ފޮޓޯ: މިހާރު

ޕޮލްކޯގެ އިތުރު ޚިޔާނާތްތަކެއް ފަޅާއަރައިފި!

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ، ޕޮލްކޯގެ އިތުރު ޚިޔާނާތްތަކެއް ފަޅާއަރައިފިއެވެ.

ޕޮލްކޯގެ ތެރޭގައި ހިންގަމުންދާ އިތުރު ޚިޔާނާތްތަކެއްގެ މަޢުލޫމާތު ފުލުހަކު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ޙިއްސާކޮށްފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ވަނީ ހާމަކޮށްފައެވެ.

ޕޮލްކޯއިން ކުރިއަށް ގެންދިޔަ "ބުލޫ ހައުސިންގ" މަޝްރޫޢު  ހިންގުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައި ވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރަމުން ދަނިކޮށް އިތުރު މައްސަލަތަކެއް ފުލުހަކު ޙިއްސާކޮށްފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ.

ފުލުހުން ހިންގި ކޮރަޕްޝަންގެ މައްސަލަބަލަން އެކުލަވައިލި ސަބް ކޮމިޓީގެ މުޤައްރިރު ނާޒިމް ވިދާޅުވީ ޕޮލްކޯއިން ކޮރަޕްޝަންގެ ޢަމަލުތައް ހިންގާފައި ވަނީ ބުލޫ ހައުސިންގ މަޝްރޫޢުގައި އެކަނި ނޫން ކަމަށާ މުދަލާއި ޚިދުމަތް ހޯދުމުގައި ފުޅާދާއިރާއެއްގައި ކޮރަޕްޝަން ހިންގަމުންދާ ކަމަށެވެ.

ފުލުހުންގެ ހައުސިންގ މަޝްރޫޢުގައި ކޮރަޕްޝަން ހިންގާފައި ހުރިކަން ހާމަވީ އޮޑިޓް ރިޕޯޓުންނެވެ. އެ ރިޕޯޓްގައި 16 މައްސަލައެއްގައި އެކި ގޮތްގޮތުން އެކި އޮފިސަރުން ބައިވެރިވެފައިވާ ކަން އެނގެން އޮންނަކަމަށް ނާޒިމް ވިދާޅުވިއެވެ.

ސަބް ކޮމިޓީއާ އެ މަޢުލޫމާތު ޙިއްސާ ކުރެއްވި ފަރާތުން ހަވާލާދީފައިވަނީ 2019 ވަނަ އަހަރު އޭރުގެ ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދުއަށް ފޮނުވާފައިވާ ރިޕޯޓެއް ކަމަށާ ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ނާޒިމް ވަނީ ފާހަގަ ކުރައްވައިފައެވެ.

އެއް ބިލިއަން ރުފިޔާ ޚަރަދުކޮށް، 11 އަހަރުން ނިންމިފައިވާ މި މަޝްރޫޢާ ގުޅޭ ނިންމުންތަކާއި ކޮންޓްރެކްޓްތަކަށް ބަދަލު ގެނައި އިރު އޮތް ޕޮލްކޯގެ ބޯޑާ އޭރުގެ އިސްވެރިން މިކަމުގައި ޒިންމާދާރު ކުރުމަށް އޮޑިޓް ރިޕޯޓުގައި ލަފާދީފައިވާކަން ފާހަގަކުރެވެއެވެ.

ފުލުހުންގެ ހައުސިންގ މަޝްރޫޢުގެ ކޮރަޕްޝަންތައް އޭސީސީން ވެސް ބަލަމުން އަންނަކަން ފާހަގަކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!