ދެ ތާޖުން ޒީނަތްތެރިވާށެވެ! (1)

ﷲ ތަޢާލާ އަޅުގަނޑުމެންނަށް ގުނައި އަދަދުނުކުރެވޭހައި ގިނަ ނިޢުމަތްތަކެއް ދެއްވިއެވެ.  އޭގެ ތެރޭގައި ބަސްމޮށުންތެރިކަން ވެއެވެ.

ބަސްމޮށުންތެރިކަމުގެ އަދާތަކީ ދުލެވެ. ސައިޒުން ކުޑަނަމަވެސް އެއީ ވަރަށް ބާރުގަދަ ހަތިޔާރެކެވެ. އެއީ ކުޑަކުޑަ ހަށިގަނޑެކެވެ. ނިކަމެތި ގުނަވަނެކެވެ. އެހެނަސް އެއީ އޭގެ ކިޔަމަންތެރިކަމާއި ބަސްނޭހުން ވަރަށް ބޮޑު ގުނަވަނެކެވެ. މީހެއްގެ އީމާންކަމާއި ކުފްރުވެރިކަން ފާޅުވެގެން ދަނީ އެއިގެ ތެރެއިންނެވެ.

އެއިގެ މައިދާން ވަރަށް ފުޅަލެވެ. އެއިގެ އުދަރެސް ވަރަށް ތަނަވަހެވެ. އެއީ އިންސާނާގެ ހިތުގެ  ތަރްޖަމާނެވެ. އިންސާނާގެ ފިކްރުތައް ފާޅުކޮށްދޭ އާލަތެވެ. އޭގެ ހެޔޮކަން ބޮޑެވެ. އޭގެ ނުބައިކަން  ބިޔައެވެ. ހެޔޮބަސް ބުނުމަށާއި މުހްތާދުތައް ފުއްދުމަށާއި ޝަރްޢުގައި އަންގަވާފައިވާ ގޮތަށް ލަގަން އަޅުވައިގެން ގެންގުޅެފިނަމަ އެއީ ކާމިޔާބުގެ ތަޅުދަނޑިއެވެ. އެކަމަކު އޭތި ޝައިޠާނާގެ އަތަށް ދޫކޮށްލައި އެއާމެދު އިހްމާލުވެއްޖެނަމަ އެއީ ނާމާންކަމާއި އަބާއްޖަވެރިކަމުގެ ބަނދަރެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ إِلاَّ حَصَائِدُ أَلسِنَتِهِمْ  [1]   –  އެބައިމީހުންގެ ދުލުން ކެނޑި ގޮވާމެއްގެ ސަބަބުން މެނުވީ މީސްތަކުން މޫނުވަތަށް ނަރަކައަށް ވައްޓައިލެވޭނޭ ހެއްޔެވެ؟)) އެކަލޭގެފާނުގެ އިތުރު ބަސްފުޅެއްގައި ވެއެވެ. ((إِذَا أَصْبَحَ ابْنُ آدَمَ فَإِنَّ الْأَعْضَاءَ كُلَّهَا تُكَفِّرُ اللِّسَانَ فَتَقُولُ اتَّقِ اللَّهَ فِينَا فَإِنَّمَا نَحْنُ بِكَ فَإِنْ اسْتَقَمْتَ اسْتَقَمْنَا وَإِنْ اعْوَجَجْتَ اعْوَجَجْنَا [2] –  ކޮންމެ ދުވަހަކަށް އާދަމުގެ ދަރިޔާ ހޭލުމުން އޭނާގެ ހުރިހާ ގުނަވަންތަކެއް ދުލަށް ކިޔަމަންގަނެ ބުނާނެތެވެ. އަހުރެމެންގެ ޙައްޤުގައި ތިބާ ﷲ ދެކެ ބިރުވެތިވާށެވެ! ފަހެ ހަމަކަށަވަރުން އަހުރެމެންނަކީ ތިބާގެ ބަޔަކީމުއެވެ. ފަހެ ތިބާ ސީދާވެގަތްފިނަމަ އަހުރެމެން ސީދާވެދާނެއެވެ. އަދި ތިބާ ކަސިޔާރުވެއްޖެނަމަ އަހުރެމެން ކަސިޔާރު ވެދާނެއެވެ.))

ﷲގެ ރުއްސެވުން ހޯދުމަށް ޓަކައި ދޫ ބޭނުންކުރެވިއްޖެނަމަ އެއީ ވަރަށް ފައިދާ ބޮޑު ނިޢުމަތެކެވެ. މި ވަސީލަތުން ހެޔޮ ދަރުމަތައް ޙާޞިލްކުރެވިދާނެއެވެ. އެއީ ﷲ ހަނދުމަކުރުމުންނެވެ. ﷲ ތަޢާލާގެ ފޮތުގައި، ކަމެއް ގިނައިން ކުރަށް އަންގަވައިފައިވާ ހަމައެކަނި ކަމަކީ ﷲ ހަނދުމަކުރުމެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީކުރެއްވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا * وَسَبِّحُوهُ بُكْرَةً وَأَصِيلًا[3] – އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ! އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް تسبيح ކިޔައި އުޅޭށެވެ!) ﷲ ހަނދުމަކުރުމަކީ ހިތަށްލިބޭ ހިތްހަމަޖެހުމެކެވެ. ނަފްސަށް ލިބޭ ރާޙަތެކެވެ. މާތްﷲވަޙީކުރެއްވިއެވެ. ((أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ[4] – ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ.))

މާތް ﷲ ރަޙްމަތްލެއްވި ޙަސަނުލްބަޞްރީ ވިދާޅުވިއެވެ. "ތިން ކަމެއްގެ ފޮނިމީރުކަން ތިޔަބައިމީހުން ލިބިގަންނާށެވެ! ނަމާދާއި ޒިކުރުކުރުމާއި ޤުރްއާނު ކިޔެވުމުންނެވެ. މި ތިން ކަމުން ފޮނިމީރުކަން ނުލިބުނު ނަމަ  ދޮރު ވަނީ ބަންދުވެފައި ކަން ދަންނާށެވެ!"

މާލިކު ބުނު ދީނާރު ވިދާޅުވިއެވެ. ﷲ ޢައްޒަ ވަ ޖައްލަ ހަނދުމަކުރުމުން ލިބޭ ލައްޒަތު އެހެން އެއްވެސް ކަމަކުން ނުލިބޭނެތެވެ."

މާތްﷲ ރަޙްމަތްލެއްވި އިމާމު އިބްނުލް ޤައްޔިމު ވިދާޅުވިއެވެ. "ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ވަގުތީ އަޅުކަމެއް ވެއެވެ. ހިތާއި ދުލުގެ އަޅުކަމަކީ ޒިކުރުކުރުމެވެ. އެއީ ވަގުތީ އަޅުކަމެއްނޫނެވެ. އެއީ ހުރިހާ ޙާލަތްތަކެއްގައި ވެސް ކޮއްޅަށްހުރެގެންނާއި އިށީނދެއިނދެގެންނާ އޮށޯވެއޮވެގެން ކުރަން ޖެހޭ އަޅުކަމެކެވެ. ސުވަރުގެއަށް ދަނޑުބިންތަކެއް ވެއެވެ. މި ބިންތަކުގެ ގަސްގަހާގެއްސަކީ ޒިކުރެވެ. ހަމައެފަދައިން ހިތްތަކަށް ހަނަފަސްވެ ޚަރާބުވެފައިވާ ބިންތަކެއް ވެއެވެ. މި ތަންތަން އާރާސްތުކުރެވޭނީ ޒިކުރުންނެވެ. އެއީ ހިތްތަކުން ދަމިލަފިލުވައިދޭ ބުރާސޯއެވެ. އެއީ އޭގެ ބަލިތަކުގެ ފަރުވާއެވެ. ކަންފަތުން ރީ، ދޫތަކުން މަންމަންކަން، ލޯތަކުން ކަނުކަން ފިލުވައިލެވޭނީ ޒިކުރުންނެވެ. އެއީ ﷲއާ އެކަލާނގެ އަޅާއާ ދެމެދުގައި ހުޅުވިފައިވާ ބޮޑު ދޮރޯށްޓެވެ. މި ދޮރޯށި ބަންދުވެގެން ދާނީ ޣަފްލަތްތެރިކަމުންނެވެ. ޝައިޠާނާ ޣާފިލު އަހްލުވެރިން ބަލިކޮށް ވައްޓައިލާ ފަދައިން  ޒިކުރުން ﷲގެ އަޅާ ޝައިޠާނާ ބަލިކޮށް ވައްޓައިލާނެއެވެ. އެއީ ޞާލިޙު ޢަމަލުތަކުގެ ރޫޙެވެ. ޒިކުރުކުރުމެއް ޢަމަލަކީ ފުރާނައެއްނެތް ހަށިގަނޑެކެވެ."

މާތް ﷲ ރުއްސުންލެއްވި އައްސައްޔިދާ  ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ((ނަބިއްޔާ صلى الله عليه وسلم  ހުރިހާ ވަގުތުތަކެއްގައި ﷲ ހަނދުމަކުރައްވާ ޒިކުރުކުރެއްވިއެވެ.))[5]

ﷲ ތަޢާލާ ހަނދުމަކުރާ މީހުންނަކީ އިސްވާރުންނެވެ. ހެޔޮ ޢަމަލުތަކުގައި އިސްނަގާ މީހުންނެވެ. އަބޫހުރައިރަތުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ((ރަސޫލާ صلى الله عليه وسلم މައްކާގެ މަގެއް މަތީގައި ހިންގަވައިފައި ވަޑައިގަންނަވަނިކޮށް ޖުމްދާން ނަމަކަށް ކިޔާ ފަރުބަދައެއް ކައިރިން ވަޑައިގެންނެވިއެވެ. އެހިނދު އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((سِيرُوا، هذا جُمْدانُ، سَبَقَ المُفَرِّدُونَ، قالوا: وَما المُفَرِّدُونَ يا رَسولَ اللهِ؟ قالَ: الذّاكِرُونَ اللهَ كَثِيرًا والذّاكِراتُ[6]  – މިއީ ޖުމްދާނެވެ. ތިޔަބައިމީހުން ހިނގައިފައި ކުރިއަށްދާށެވެ! މުފައްރިދުން އިސްވެ ކުރިއަރައިފިއެވެ. އެބައިމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! މުފައްރިދުންނަކީ ކޮން ބައެއް ތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އެއީ ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނެވެ.))

މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާއުގެފާނު އަރިހުން އިމާމު އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި ރިވާކުރެއްވިއެވެ. رسول الله صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((أَلا أُنَبِّئُكُمْ بخَيرِ أعمالِكُمْ، وأَزْكاها عِندَ مَليكِكُمْ، وأرفعِها في درَجَاتِكُمْ وخَيرٍ مِنْ إعطاءِ الذَّهبِ والوَرِقِ، وأَنْ تَلْقَوْا عدُوَّكم، فَتَضْرِبُوا أَعْنَاقَهم، وَيَضْرِبُوا أَعْنَاقَكُم؟ قالوا: وما ذاكَ يا رسولَ اللهِ؟ قال: ذِكْرُ اللهِ[7] – ތިޔަބައިމީހުންގެ އެންމެ ހެޔޮ ޢަމަލަކީ ކޮބައިކަން،  އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އެންމެ ޠާހިރުކަން ބޮޑު ޢަމަލަކީ ކޮބައިކަން، އަދި އެންމެ ދަރަޖަ މަތިވެރި ޢަމަލަކީ ކޮބައިކަން ،އަދި ރަނާއި ރިހިން ޞަދަޤާތްކުރުމަށް ވުރެ ހެޔޮކަން ބޮޑު ޢަމަލަކީ ކޮބައިކަން އަދި ތިޔަބައިމީހުން ތިޔަބައިމީހުންގެ ޢަދުއްވުންނާ ކުރިމަތިލައި ތިޔަބައިމީހުން އެބައިމީހުންގެ ކަރުގައި އަދި އެބައިމީހުންގެ ތިޔަބައިމީހުންގެ ކަރުގައި ޖަހައި ހަނގުރާމަކުރުމަށް ވުރެ ހެޔޮކަން ބޮޑު ޢަމަލަކީ ކޮބައިކަން ވިދާޅުވެދެއްވަން ހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! އެއީ ކޮން ކަމެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އެއީ ﷲ ހަނދުމަކޮށް ޒިކުރުކުރުމެވެ.))

މާތް ﷲ  ރުއްސުންލެއްވި މުޢާޛު ބުނު ޖަބަލު ވިދާޅުވިއެވެ. ((އަހުރެން ރަސޫލުﷲގެފާނާ ވަކިވަމުން އެންމެ ފަހުން ދެންނެވީމެވެ. ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ކޮބައިތޯއެވެ؟ ޙަދީސްކުރެއްވިއެވެ. أن تَموتَ ولسانُك رَطبٌ من ذِكرِ اللَّهِ عزَّ وجلَّ[8] – ތިބާގެ ދޫ ﷲ ޢައްޒަ ވަ ޖައްލައަށް ޒިކުރުކުރުމުން ތެމިފޯވެފައިވާ ޙާލުގައި ތިބާ މަރުވެދިޔުމެވެ.))

ﷲ ތަޢާލާ ހަނދުމަކޮށް ޒިކުރުމުގެ މާތްކަމާއި އެ ކަން ކުރުން ގިނަކުރުމަށް ގޮވައިލާ ﷲގެ ބަސްފުޅުތަކާއި ރަސޫލާގެ ޙަދީސްފުޅުތައް ވަރަށް ގިނައެވެ.

1) އެންމެ މަތިވެރި ޒިކުރަކީ އަދި ޒިކުރުތަކުގެ ތާޖަކީ :لا إله إلا الله އެވެ. ޒިކުރުކުރުމުގެ މާތްކަމާ ބެހޭގޮތުން ރަސޫލުﷲ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ.

2) ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((مَن قالَلا إِلَهَ إِلّا اللَّهُ وَحْدَهُ لا شَرِيكَ له، له المُلْكُ وَلَهُ الحَمْدُ، وَهو على كُلِّ شيءٍ قَدِيرٌ، في يَومٍ مِائَةَ مَرَّةٍ؛ كانَتْ له عَدْلَ عَشْرِ رِقابٍ، وَكُتِبَتْ له مِائَةُ حَسَنَةٍ، وَمُحِيَتْ عنْه مِائَةُ سَيِّئَةٍ، وَكانَتْ له حِرْزًا مِنَ الشَّيْطانِ يَومَهُ ذلكَ حتّى يُمْسِيَ، وَلَمْ يَأْتِ أَحَدٌ أَفْضَلَ ممّا جاءَ به، إِلّا أَحَدٌ عَمِلَ أَكْثَرَ مِن ذلكَ، وَمَن قالَ: سُبْحانَ اللهِ وَبِحَمْدِهِ، في يَومٍ مِائَةَ مَرَّةٍ؛ حُطَّتْ خَطاياهُ ولو كانَتْ مِثْلَ زَبَدِ البَحْرِ[9] – ދުވާލަކު ސަތޭކަފަހަރު لاإِلَهَ إِلّا اللَّهُ وَحْدَهُ لا شَرِيكَ له، له المُلْكُ وَلَهُ الحَمْدُ، وَهو على كُلِّ شيءٍ قَدِيرٌ ކީ މީހާ ދިހަ އަޅުން މިނިވަންކުރި ފަދައެވެ. އޭނާއަށް ސަތޭކަ ހެޔޮކަން ކުރުމުގެ ސަވާބު ލިޔުއްވާނަތެވެ. އަދި ސަތޭކަ ނުބައި ޢަމަލުކުރުމުގެ ފާފަ ފުއްސަވާނެތެވެ. އަދި އެއީ އެ ދުވަހު ހަވީރުވަންދެން ޝައިޠާނާގެ ކިބައިން ލިބިގެންވާ ރައްކައުތެރިކަމެކެވެ.

3) މާތް ﷲ ރުއްސުންލެއްވި އަބޫ އައްޔޫބުލްއަންޞާރީ ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ ((من قال إذا صلّى الصبحَ لا إلهَ إلا اللهُ وحدَه لا شريكَ له له الملكُ وله الحمدُ وهو على كلِّ شيءٍ قديرٌ عشرَ مراتٍ كنَّ له كعِدلِ أربعِ رقباتٍ وكُتِبَ له بهن عشرُ حسناتٍ ومُحِيَ عنه بهنَّ عشرُ سيئاتٍ وكنَّ له حرزًا من الشيطانِ حتى يمسِيَ وإذا قالها بعدَ المغربِ فمثلُ ذلك [10] – ފަތިސްނަމާދު ކުރުމަށް ފަހު لا إلهَ إلا اللهُ وحدَه لا شريكَ له له الملكُ وله الحمدُ وهو على كلِّ شيءٍ قديرٌ ދިހަ ފަހަރު ކީ މީހާ 4 އަޅުން މިނިވަންކުރުމާ އެއްވަރުވެގެން ވެއެވެ. މި ކަލިމަތަކުން އޭނާއަށް ދިހަ ހެޔޮކަން ކުރުމުގެ ސަވާބު ލިޔުއްވާނެތެވެ. އަދި ދިހަ ނުބައި ޢަމަލު ކުރުމުގެ ފާފަ ފުއްސަވާނެތެވެ. އަދި ހަވީރުވަންދެން ޝައިޠާނާގެ ކިބައިން ލިބިގެންވާ ރައްކަލަކަށް ވާނެތެވެ. އިރުއޮއްސުމަށް ފަހު އެފދައިން ހަމަ އެގޮތަށް ކީ މީހާއަށް އެފަދަ ސަވަބާއި ރައްކައުތެރިކަން ލިބިގެންވާނެއެވެ.))

4) މާތް ﷲ ރުއްސުންލެއްވި އަލްމުޣީރަތު ބުނު ޝުޢުބާގެ އަރިހުން ބުޚާރީ ރިވާކުރައްވައިފައިވާ ގޮތުގައި ނަބިއްޔާ صلى الله عليه وسلم  ފަރްޟު ނަމާދުތައް ކުރެއްވުމަށް ފަހު މި މަތިވެރި ޒިކުރު ތިން ފަހަރު ވިދާޅުވިއެވެ. އަދި މަޣްރިބު ނަމާދާއި ފަތިސްނަމާދަށް ފަހު ދިހަ ފަހަރު ވިދާޅުވިއެވެ.

(ނުނިމޭ)

 

ޙަވާލާ:

[1]  –  رواه الطبرانى وابن ماجه والترمذى وأحمد و الألباني فى صحيح الترغيب( ٢٨٦٦  ) و الحاكم، في  المستدرك  (3594)

[2]  – أخرجه الترمذي (٢٤٠٧)  وأحمد (١١٩٢٧)

[3]  – الأحزاب: 41- 42

[4]  – الرعد: 28

[5]  –  أخرجه البخاري معلقاً بصيغة الجزم قبل حديث (٦٣٤)، وأخرجه موصولاً مسلم (٣٧٣)

[6]  –  أخرجه البخاري (١٧٢٨) ومسلم (٢٦٧٦) و ابن حبان  ( ٨٥٨ )

[7]  – أخرجه الترمذي (٣٣٧٧)، وابن ماجه (٣٧٩٠)، وأحمد (٢١٧٠٢)

[8]  – ابن حجر العسقلاني :  نتائج الأفكار١/٩٤

[9]  – أخرجه البخاري (٣٢٩٣)، ومسلم (٢٦٩١)

[10]  – أخرجه أحمد (٢٣٥١٨)، وابن حبان (٢٠٢٣)، والطبراني (٤/١٨٦) (٤٠٩٢)، و الترمذي (٣٥٥٣) والنسائي في ((السنن الكبرى)) (٩٨٥٢)

advertisement
ހިޔާލު ދެއްވާ!