ރަސްފަންނު

ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު މާދަމާއިން ފެށިގެން ބަންދު!

ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު މާދަމާއިން ފެށިގެން ބަންދުވާނެ ކަމަށް މާލޭސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނީ ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާ އެކަމާއި ގުޅިގެން، އެ ސަރަޙައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް 17 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި ފެށިގެންދާނެ ކަމަށެވެ.

މާލޭސިޓީ ކައުންސިލުން ބުނީ އެ މަސައްކަތް ފެށި ކުރިއަށްދާ މުއްދަތުގައި، މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބަންދުވާނެ ކަމަށެވެ.

އަދި އެ އިޢުލާނާއެކު ރަސްފަންނުގެ އާންމުންނަށް ބަންދުކުރެވިފައިވާ ސަރަޙައްދުގެ ތަފްސީލު އެނގޭނެ ޗާޓެއް ހިމަނާފައިވެއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ މިމަހުގެ 14 ވަނަ ދުވަހު ރަސްފަންނަށް ވަޑައިގެން އެތަނުގެ ޙާލަތު ބައްލަވައިފައެވެ. އެ ދުވަހު އެމަނިކުފާނު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކްގެ ޙާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށެވެ. ރައީސް އެހެން ވިދާޅުވިފަހުން، ސިޓީކައުންސިލުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި ހުރި ސަލްޓަން ޕާކާ ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށެވެ.

ރަސްފަންނު ތަރައްޤީކޮށްފައި ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގައި އެމަނިކުފާނުގެ ބެއްލެވުމުގެދަށުންކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!