ފޮޓޯ: ރައީސް އޮފީސް

ބަޑި ޖެހުމުގެ މުބާރާތުން ރާއްޖެއަށް ފުރަތަމަ ރިހިމެޑަލް ހޯދި ދަރިވަރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ!

އަމާޒަށް ބަޑި ޖެހުމުގެ މުބާރާތުން ރާއްޖެއަށް ފުރަތަމަ ރިހިމެޑަލް ހޯދި ދަރިވަރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އޭޝިއާ ބައްރުގެ ޤައުމުތަކުން ވާދަކުރާ އަމާޒަށް ބަޑި ޖެހުމުގެ މުބާރާތް، 'އޭޝިއަން ޕިސްޓަލް އެންޑް ރައިފަލް ކަޕް' ގެ ޖޫނިއަރ އުމުރު ފުރާގެ އަންހެން ކުޅުންތެރިންގެ ބައިގެ ފައިނަލްގައި ވާދަކޮށް، ދިވެހިރާއްޖޭގެ ޒުވާން ކުޅުންތެރިޔާ މަރިޔަމް އީޝަލް މިޞްބާޙް ރިހި މެޑަލް ޙާޞިލްކުރުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

މީސްމީޑިއާގެ މަންސައެއް ކަމަށްވާ 'އެކްސް' މެދުވެރި ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ރޭގެ ވަގުތެއްގައި ކުރެއްވި ތަހުނިޔާގެ މެސެޖްގައި ވިދާޅުވީ އޭޝިއާ ފެންވަރުގައި ބާއްވާ ޝޫޓިންގ ސްޕޯޓްސް މުބާރާތަކުން ދިވެހި ކުޅުންތެރިއަކު ފުރަތަމަ ފަހަރަށް ރިހިމެޑަލް ހޯދުމަކީ ތާރީޚީ ކާމިޔާބީއެއްކަމުގައެވެ.

މީގެ އިތުރުން، އޭޝިއާގެ 23 ޤައުމަކުން ވާދަކުރި މި މުބާރާތުގައި 21 ޤައުމެއްގެ މައްޗަށް މަރިޔަމް އީޝަލް މިޞްބާޙް ކުރި ހޯދާފައިވާކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

'އޭޝިއަން ޕިސްޓަލް އެންޑަ ރައިފަލް ކަޕް 2025′ ކުރިއަށް ދަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައެވެ.

މި މުބާރާތުގެ ޖޫނިއަރ އުމުރުފުރާގެ އަންހެން ކުޅުންތެރީންގެ ބައިން ރިހިމެޑަލް ހޯދި އުމުރުން 15 އަހަރުގެ މަރިޔަމް އީޝަލް މިޞްބާޙަކީ، މަޖީދިއްޔާ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރެކެވެ.

advertisement
ހިޔާލު ދެއްވާ!