އިސްލާމީ ޤައުމުތަކަށް ބަލާއިރު ރާއްޖެއަކީ އެއްބައިވަންތަކަން އޮތް ޤައުމެއް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިހެން ވިދާޅުވީ، "އަހާ" ގެ ނަމުގައި ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
ރައީސް އޮފީހާ ޕީއެސްއެމް ގުޅިގެން ރޭ ބޭއްވުނު "އަހާ" ފޯރަމްގައި ވަޒީރަށް ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަކީ ހައްދުފަހަނަ އަޅާފައިވާ ޤައުމެއްގެ ގޮތުގައި ސިފަކުރުމަށް ޖާގައެއް ނޯންނާނެކަމަށެވެ.
ޑރ. ޝަހީމްގެ ވާހަކާގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްކަމަށާއި، އިސްލާމީ ޤައުމުތަކަށް ބަލާއިރު ރާއްޖެއަކީ އެއްބައިވަންތަކަން އޮތް ޤައުމެއްކަމަށާ އެހެން ދަންނަވާ ސަބަބެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ރާއްޖޭގެ އިސްލާމީ ތަސައްވުރާއި، މަންހަޖާއި ފިކުރަށް ބަލާއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ވެސް ސުންނީ މުސްލިމުންކަމުގައި ވުމެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގައި ބައިބައިވުމެއްނެތް ކަމަށާ ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް މެދުމިނުގެ އިސްލާމީ އުސޫލުތައް ދަމަހައްޓާ އެއަށް ތަބާވާ ބައެއް ކަމަށާ ހައްދުފަހަނައެޅުމަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އާންމުކޮށް އޮންނަކަމެއްނޫން ކަމަށެވެ.
ނަމަވެސް ބައެއް ވަކިވަކި ފަރުދުންގެ ކިބައިން އެބާވަތުގެ ކަންތައްތައް ފާހަގަކުރެވިގެން ޤާނޫނީ ގޮތުންނާއި ޢިލްމީ ގޮތުންނާ އެކި ކަހަލަ ގޮތްގޮތުން ފަރުވާހޯދާ ކަމަށާ އެހެންވީމާ ދިވެހިރާއްޖެއަކީ ހައްދުފަހަނަ އަޅާފައިވާ ޤައުމެއްގެ ގޮތުގައި ސިފަކުރުމަށް ޖާގައެއް ނޯންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަކީ ހައްދުފަހަނަ އަޅާފައިވާ ތަނެއްގެ ގޮތުގައި ބައެއް މީހުން ބުނާބުނުން ހިތާމައާއެކު ވަޒީރު ފާހަގަކުރެއްވިއެވެ.