ހަނިމާދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަންމައާ އަންހެންދަރިފުޅު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހަނިމާދޫގައި ހިންގި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ ފެބުރުވަރީ 12 ވަނަ ދުވަހު ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ / މަޔާ ޕެލަސް، އާމިނަތު (56) އާއި ފާޠިމަތު މާޔާ (25) އެވެ.
މި އޮޕަރޭޝަނުގައި، އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވެއެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 189.69 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އާމިނަތު ފަސް ދުވަހަށް އަދި ފާޠިމަތު މާޔާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އެ އިދާރާއިން ތަޙުޤީޤު ކުރަމުން އަންނަކަމަށެވެ.