މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައިހުރި އުޅަނދުތަކެއް ޓޯކޮށްފިއެވެ.
ފުލުހުން މިރޭ ވިދާޅުވީ މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މިއަދު ޖުމްލަ 235 އުޅަނދެއް ޓޯކޮށްފައިވާ ކަމަށެވެ.
މިއަދު ޓޯކުރި އުޅަނދުތަކުގެ ތެރޭގައި 201 ސައިކަލު، ހަތަރު ފުރޮޅުލީ 31 އުޅަނދު އަދި 3 ބައިސްކަލު ހިމެނޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މަސައްކަތުގައި ފުލުހުންގެ އިތުރުން ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާގެ މުވައްޒަފުންގެ އިތުރުން މާލޭސިޓީ ކައުންސިލްގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައިކަން ފާހަގަ ކުރެވެއެވެ.
މަގުމަތީގައި ބޭނުންނުކޮށް ގިނަ ދުވަހު ބަހައްޓާފައި ހުންނަ އުޅަނދު ނަގާ ނައްތާލުމުގެ މަސައްކަތަކީ މީގެކުރިން ވެސް ފުލުހުން ކުރަމުން އަންނަ މަސައްކަތެކެވެ.
ބޭނުން ނުކުރާ އުޅަނދުތަކެއް މިއަދު ޓޯކޮށްފައިވާއިރު، ރަމަޟާން މަހާ ދިމާކޮށް "ރޯދަ ސާފު" ގެ ނަމުގައި މާލެއާ އަތޮޅުތެރޭގައި ރަށްރަށުގައި ހުންނަ އާންމު ތަންތަން ސާފުކުރުމުގެ ޙަރަކާތެއްވެސް ދައުލަތުގެ އިދާރާތައް ގުޅިގެން މިއަދު ކޮށްފައިވާކަން ފާހަގަކުރެވެއެވެ.