ފަޒުލް އާއި ފަޒީލް-- ފޮޓޯ: އަދަދު

ފަޒުލްގެ ގެއިން ފެނުނު ފައިސާ އަނބުރާ ރައްދުކޮށްދީފި ކަމަށް ފުލުހުން ބުނިއިރު ތަފްސީލެއް ހާމައެއް ނުކުރި!

ބިންވެރިޔާ ސްކީމުން އުސޫލާ ހިލާފަށް އެޗްޑީސީން ގޯތި ދޫކުރި މައްސަލާގައި ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ، ކުރީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ދިރިއުޅޭ ގެ ބަލާފާސްކުރި ކުރުމުގައި އެ ގެއިން ފެނުނު ފައިސާ އަނބުރާ އޭނާއަށް ރައްދުކޮށްދީފި ކަމަށް ފުލުހުން މިއަދު ހާމަކޮށްފައިވާއިރު އެކަމުގެ ތަފްސީލެއް ފުލުހުން ނުދެއްވިއެވެ.

 ފުލުހުން ފަޒުލް ދިރިއުޅެމުން އަންނަ ޒޭވަރުގެއަށް ފުލުހުން ވަދެ ފާސްކޮށްފައިވަނީ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހުގެ ރެއެވެ. ފުލުހުން އެ ގެ ބަލާފާސްކުރި ރޭ، އެ ގޭގައި ހުރި ދަބަހަކުން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ފެނުނު ކަމަށް ބުނެ ވާހަކަތައް ފެތުރުނެވެ.

ނަމަވެސް މިކަމާ ގުޅޭގޮތުން އޭރު ފުލުހުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވާއިރު، މިއަދު ފުލުހުންގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއް ގައި ބުނެފައިވަނީ، ފަޒުލް ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާއާއި ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ފައިސާ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

ބިންވެރިޔާ ސްކީމުން އުސޫލާ ހިލާފަށް އެޗްޑީސީގެ ތެރެއިން ފަޒުލް ރަޝީދުގެ ބޭބެއަށް ގޯއްޗެއް ހޯދައިދިނުމަށް ކުރިކަމަށް ބުނާ މުއާމަލާތާ ގުޅިގެން ފަޒުލް ވަނީ އޭނާގެ މައްޗަށް ކުރަމުންގެންދާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ފަޒުލް ވިދާޅުވެފައިވަނީ އެޗްޑީސީގެ ތެރެއިން އުސޫލާ ހިލާފަށް އެއްވެސް މީހަކަށް ގޯއްޗެއް ދީފައިނުވާނޭ ކަމަށެވެ. އެކަމާ ގުޅިގެން ކުރެވެމުންދާ ތަހުގީގުތަކަށް އެއްބާރުލުން ދިނުމަށް ފަޒުލް ރަޝީދު ވަނީ އެޗްޑީސީގެ އެމްޑީކަމުން އިސްތިއުފާވެސް ދެއްވާފައެވެ.

އެޗްޑީސީ މައްސަލަ ފުލުހުން ތަހުގީގުކުރަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައެވެ. މިކަމާ ގުޅޭގޮތުން ފުލުހުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، ކުރީ ސަރުކާރުން އުސޫލުން ބޭރުން ބައެއް ފަރާތްތަކަށް ގޯތި ދިނުމަށް ލިޔުން ދޫކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. ފުލުހުންގެ އެ ވާހަކަތަކާ ގުޅިގެން މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ފުލުހުންގެ އެ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

ސިޔާސީ ފަރާތްތަކުން ބުނަމުންދަނީ އެޗްޑީސީގެ ބޮޑު ބިޔަ ކޮރަޕްޝަން މިސަރުކާރަށް ތަހުގީގުކޮށް އަދަބު ދޭންޖެހޭ މީހުންނަށް އަދަބު ނުދެވޭނެ ކަމަށެވެ. ސަބަބަކީ އެ ކޮރަޕްޝަނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ސަރުުކާރުގެ ވެރިން ބައިވެރިވެ އެކަމުގެ ފައިދާ ލިބިގެންފައިވާތީއެވެ.

ސަރުކާރުގެ ވެރިންގެ އިތުރުން ފުލުހުންނާއި އަދުލު އިންސާފު ގާއިމުކުރާ ތަންތަނުގެ އިސް ބޭފުޅުންވެސް މި ކަރަޕްޝަންގެ ނެޓްވޯކުގައި ބައިވެރިވާ ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

advertisement
ހިޔާލު ދެއްވާ!