އެސްޓީއޯ ޕީޕަލްސް ޗޮއިސް

އެސްޓީއޯއިން ހެޔޮއަގުގައި ކާށި ވިއްކަން ފަށަނީ!

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯއިން ހެޔޮއަގުގައި ކާށި ވިއްކަން މާދަމާ ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން ކާށި އެތެރެކޮށް މާދަމާ ކާށި ވިއްކަން ފަށާނެ ކަމަށެވެ.

މިވަގުތު މާލޭގެ ބާޒާރުގައި ކާށީގެ އަގުތައް ހުރީ 10 ރުފިޔާއިން މަތީގައެވެ. ނަމަވެސް އެސްޓީއޯއިން ކާއްޓެއް 5 ރުފިޔާއަށް ވިއްކަން ވަނީ ނިންމައިފައެވެ.

އެކުންފުނިން ބުނީ އިންޑިއާއިން އެތެރެކުރި ކާށީގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ލިބިފައިކަމަށެވެ. އެ ކާށި ވިއްކާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ކާށީގެ ޝިޕްމެންޓެއް ގެނެސަފައި މިވަނީ ރަމަޟާން މަހާ ދިމާކޮށް އާންމުންނަށް ހެޔޮއަގުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ. އެގޮތުން އެ ކުންފުނިން ވަނީ ލުނބޯ ޝިޕްމެންޓެއް ވެސް އެތެރެކޮށްފައެވެ.

ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ރަމަޟާންމަހާ ދިމާކޮށް އެތެރެކުރަން ނިންމާފައިވާ ތަކެތީގެ ތެރޭގައި ފިޔާ، އަލުވި، ބިސް، ކަދުރު، ތާޒާ މޭވާއާއި ތަރުކާރީ، ތައްޔާރީ ކާނާގެތެރޭގައި ހިމެނޭ ނެސްލޭ ކްރީމް، ކޮކޯ ޕައުޑަރ، ބޭކެޑް ބީންސް އަދި ގެރިކިރު ދަޅު ހިމެނެއެވެ.

މީގެއިތުރުން ކެއްކުމަށް ބޭނުންވާ ސަންފަލާވަރ އޮއިލް، ވެޖެޓެބަލް އޮއިލްގެ އިތުރުން ބާސްމަތީ ހަނޑޫވެސް އެ ކުންފުނިން ރަމަޟާންމަހަށް އެތެރެކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

advertisement
ހިޔާލު ދެއްވާ!