ރިޔާސީ ބަޔާން އިއްވަން ހުރަސްއެޅި އެމްޑީޕީ މެމްބަރުން ބޭރުކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަލުން ފަށައިގެން ކުރިއަށްއެބަދެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތުގައި އިންނެވި މި ޖަލްސާގެ އެޖެންޑާގައި އޮތީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވުން އެކަންޏެވެ.
މިއަދު ހެނދުނު 9:00ގައި ޖަލްސާ ފެށުނީ ޤުރުއާނުގެ ބަރަކާތުންނެވެ. އެއަށްފަހު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވުމާއިއެކު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ މަޖިލީހުގައި އިހުތިޖާޖުކުރަން ފަށައިފައެވެ.
އެއާއިއެކު ރިޔާސަތުން، އެ މެމްބަރުންނަށް އެކަން ނުކުރުމަށާ މަޖިލީހުގެ ޤަވާޢިދަށް ޙުރުމަތްތެރިކޮށް ހިއްތެވުމަށް ނެސޭޙަތްތެރިވެލެއްވިއެވެ. ނަމަވެސް އެ މެމްބަރުންގެ އިހުތިޖާޖު ހުއްޓާ ނުލެއްވުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވަނީ އަޑުގަދަ ކުރެއްވި މެމްބަރުންގެ ނަން އިއްވައިފައެވެ.
އަދި އެ މެމްބަރުން މަޖިލީހުން ނުކުންނަވަންދެން މަޖިލިހުގެ ޖަލްސާ މެދުކަނޑާލިކަން ފާހަގަކުރެވެއެވެ.
ރިޔާސީ ބަޔާން އިއްވުމަށް ހުރަސްއެޅުމަށް އިހުތިޖާޖުކުރި އެމްޑީޕީގެ 12 މެމްބަރުން ވަނީ އެކިއެކި ޝުޢޫރުތައް ލިޔެފައިވާ ކަރުދާސްތައް ހިފައިގެން މަޖިލިހުގައި އަޑުގަދަކޮށް އިހްތިޖާޖް ކޮށްއެވެ.