މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ ޖަލްސާތަކަށް ދިއުން ހުއްޓާލެއްވީ ކުރީ ގޮނޑިބަރީގައި ބާޣީން ބައިތިއްބަން ފެށީމާ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އިބުރާހީމް އިސްމާޢީލް، އިބުރާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ވެރިކަން މީގެ 13 އަހަރު ކުރިން 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ގައި ވެއްޓުނު ޙާދިސާއާއި ގުޅިގެން ގިނަ ބަޔަކު މީސްމީޑިއާގައި ޝުޢޫރު ފާޅުކުރަމުން އަންނަ މި ދަނޑިވަޅުގައި އިބުރާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމް.ޑީ.ޕީ ގެ ޖަލްސާތަކަށް ދިއުން ހުއްޓާލީ، ކުރީ ގޮނޑިބަރީގައި އިބުރާއާއެކު ބާޣީން ބައިތިއްބަން ފެށީމާ ކަމަށެވެ.
އިބުރާ ވިދާޅުވީ އެފަދަ މީހުން އެމްޑީޕީ ޕޯޑިއަމްގައި ތިބެ ދައްކާވާހަކަ އަޑުއަހަން ނަފްސަށް އުނދަގޫކުރުވާ އަދި މޭ ނުބައިކުރާވަރުން އޭނާ އެމްޑީޕީ ޖަލްސާތަކަށް ޙާޟިރުވުން ހުއްޓާލެއްވީ ކަމަށެވެ.
ފެހި ޤާނޫނު އަސާސީ އިސްލާޙް ކުރެއްވި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އިބުރާ އިތުރަށް ވިދާޅުވީ އެ ބޭފުޅާގެ ނަފްސުގެ އަގު ސިޔާސީ ބާރަށްވުރެ ބޮޑު ކަމަށެވެ.
"މަގޭ ނަފްސުގެ އަގު ސިޔާސީ ބާރަށްވުރެ ބޮޑު." އިބުރާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ފެބުރުއަރީ 7 ގެ ޙާދިސާއާއި ގުޅިގެން މިއަދު ފާޑުކިޔާ ބައެއް ފަރާތްތަކުން އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ޢަބްދުﷲ ޝާހިދުއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަކަން ފާހަގަކުރެވެއެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އެދުވަހު ގެނައި ބަޣާވާތް ހުއްދަކޮށް ރައީސް ވަޙީދުއާ ވެރިކަން ހަވާލުކުރި ޢަބްދުﷲ ޝާހިދު ފަހުން އެމްޑީޕީގެ ސަރުކާރުގައި ޚާރިޖީ ވަޒީރުކަން ކުރެއްވުމަށްފަހު މިހާރު ހުންނެވީ އެމްޑީޕީގެ ރައީސްކަމުގެ މަޤާމުގައި ކަމަށެވެ.
7 ފެބުރުއަރީގައި ހިނގާދިޔަ ޙާދިސާ ތަޙުޤީޤު ކުރުމަށް އެމްޑީޕީން ބޭނުންވި ގޮތަށް ބޭރުގެ ފަރާތްތަށް ހިމަނައިގެން އެކުލަވައިލި ކޮމިޝަނަކުން މިނިވަން ތަޙުޤީޤެއް ކުރުމަށްފަހު، 2012 އޮގަސްޓް މަހު އެކުލަވައިލި "ކޯނީ" ރިޕޯޓުގައި ވަނީ 7 ފެބުރުއަރީގައި ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫންކަމަށް ބުނެފައެވެ. މި ކޮމިޝަންގެ ކޯޗެއަރ އަކަށް ހުންނެވީ ސިންގަޕޫރުގެ ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޖަސްޓިސް ޖީ. ޕަންނިރު ސެލްވަމްއެވެ.