ހަމާސްގެ އަތްދަށުގައި ތިބި، އިސްރާއީލުގެ 3 ރަހީނުން މިއަދު މިނިވަންކޮށްފައިވާއިރު، އެތަނުން ރަހީނެއްގެ އަތުގައި އޮތް ދަންފުޅިއެއް މީޑިއާތަކުން ފާހަގަކޮށްފިއެވެ.
އިސްރާއީލުން ޣައްޒާގައި ހިންގި ޤަތުލުއާންމު ހުއްޓާލައި އަސީރުން މިނިވަންކުރުމަށް ހަމާސް އަދި އިސްރާއީލުން ވެފައިވާ އެއްބަސްވުމުގެދަށުން 6 ވަނަ ގުރޫޕް މިއަދު މިނިވަންކޮށްފައިވާއިރު، އެކެއްގެ އަތުގައި ދަންފުޅިއެއް އޮތްތަން އަލްޖަޒީރާއިން ކުރިއަށް ގެންދިޔަ ލައިވުން ވަނީ ފެނިފައެވެ.
ރަހީނަކު މެދުވެރިކޮށް، އިސްރާއީލުގެ އަނިޔާވެރި ސަރުކާރަށް މެސެޖެއް ދިނުމުގެ ގޮތުން މުޖާހިދުން އެ މީހުނަށް ދިން ދަންފުޅީގައި ވަނީ މާނަފުން މެސެޖެއް ލިޔެފައެވެ. "ޓައިމް އިޒް ރަނިން އައުޓް" ދިވެހިބަހުން ބުނާނަމަ، "ވަގުތު ކުޑަތަންވަނީ" މި މެސެޖް އިސްރާއީލަށާ އެ ބައިމީހުންގެ އަނިޔާވެރި ކަމަށް ވާގިވެރިވާ ޤައުމުތަކަށް މިވަނީ ދީފައެވެ.
ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ޖަމާޢަތްތަކުން މިދިނީ ވަރުގަދަ މެސެޖެއް ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރާ ހަމާސް، ސަރާޔާ ޤުދުސް އަދި އިސްލާމިކް ޖިހާދު ގުރޫޕްގެ ގިނަ އަދަދެއްގެ މުޖާހިދުން ބައިވެރިވެގެން ޣައްޒާގެ ޚާންޔޫނިސްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި 3 ރަހީނުން ވަނީ ބައިނަލްއަޤްވާމީ ރެޑް ކްރޮސްގެ ޓީމާ ހަވާލުކޮށްފައެވެ.
މިއަދު މިނިވަންކުރި 3 ރަހީނުންގެ ތެރޭގައި ހިމެނެނީ ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ އެމެރިކާއަށް ނިސްބަތްވާ މީހަކާ ރަޝިޔާއަށް ނިސްބަތްވާ މީހަކާ އަދި އާޖެންޓީނާއަށް ނިސްބަތްވާ މީހެކެވެ. އެ 3 މީހުންނަކީ ވެސް ފިރިހެނުންނެވެ.
މި ތިން ރަހީނުންގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 369 މީހުން މިއަދު މިނިވަން ކުރާނެއެވެ.
15 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އިސްރާއީލު ސިފައިން ޣައްޒާގައި ހިންގި ޤަތުލުއާންމުގައި 62،000 އާ ގާތްކުރާ އަދަދަކަށް ޣައްޒާގެ އާންމު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި 111،800އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.