ދުނިޔެ ތަހުޒީބުވަމުންދާ ވަރަކަށް "އިޤްތިޞާދް" އޭ މިކިޔާ އެއްޗެއްގައި އެކުލެވޭ ބައިތަކުގެ މާނަ ވެސް ބަދަލުވަމުން ކުރިއަރަމުންދެއެވެ. އުފެދިގެން އަންނަ އިޤްތިޞާދީ ވިސްނުންތަކުގެ ތެރޭގައި "ކްރިއޭޓިވް އިކޮނޮމީ" ފާހަގަކޮށްލެވޭއިރު، އޭގެ ތެރޭގައި އުފެއްދުންތެރިކަމާއި، އީޖާދީ އާ އުފެއްދުންތަކާއި، ފިކުރީ މުދަލަށް ބަރޯސާވާ ދާއިރާތައް ހިމެނެއެވެ. ދިވެހިރާއްޖެފަދަ ގުދުރަތީ ރީތިކަމާއި ފުރިހަމަކަން ލިބިފައިވާ ގައުމަކަށް، "އުފެއްދުންތެރި އިޤްތިޞާދެއް" ވެގެންދާނީ ދެމެހެއްޓެނިވި ކުރިއެރުމާއި، ސަގާފީ އަދި އާސާރީ ތަރިކަ ރައްކާތެރިކޮށްދީ، އިޖުތިމާއީ ތަރައްގީއަށް ލިބޭ އަގުހުރި ފުރުޞތެކެވެ.
ކްރިއޭޓިވް އިކޮނޮމީ އަކީ ކޮބައި ހެއްޔެވެ؟
"އުފެއްދުންތެރި އިޤްތިޞާދަކީ" އެތައް ޒަމާނެއްގެ ޚިޔާލުތާއި، ވިސްނުމާއި، ޢިލްމާއި، ހުނަރާއި، ސަޤާފީ އަދި އީޖާދީ އުފެއްދުންތަކުގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދެކެވެ. އެއީ ފުޅާ ދާއިރާއެއްގައި އާޓްސް، ޑިޒައިން، މިއުޒިކް، ލިޓަރޭޗަރ، ފިލްމް، ފެޝަން، އަދި ޑިޖިޓަލް މީޑިއާ ފަދަ ސިނާއަތްތައް ހިމެނޭ ގޮތަށެވެ. މި އިޤްތިޞާދު ކުރިއަރަނީ، ވަކިވަކި ފަރުދުންގެ ޚާއްޞަ ހުނަރާއި، ކުޅަދާނަކަމާއި، ފަންނުވެރި އީޖާދީ ވިސްނުންތަކުގެ ތެރެއިން އުފެދޭ، ސަޤާފީ، އާސާރީ، އާދަކާދަތަކާއި ގުޅުންހުރި އެންމެހާ އުފެއްދުންތަށް، އިޤްތިޞާދީ އަގަށް ބަދަލުވެގެންނެވެ. މިފަދަ އުފެއްދުންތެރި އިޤްތިޞާދަކުން ދިވެހިރާއްޖެއަށް އަންނަނިވި ފައިދާތަށް ޙާޞިލް ކުރެވިދާނެއެވެ.
ސަގާފަތް ރައްކާތެރިކުރުމާއި ކުރިއެރުވުން: ދިވެހިރާއްޖެ އަކީ ޤަދީމީ ސަގާފީ މިއުޒިކާއި، ޅެންވެރިކަމާއި، ލަވަކިއުމާއި، ނެށުމާއި، ގުޅުންހުރި އެކިއެކި ހުނަރާއި ވައްޓަފާޅިއާއި، ކުޅަދާނަކަން ދައްކުވައިދޭ އެތަށް ފަންނެއް ހިމެނޭ މުއްސަނދި ސަގާފީ ތަރިކައެއް ލިބިފައިވާ ޤައުމެކެވެ. އުފެއްދުންތެރި އިޤްތިޞާދަށް "އިންވެސްޓް" ކޮށްގެން، ދިވެހިންނާއި ފަތުރުވެރިންނަށްވެސް މި ފަންނުވެރިކަން އިޝްތިހާރުކޮށް، ޕްރޮމޯޓްކޮށް، މި ފަންނުވެރިކަން ރައްކާތެރިކޮށް އަންނާންއޮތް ޖީލުތަކާހަމަޔަށް ވާޞިލު ކުރެވިދާނެއެވެ. މިސާލަކަށް މިދާއިރާތަކުގެ ފަންނާނުންނަށް ބައިނަލްއަގްވާމީ ބާޒާރުތަކުގައި އެމީހުންގެ ހުނަރާއި ކުޅަދާނަކަން ދައްކުވައިދީ، ސަގާފީ ޝަރަފާއި ފަޚުރުވެރިކަން އިތުރުކޮށްދީގެން، އާމްދަނީގެ މަސްދަރެއް ހޯދައިދެވިދާނެ އެވެ.
ފަތުރުވެރިކަން ކުރިއެރުވުން: ޗާލު ގޮނޑުދޮށްތަކާއި އެއާއި ގުޅިފައިވާ ސާފު މޫދުގެ ހިތްގައިމު މާހައުލުގައި ހަދާފައިވާ އަގުމަތި ރިސޯޓްތަކުގެ ސަބަބުން، ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ދިވެހިރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް، ދިވެހީންގެ ސަޤާފީ ތަރިކައިގެ އުފެންދުންތަކާއި އާދަކާދައާއިގުޅޭ ހުށަހެޅުންތަކާއި، ކާބޯތަކެތީގެ ތަފާތު ރަހަތަކާއި، ހުނަރުވެރިންގެ އީޖަދީ އެތަށް އުފެއްދުމެއް، ފަތުރުވެރިކަމުގެ އެކިއެކި މަޢުރަޒުތަކުގައި ހުށަހަޅާ، ވާދަވެރިންނާއި ތަފާތު އެތައް އުފެއްދުންތަކެއްގެ ތެރެއިން، އިޤްތިޞާދު ސިންދަފާތުކޮށް ކުރިއެރުވިދާނެއެވެ. މިގޮތުން އާޓް ފެސްޓިވަލްތަކާއި މިއުޒިކް ކޮންސެޓްތަކާއި ކެއްކުމާއި ދިވެހި ތަފާތު ރަހަތަކުގެ ތަޖުރިބާތައް ފަދަ އުފެއްދުންތަކަކީ، ޤައުމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ޝައުގުވެރިކަން އިތުރުކުރެވިދާނެ ކަންކަމެވެ. މިކަމުގެ ސަބަބުން ފަތުރުވެރިންގެ ތަޖުރިބާ މުއްސަނދިވެ، ރާއްޖޭގައި ތިބޭ މުއްދަތު އިތުރުވެ، ލޯކަލް ވިޔަފާރިތަކަށް ފައިދާ ކުރާނެއެވެ.
އިޤްތިޞާދު ސިންދަފާތުކުރުމުގެ ތެރެއިން ވަޒީފާ އުފެއްދުން: އުފެއްދުންތެރި އިޤްތިޞާދުގެ ސަބަބުން ފިލްމު އުފެއްދުމުން ފެށިގެން ޑިޖިޓަލް ކޮންޓެންޓް އުފެއްދުމާއި ހަމައަށް އެކި ދާއިރާތަކުން ވަޒީފާ އުފެއްދުމަށް ބާރުއެޅިގެން ދާނެއެވެ. އެކިއެކިހުނަރު ތަރައްގީކުރުމާއި ވިޔަފާރިވެރިކަން ކުރިއެރުވައިގެން، މަސްވެރިކަމާއި ފަތުރުވެރިކަން ފަދަ ޞިނާއަތްތަކަށް ދިވެހިރާއްޖެ ބަރޯސާވުން ކުޑަކޮށް، އިޤްތިޞާދީ އިތުރު ޞިނާޢަތްތަކެއް އުފެއްދިދާނެ އެވެ.
ޒުވާނުން ބާރުވެރިކުރުން: އުފެއްދުންތެރި ސިނާއަތްތަކުގައި ޒުވާނުން ބައިވެރިކޮށްގެން އެމީހުންގެ ވިސްނުންތަކާއި ހުނަރުތައް ފައްކާކޮށް، މާނަހުރި "ކެރިއަރ" ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގު ހުޅުވިގެންދާނެ ކަމެކެވެ. އާޓްސް އަދި ޑިޖިޓަލް ހުނަރުތަކަށް އަމާޒުކޮށްގެން ހިންގާ އިޖާދީ، ތަޢުލީމީ ޕްރޮގްރާމްތަކަކީ، އަންނާންއޮތް ޖީލުތަކާހަމަޔަށް، އާ އުފެއްދުންތައް އުފެއްދާނެ ޢިލްމީ ޤާބިލްކަމާއި، ފަންނީހުނަރާއި ޢަމަލީ ތަޖުރިބާތަކެއް ފޯރުކޮށްދީ، އަދި އޭގެސަބަބުން އިގްތިސާދަށް ޙިއްޞާ ކުރުމަށް ބާރުއެޅޭނެ ޕްރޮގްރާމްތަކަށް ވެގެންދާނެއެވެ.
ދެމެހެއްޓެނިވި ތަރައްޤީ: އުފެއްދުންތެރި އިޤްތިޞާދަކީ ދެމެހެއްޓެނިވި ތަރައްޤީއާއި ގުޅި ލާމެހިފައިވާ، ދިވެހި އުފެންދުންތަކަށް ހިތްވަރުދީ، ތިމާވެއްޓަށް ކުރާ ނޭދެވޭއަސަރު އެންމެ ކުޑަކުރެވޭނެ މަގުން ފަރުމާކުރެވޭ އިޤްތިޞާދެކެވެ. ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަން ކުރިއަރުވާ، އިޝްތިހާރު ކޮށް ޕްރޮމޯޓްކޮށް، ދެމެހެއްޓެނިވި ފަންނުތަކުގެ (އާޓްތަކުގެ) ދައްކާލުންތަށް އިޝްތިހާރުކޮށްގެން، ދިވެހިރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަން ހިމާޔަތް ކުރެވި، އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ފައިދާތަކެއް ލިބިގެންދާނެއެވެ.
ނިންމާލަމުންވެސް ދަންނަވަންއޮތީ، އުފެއްދުންތެރި އިޤްތިޞާދެއްގެ އެހީގައި ދިވެހިރާއްޖެ މިއޮތްޙާލަތުން އެހެން ޙާލަތަކަށް ބަދަލު ކުރުމަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ރަގަޅުގޮތުގައި ޚިޔާރުކުރެއްވުން ނުހަނު ބޭނުންތެރިއެވެ. ރާއްޖޭގެ ސަޤާފީ މަންޒަރުތަކަށް ދިރުމާއި މުއްސަނދިކަން ގެނެސްދީ، އިޤްތިޞާދީ ދުވެލި ހަލުއިކޮށް، މާލީ ކުރިއެރުން ގެނުވާދޭނެ މަސްދަރަކަށް "އުފެންދުންތެރި އިޤްތިޞާދު" ބަދަލުކުރުމަކީ، ހަމަކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. އުފެއްދުންތެރި އާ އީޖާދުތަކަށް އޭގެ ޙަޤީޤީ ދައުރު ހޯދައިދީ، ގައުމުގެ ތަރީޚީ، އާސާރީ ޚާއްޞަ ތަރިކަތައް ދަމަހައްޓާ ރައްކާތެރިކޮށްދީ، ރައްޔިތުންނާއި ޒިޔާރަތްކުރާ ފަރާތްތައްވެސް ހިނިތުންކުރުވާފަދަ، ތަނަވަސް މުސްތަގުބަލަކަށް ވާޞިލުވުމުގެ މަގު ފަހިކުރުމަށްޓަކައެވެ. މި އުފެއްދުންތެރި އިޤްތިޞާދީ ފުރުޞަތުތަކުގެ ބޭނުންހިފައިގެން، އިންގިލާބީ ކުރިއެރުންތަކެއް ހޯދައިގަތުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް އޮތްއިރު، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ވިޔަފާރިތަކާއި، މުޖުތަމަޢުގެ އެއްބާރުލުން ދީ، މި ތަޞައްވުރު ހަޤީޤަތަކަށް ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ، ހަމަ ކޮންމެ ދިވެހި މުވާޠިނެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ.