޡާއި އިރުޝާދު މީސްތަކުންނަށް ފޯރުކޮށްދީ، އިސްލާމީ ދަންމަރު މިދީބުގައި ނެގެހެއްޓުމުގެ މަތިވެރި ނިޔަތާއެކު، ދީނީ، އިންސާނީ އަދި އިޖްތިމާޢީ ރޮނގުން އިސްލާމީ އުއްމަތަށް މަންފާ ހޯދައިދިނުމަށް މަސައްކަތްކުރުމުގެ މާތް މަޤްޞަދުގައި ޖަމްޢިއްޔާއެއް އުފައްދައިފިކަމަށާއި އަދި އެޖަމިއްޔާއަށް 'މަންފާ' ގެ ނަމުން ނަންދީ ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ.

‏"ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުން، އިސްލާމް ދީނުގެ ރިވެތި ވަޢުޡާއި އިރުޝާދު މީސްތަކުންނަށް ފޯރުކޮށްދީ، އިސްލާމީ ދަންމަރު މިދީބުގައި ނެގެހެއްޓުމުގެ މަތިވެރި ނިޔަތާއެކު، ދީނީ، އިންސާނީ އަދި އިޖްތިމާޢީ ރޮނގުން އިސްލާމީ އުއްމަތަށް މަންފާ ހޯދައިދިނުމަށް މަސައްކަތްކުރުމުގެ މާތް މަޤްޞަދުގައި އަޅުގަޑުމެން ޖަމްޢިއްޔާއެއް އުފައްދައި، މި ޖަމްޢިއްޔާއަށް "މަންފާ" ގެ ނަމުން ނަންދީ ރަޖިސްޓްރީ ކުރިކަމުގެ އުފާވެރި ޚަބަރު ތިޔަ ލޮބުވެތި އަޚުންނާ އުޚުތުންނަށް އަރުވަމެވެ." ޢަލީ ރަމީޒުގެ ހިއްސާކުރެއްވި ޕޯސްޓުގައި ވެއެވެ".

ރާއްޖޭގެ ކުދިބޮޑު އެންމެން ދަންނަ މަޝްހޫރު ޢަލީ ރަމީޒު ދީނީ ދަޢުވަތުގައި ކުރަމުންދާ މަަސައްކަތްތައް ކޮންމެ ދުވަހަކުވެސް ޢާއްމުންނަށް ފެންނަމުންދެއެވެ. ސޯޝަލްމީޑިއާގައި ނުފޫޒުގަދަ ޢަލީ ރަމީޒުއަކީ މުޖްތަމަޢުގައި ހިނގާ ނޭދެވޭ އެކިއެކި ކަންތައްތަކާމެދު ބަސްބުނަމުންދާ ބޭފުޅެކެވެ.

ޖަމްޢިއްޔަތުއްސަލަފު އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވައި އެ ޖަމިއްޔާ އުފެދުނީއްސުރެ އެންމެ ބުރަކޮށް އުޅުއްވި ޢަލީ ރަމީޒުވަނީ އެ ޖަމިއްޔާއިން ދާދިފަހުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާދެއްވި ސަބަބު ޢަލީ ރަމީޒު ހާމަކޮށްފައި ނުވިނަމަވެސް ޢަލީ ރަމީޒު ސަލަފު ޖަމިއްޔާއިން އިސްތިއުފާ ދީފައިވަނީ ސަލަފު ޖަމިއްޔާގެތެރޭގައި ފައިސާގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާތީކަމަށް ޢަލީ ރަމީޒުގެ ގާތް ބައެއް އެކުވެރިންގެ ފަރާތުން މި ނޫހަށް ވަނީ އެނގިފައެވެ.

advertisement
ހިޔާލު ދެއްވާ!