ދެވަނަ ތާޖު
ދެވަނަ ތާޖަކީ : سبحان الله، والحمد لله، ولا إله إلا الله، والله أكبر، މި ހަތަރު ކަލިމައެވެ. މިއީ ﷲގެ ޙަޟްރަތުގައި ލޮބުވެތިކަން އެންމެ ބޮޑު ހަތަރު ކަލިމައެވެ.
ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (( أَحَبُّ الكلامِ إلى اللهِ أربعٌ: سبحان اللهِ، والحمدُ للهِ، ولا إله إلا اللهُ، واللهُ أكبرُ، لا يضرُّك بأيِّهنَّ بدأتَ. وهنَّ من القرآنِ[1] – ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ހަތަރު ކަލިމައެއް ވެއެވެ. އެއީ سبحان اللهِ، الحمدُ للهِ، لا إله إلا اللهُ، اللهُ أكبرُ އެވެ. މިއިން ކޮންމެ ކަލިމައަކުން ތިބާ ފެށްޓަސް ގެއްލުމެއް ނެތެވެ.އެއީ ޤުރްއާނުގެ ކަލިމަފުޅުތަކެކެވެ. ))
މި ކަލިމަފުޅުތަކަކީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ހޮއްވަވައި ދެއްވައިފައިވާ ކަލިމަފުޅުތަކެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާصلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((إنَّ اللَّهَ اصطَفى منَ الكلامِ أربعًا سبحانَ اللَّهِ والحمدُ للَّهِ ولا إلَه إلّا اللَّهُ واللَّهُ أَكبرُ ومن قالَ سبحانَ اللَّهِ كُتِبَ لَه عشرونَ حسَنةً وحُطَّتْ عنهُ عشرونَ سيِّئةً ومن قالَ الحمدُ للَّهِ فمَثلُ ذلِكَ ومن قالَ لا إلَه إلّا اللَّهُ فمثلُ ذلِك ومن قالَ اللَّهُ أَكبرُ من قبلِ نفسِه كتبَ لَه ثلاثونَ حَسنةً وحطَّتْ عنهُ ثلاثونَ سيِّئةً [2]– ހަމަކަށަވަރުން ކަލިމަތަކުގެ ތެރެއިން ހަތަރު ކަލިމައެއް ﷲ ހޮއްވަވާ ނެންގެވިއެވެ. އެއީ : سبحانَ اللَّهِ އާއި الحمدُ للَّهِ އާއި لا إلَه إلّا اللَّهُ އާއި اللَّهُ أَكبرُ އެވެ. سبحانَ اللَّهِ ކީ މީހާއަށް ވިހި ހެޔޮކަމުގެ ސަވާބު ދެއްވައި ވިހި ނުބައި ކަމުގެ ފާފަ ފުއްސަވާ ދެއްވާނެތެވެ. الحمدُ للَّهِ ކީ މީހާއަށް އެ ފަދަ ސަވާބު ދެއްވާނެތެވެ. لا إلَه إلّا اللَّهُ ކީ މީހާއަށް އެ ފަދަ ސަވާބު ދެއްވާނެތެވެ. ޙަދީސްކުރެއްވިއެވެ. اللَّهُ أَكبرُ ކީ މީހާއަށް ތިރީސް ހެޔޮކަމުގެ ސަވާބު ދެއްވައި ތިރީސް ނުބައި ކަމުގެ ފާފަ ފުއްސަވާ ދެއްވާނެތެވެ.)) މި ކަލިމަފުޅުތަކަކީ ﷲގެ ޚަލީލު އިބްރާހީމުގެފާނު ނަބިއްޔާއަށް ކުރެއްވި ވަޞިއްޔަތްޕުޅެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެ އަރިހުން ރިވާވެގެންވެއެވެ. رسول الله صلى الله عليه وسلم ޙަދީސްފުޅުކުރެއްވިއެވެ. ((لقيتُ إبراهيمَ ليلةَ أسريَ بي فقالَ يا محمَّدُ أقرئ أمَّتَكَ منِّي السَّلامَ وأخبرْهم أنَّ الجنَّةَ طيِّبةُ التُّربةِ عذبةُ الماءِ وأنَّها قِيعانٌ وأنَّ غِراسَها سبحانَ اللَّهِ والحمدُ للَّهِ ولا إلهَ إلّا اللَّهُ واللَّهُ أكبرُ[3] ތިމަންކަލޭގެފާނު އިސްރާއުކުރެއްވުނު ރޭގައި އިބްރާހީމުގެފާނާ ބައްދަލުވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މުޙައްމަދުގެފާނޭވެ! ތިމަންކަލޭގެފާނުގެ ފަރާތްޕުޅުން ކަލޭގެފާނުގެ އުންމަތަށް ސަލާމު ވިދާޅުވެދެއްވާށެވެ! އަދި އެބައިމީހުންނަށް ވިދާޅުވެދެއްވާށެވެ! ހަމަކަށަވަރުން ސުވަރުގެއަކީ ފަސްގަނޑު މޮޅު، ފެންމީރު ތަނެކެވެ. އަދި ހަމަކަށަވަރުން އެއީ ގަސްގަހާގެހި ރީތިކޮށް ހެދޭ ދަނޑުބިންތަކެކެވެ. އެ ތާނގެ ގަސްތަކަކީ : سبحان الله، والحمد لله، ولا إله إلا الله، والله أكبر އެވެ.))
މި ކަލިމަފުޅުތަކަކީ ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށް ވުރެ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ލޮބުވެތިކަން ބޮޑު ކަލިމަފުޅުތަކެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((لأَنْ أَقُولَ: سُبْحانَ اللهِ، والْحَمْدُ لِلَّهِ، وَلا إِلَهَ إِلّا اللَّهُ، واللَّهُ أَكْبَرُ؛ أَحَبُّ إِلَيَّ ممّا طَلَعَتْ عليه الشَّمْسُ [4] -އިރު އެއިގެ މައްޗަށް އެރި ކޮންމެ އެއްޗަކަށް ވުރެ ތިމަންކަލޭގެފާނަށް سُبْحانَ اللهِ، والْحَمْدُ لِلَّهِ، وَلا إِلَهَ إِلّا اللَّهُ، واللَّهُ أَكْبَرُ ވިދާޅުވުން ލޮބުވެތިކަން ބޮޑުވެގެންވެއެވެ.))
މާތް ﷲ އެކަމަނާއަށް ރުއްސުންލެއްވި އުއްމު ހާނީ ބިންތު އަބީ ޠާލިބުގެފާނު ރަސޫލާއަށް ދެންނެވިއެވެ. يا رسولَ اللهِ قد كبِرتُ وضعفتُ فمرني بعملٍ أعملُه وأنا جالسةٌ قال: سبِّحي اللهَ مائةَ تسبيحةٍ فإنها تعدلُ لك مائةَ رقبةٍ تعتقينها من ولدِ إسماعيلَ واحمدي اللهَ مائةَ تحميدةٍ فإنها تعدلُ لكِ مائةَ فرسٍ مُسرجةٍ مُلجمةٍ تحملين عليها في سبيلِ اللهِ وكبري اللهَ مائةَ تكبيرةٍ فإنها تعدلُ لكِ مائةَ بدنةٍ مُقلدةٍ متقبلةٍ وهللي اللهَ مائةَ تهليلةٍ – قال أبو خلفٍ: أحسبُه قال:- تملأُ ما بين السماءِ والأرضِ ولا يرفعُ يومئذٍ لأحدٍ عملٌ أفضلُ مما يرفعُ لكِ إلا أنْ يأتيَ بمثلِ ما أتيتِ [5]– އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑު މި ވަނީ މުސްކުޅިވެ ގައިބާރު ދެރަވެފައެވެ. އިށީނދެއިނދެގެން ކުރެވޭނެ ހެޔޮ ކަމެއް ވިދާޅުވެދެއްވާށެވެ! އެހިނދު ޙަދީސްކުރެއްވިއެވެ. ކަމަނާ ސަތޭކަ ފަހަރު ތަސްބީޙަ ވިދާޅުވާށެވެ! އެއީ އިސްމާޢީލުގެފާނުގެ ދަރިކޮޅުގެ ސަތޭކަ އަޅުން މިނިވަންކުރުން ފަދަ ސަވާބު ބޮޑު ކަމެކެވެ. އަދި ކަމަނާ ﷲއަށް ސަތޭކަފަހަރު ޙަމްދުކުރައްވާށެވެ! އެއީ އަސްދާނުގޮނޑި އަޅައި އޭގެ މައްޗަށް މުދާ ބަރުކޮށްގެން ﷲގެ މަގުގައި ޖިހާދުކުރުމަށް ސަތޭކަ އަސް ނެރުން ފަދަ ކަމެކެވެ. އަދި ކަމަނާ ސަތޭކަ ފަހަރު ތަކްބީރު ވިދާޅުވާށެވެ! އެއީ ގިލަން އަޅުވައިގެން ޤަބޫލުފުޅުކުރައްވަނިވި ގޮތަށް ގެފުޅަށް ސަތޭކަ ޖަމަލު ހަދިޔާކުރެއްވުން ފަދަ ކަމެކެވެ. އަދި ކަމަނާ ސަތޭކަފަހަރު ތަހްލީލު[6] ވިދާޅުވާށެވެ. އަބޫ ޚަލަފު ވިދާޅުވިއެވެ. މަށަށް ހީވާގޮތުގައި އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. އެއީ އުޑާއި ބިމާ ދެމެދުގައި ވާހައި އެއްޗެއް ހެޔޮ ޢަމަލުން ފުރައިލުން ފަދަ ކަމެކެވެ. އެދުވަހު އެހެން އެއްވެސް މީހަކަށް ކަމަނާ ކުރެއްވި ފަދަ ހެޔޮ ޢަމަލެއް ނުކުރެވޭނެތެވެ. ކަމަނާ ކުރެއްވި ގޮތަށް އެ ކަންކަން ކުރިމީހަކު މެނުވީއެވެ.))
މި ކަލިމަފުޅުތަކުގެ މާތްކަމުގެ ތެރޭގައި މި ކަލިމަފުޅުތަކުގެ ސަބަބުން ހުރިހާ ކުދި ފާފަތަކެއް ފުއްސަވާދެއްވުންވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢަމްރުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ.((ما عَلى الأرضِ رجُلٌ يقولُ: لا إلهَ إلّا اللُه، واللهُ أكبرُ، وسُبحانَ اللهِ، والحمدُ للهِ، ولا حولَ ولا قوَّةَ إلّا باللِه، إلّا كُفِّرَتْ عنهُ ذُنوبُهُ، وإنْ كانَتْ أكثَرَ مِن زَبَدِ البحرِ[7] – މި ބިންމަތީގައިވާ މީހަކު لا إلهَ إلّا اللُه، واللهُ أكبرُ، وسُبحانَ اللهِ، والحمدُ للهِ، ولا حولَ ولا قوَّةَ إلّا باللِه ކީ ނަމަ އޭނާގެ ފާފަތައް ކަނޑުގެ ފޮނުތައް ހައި ގިނަ ވިޔަސް ފުއްސަވާނުދެއްވާ ނުދާނެތެވެ ))
މާތް ﷲ ރުއްސުންލެއްވި އަނަސުގެފާނު އަރިހުން ރިވާވެގެންވާ ގޮތުގައި އެއްދުވަހަކު ރަސޫލުﷲގެފާނު ފަތްތައް ހިކިފައިވާ ގަހެއް ކައިރިން ވަޑައިގަންނަވަމުން އެކަލޭގެފާނުގެ އަސާކޮޅުން އެ ގަހުގައި ޖެއްސެވިއެވެ. އެހިނދު މި ގަހުގެ ފަތްތައް ވެރުނެވެ. އަދި ޙަދީސްކުރެއްވިއެވެ. إن الحمدَ للهِ وسبحانَ اللهِ ولا إله إلا اللهُ واللهُ أكبرُ لتُساقِطُ من ذنوبِ العبدِ كما تَساقَطَ وَرَقُ الشجرةِ هذه [8]– الحمدَ للهِ ، سبحانَ اللهِ ، لا إله إلا اللهُ ،اللهُ أكبرُ ކިޔާ ޒިކުރުކުރުމަކީ މި ގަހުގެ ފަތްތައް ވެރުނު ފަދައިން ފާފަތައް ވެރި ނެތިގެންދާނެ ކަމެކެވެ. ))
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ޙަދީސްކުރެއްވިއެވެ. ((خُذوا جُنَّتَكُم. قُلنا: يا رسولَ اللهِ: مِن عدُوٍّ قد حَضَرَ؟ قالَ: لا، بل جُنَّتَكُم مِنَ النّارِ، قولوا: سُبحانَ اللهِ، والحمدُ للهِ، ولا إلَهَ إلّا اللهُ، واللهُ أَكبرُ؛ فإنَّها تَأْتينَ يومَ القيامةِ مُنجياتٍ وُمقدَّماتٍ، وهُنَّ الباقياتُ الصّالحاتُ[9]– ތިޔަބައިމީހުން ތިޔަބައިމީހުންގެ އައްޑަނަ ނަގާށެވެ! އަހުރެމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއޭވެ! އައި ދުޝްމަނެއްގެ ކިބައިން ރައްކައުތެރިވުމަށް ތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ނޫނެކެވެ. އެހެނެއްކަމަކު ނަރަކައިން ރައްކައުތެރިވުމަށް ޓަކައެވެ. ތިޔަބައިމީހުން سُبْحَانَ اللهِ، والحمدُ للهِ، ولا إلَهَ إلّا اللهُ، واللهُ أَكبرُ ކިޔާށެވެ! ފަހެ ހަމަކަށަވަރުން މި ކަލިމަތައް ޤިޔާމަތްދުވަހުން ނަޖާކޮށްދޭ އިސްވާރުންގެ ގޮތުގައި އަންނާނެތެވެ. އެއީ ދެމިހުންނަނިވި ޞާލިޙު ޢަމަލުތަކެކެވެ.))
ޒިކުރުކުރުމުގެ މާތްކަމާއި އޭގެ މޭވާތަކާބެހޭ ޙަދީސްފުޅުތައް ވަރަށް ގިނައެވެ. އެއީ ބުރަ އުފުލުމެއްނެތި ޙާޞިލުކުރެވޭނޭ މަތިވެރި ޣަނީމާތަކެކެވެ. އެކަމަށް ހޭދަތަކެއް ކުރާކަށް ނުޖެހޭނެއެވެ. ބުރަތަކެއް އުފުއްލާކަށް ނުޖެހޭނެއެވެ. އެއީ ދުލުން ކިޔާލައި ބަސްކޮޅެކެވެ. މި ކަމުގައި މުސްލިމުންގެ ޝިޢާރަކަށް ހަދަންވާނީ ((وَفِي ذَلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ [10]– ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ! ))
އިންސާނާގެ ޢުމުރަކީ މަދު ދުވަސްކޮޅެކެވެ. ވިސްނުން ތޫނު ބުއްދިވެރިއަކީ މި މަދު ދުވަސްކޮޅުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާ މީހާއެވެ. ޒިކުރުކުރާ މީހާއަށް ހުރި ބާއްޖަވެރިކަމާއެވެ! މި ދެ ތާޖުން ޒީނަތްތެރިވާ މީހާގެ ނަލަކަމުގެ ބޮޑުކަމާއެވެ. ޤިޔާމަތްދުވަހުން އޭނާގެ މީޒާން މި ބަސްފުޅުތަކުގެ ސަބަބުން ފުރި ކަނާތަށް ބަރުވެގެންދާނެއެވެ. އާދަކޮށް މި ކަލިމަފުޅުތައް ކިޔާށެވެ! ރައްކައުތެރިކަން ހޯދާށެވެ!
(ނިމުނީ)
[1] – أخرجه مسلم (٢١٣٧) و النسائي في ((السنن الكبرى)) (١٠٦٧٨) صحيح ابن حبان (٨٣٥)
[2] – أخرجه النسائي في ((السنن الكبرى)) (١٠٦٧٦)، وأحمد (٨٠١٢) و الألباني صحيح الجامع ( 1718 )
[3] – أخرجه الترمذي (٣٤٦٢) والطبراني (١٠/٢١٤) (١٠٣٦٣)، والخطيب في ((تاريخ بغداد)) (٢/٢٩٢)
[4] – أخرجه مسلم (٢٦٩٥) و ابن حبان ( 834 )
[5] – أخرجه النسائي في ((السنن الكبرى)) (١٠٦٨٠)، وابن ماجه (٣٨١٠)، وأحمد (٢٦٩١١)
[6] – ތަހްލީލަކީ : لا إله إلا الله މި ކަލިމަފުޅެވެ.
[7] – أخرجه الترمذي (٣٤٦٠)، والنسائي في ((السنن الكبرى)) (١٠٦٥٨)، وأحمد (٦٤٧٩) و الحاكم في المستدرك على الصحيحين ( 1877 )
[8] – الألباني، صحيح الترمذي ( 3533 )
[9] – أخرجه النسائي في ((السنن الكبرى)) (١٠٦٨٤)، والطبراني في ((المعجم الأوسط)) (٤٠٢٧)
[10] – المطففين: 26