ސިއްހީ އިހުމާލުގެ މައްސަލަތަކަށް އައު ޓްރީޓްމެންޓް ގައިޑްލައިނެއް އެކުލަވާލަން އުޅޭ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުالله ނާޒިމް ވިދާޅުވެއްޖެއެވެ.
ރޭ އެމްއެމް ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސިއްހީ ޚިދުމަތް ފޯރުކޮށްދޭން ތިބީވެސް އިންސާނުން ކަމަށެވެ. އެހެންކަމުން ހިދުމަތް ހޯދާ އަދި ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް އެކަށީގެންވާ މިންވަރަކަށް ބެލެންސްކޮށްގެން ނޫނީ ސިއްހީ ނިޒާމު ހަރުދަނާ ނުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ.
އެހެންކަމުން، މިނިސްޓަރ ވިދާޅުވީ ސިއްހީ ޚިދުމަތް ލިބިދޭ މީހުންނާއި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ނިޒާމެއް ގާނޫނީ އިމުގެ ތެެރެއިން ހަރުދަނާ ކުރެވޭތޯ މިނިސްޓްރީ އިން މަސައްކަތް ކުރާނެ ކަމަށެވެ. މިވަގުތު މިކަން ފަހިވާ ވަރަށް ގާނޫނު ހެދިފައިނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެކަން ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ޓްރީޓްމެންޓް ގައިޑްލައިން އެކުލަވާލުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ސިއްހީ ނިޒާމް ދެމެހެއްޓުމަށްޓަކައި އެންމެ މުހިންމު ކަމަކީ ސްޓޭންޑާޑް ގައިޑްލައިންސް ހެދި ތަންފީޒުވަމުންދިއުން. މިއީ ދިވެހިރާއްޖޭގައި މާ ރަނގަޅަށް ތަންފީޒުވަމުންދާ ކަމެއް ނޫން. އެހެން ނަމަވެސް، ސީދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމުގެ މަތިން އަޅުގަނޑުމެންގެ ހެލްތް މިނިސްޓްރީން ބާރުލާފައި މިކަން ފަށައިފިން" ހެލްތް މިނިސްޓަރ ޢަބްދުالله ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން އައު ޓްރީޓްމެންޓް ގައިޑްލައިންތައް ދުނިޔޭގެ ކަމާއިބެހޭ މާހިރުންގެ އެހީއާއި ރާއްޖޭގެ ފަންނީ ޑޮކްޓަރުންގެ ލަފަޔާއިއެކު ދިވެހި މުޖުތަމައުއަށް ގެނެސްގެން ރާއްޖޭގައި މަސައްްކަތްކުރާ ޑޮކްޓަރުން އެ އުސޫލުތަކަށް އަހުލުވެރިކުރުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ އެސްއޯޕީތަކަށް އަމަލުކުރަން ފެށުމުން ދިމާވާ އިހުމާލުގެ މައްސަލަތައްވެސް މަދުވެ، ފަރުވާކުޑަވުމުގެ ޖާގަ ހަނިވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެެވެ.
ޓެލެމެޑިސިންގެ ޚިދުމަތް ރާއްޖެއަށް ގެނައުމުގެ މާސްޓާޕްލޭނެއް ކުރިއަށް އޮންނަ 2 މަސް ތެރޭ އެކުލަވާނެ ކަމަށް ރާވާފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ހާމަކުރައްވާފައެެވެ.
ސިއްހީ އިހުމާލުގެ ވާހަކަތަކަށް މި ޕްރޮގްރާމްގައި އަލިއަޅުވާލާފައިވާއިރު ދާދި ފަހުންވެސް ގއ. ވިލިނގިލި ހޮސްޕިޓަލުގައި އެޑްމިޓްކުރި މާބަނޑު އަންހެނަކާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ނިޔާވުމުގައި ހޮސްޕިޓަލުން އިހުމާލުވިކަމުގެ މައްސަލައެއް ހެލްތް މިނިސްޓްރީ އިން ދަނީ ތަހުގީގުކުރަމުންނެވެ. މީގެ ކުރިންވެސް އެ ހޮސްޕިޓަލުން އެކި ފަހަރުމަތިން ބަލިމީހުންނަށް ފަރުވާދިނުމުގައި އިހުމާލުވާކަމުގެ ކަންބޮޑުވުން ރަށުގެ ގިނަ އާންމުން ފާޅުކޮށްފައި ވެެއެވެ.