ޤަތުލުއާންމުގައި އުތުރު ޣައްޒާއިން ބޭރުކުރި މީހުން އެނބުރި އައުން

ޣައްޒާއިން މީހުން ބާލަން ޓްރަމްޕް ދައްކާ ވާހަކަތަކަށް އިސްލާމިކް ޖިހާދުން ރައްދުދީފި!

ފަލަސްޠީނުގެ ޣައްޒާއިން މީހުން ބާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކާ ވާހަކަތަކަށް، ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރާ ޖަމާޢަތެއް ކަމުގައިވާ އިސްލާމިކް ޖިހާދުން ރައްދުދީފިއެވެ.

އިސްލާމިކް ޖިހާދު ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނީ އެމީހުން ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ކުރަމުން އަންނަ ޖިހާދު ހުއްޓާލުމެއް ނެތްކަމަށާ އޭގައި އޮތީ ކާމިޔާބުވުން ނުވަތަ ޝަހީދުވުން ކަމަށެވެ.

އެ ޖަމާޢަތުން ބުނީ ޣައްޒާގެ ރައްޔިތުން ޣައްޒާއިން ފޭބުން ނޫންގޮތެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް އޭނާގެ ބޮޑާކަމާއެކު ބުނެފައިވާ ކަމަށެވެ. އެކަމަކު އެމެރިކާއިން ދީގެން، 15 މަސް ދުވަސް ވަންދެން، 80،000 ޓަނުގެ ބޮން،  ޣައްޒާގެ ރައްޔިތުންގެ ބޮލަށް އަޅައިގެން ވެސް ޣައްޒާގެ ރައްޔިތުން އެރަށުން ބޭރު ނުކުރެވުނުކަން ޓްރަމްޕް ހަނދާން ކުރަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމިކް ޖިހާދުން ބުނީ، އެވަރަށް ބޮންއަޅައިގެން ނުވި ކަމެއް ނަސްލީތަފާތުކުރުމާ އޮޅުވާލުމުން ފޯވެފައިވާ އޭނާގެ ވާހަކަތަކުން ޙާޞިލްވާނެތޯ މީ މިއަދު ޓްރަމްޕުގެ ޙިޔާލަށް ގެންނަން ޖެހޭނެ ކަމެއް ކަމަށެވެ.

އެ ޖަމާޢަތުން ބުނީ ފަލަސްޠީނުގެ ރައްޔިތުން ޚިޔާރު ކުރީ އަޅުވެތިކަމާ ދެކޮޅުހެދުން ކަމަށާ އެމަގުން އެ ރައްޔިތުން ކުރިއަށް ދާތާ މިހާރު އެތައް އަހަރެއް ވެފައިވާ ކަމަށެވެ. އަދި ޓްރަމްޕުގެ ކުރިން ވެސް ފަހުން ވެސް އެކަން އޮތީ އެގޮތަށް ކަމަށް އިސްލާމިކް ޖިހާދުން ބުންޏެވެ.

އިސްލާމިކް ޖިހާދުން ޓްރަމްޕްއަށް ރައްދު ދީފައި މިވަނީ ޣައްޒާއިން މީހުން ބާލާ، އެތަނާ އެމެރިކާއިން ހަވާލުވެ ޣައްޒާ ތަރައްޤީ ކުރާނެ ކަމަށް ޓްރަމްޕް އިއްޔެ ބުނެފައި ވަނިކޮށްނެވެ. ޓްރަމްޕް އަންނަނީ ޣައްޒާގެ ރައްޔިތުން ޣައްޒާއިން ފޭބުން ނޫން ގޮތެއް ނެތް ކަމަށްބުނެ ގިނަ ވާހަކަތަކެއް ދައްކަމުންކަން ފާހަގަކުރެވެއެވެ.

 

advertisement
ހިޔާލު ދެއްވާ!