ދިވެހިރާއްޖޭގެ ސުޕްރީމްކޯޓް

ގޮނޑި ގެއްލޭ އިސްލާޙްގެ މައްސަލަ ސްޕްރީމްކޯޓުގައި ކުރިއަށް ގެންދަން ނިންމައިފި!

ގޮނޑި ގެއްލޭ އިސްލާޙްގެ މައްސަލަ ސްޕްރީމްކޯޓުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ޙާލަތްތަކެއް ބަޔާންކޮށް ޤާނޫނު އަސާސީއަށް ގެނައި އިސްލާޙް ބާޠިލްކޮށްދިނުމަށް ސްޕްރީމްކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމައިފިއެވެ.

އިދިކޮޅު އެމްޑީޕީން ތަދައްޚުލު ވެފައިވާ މި މައްސަލަ ސްޕްރީމްކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙުސައިންއެވެ.

އިއްޔެ ފެށި އެ މައްސަލައިގެ ދެވަނަ އަޑުއެހުމެއް މިއަދު ބާއްވާފައިވާއިރު މިއަދުގެ މަޖިލީހުގެ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މައްސަލަ ކުރިއަށް ގެންދިއުމާއިމެދު ފަނޑިޔާރުން މަޝްވަރާ ކުރެއްވުމަށްފަހު ނިންމާފައި ވަނީ މައްސަލަ ކުރިއަށް ގެންދިއުމަށާއި މައްސަލައިގައި ހުށަހެޅުނު އިޖުރާޢީ އިޢުތިރާޒާއިމެދު ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތް މައްސަލަ ނިންމެވުމުގައި ހިމެނުމަށް ކަމަށެވެ.

ބަންޑާރަނައިބުގެ އޮފީހުން ވަނީ މި މައްސަލައަށް ޖަވާބުދާރީވުމަށް 10 ދުވަހަށްވުރެ ދިގު މުއްދަތެއް ދިނުމަށްއެދިފައެވެ.

މި މައްސަލަ ކުރިއަށް ނުގެންދެވޭންކަމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ބުނެފައެވެ. ބަނޑާރަނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވީ ޤާނޫނު އަސާސީ އިސްލާޙް ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރެއް ކަމަށާއި ޤާނޫނު އަސާސީއަށް ބަދަލުގެނައީ އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހު 78 މެމްބަރުންގެ ވޯޓުންކަމަށެވެ. އަދި އެ މައްސަލަ ދުސްތޫރީ މައްސަލައަކަށް ނުފެތޭކަމަށް ވެސް ވަކީލު އިއްޔެގެ އަޑުއެހުމުގައި ވިދާޅުވިއެވެ.

މި މައްސަލަ ހުށަހެޅުއްވި ޢަލީ ޙުސައިން ވިދާޅުވީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާޙަކީ އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހު ފާސްކުރި އިސްލާޙެއްކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

މި މައްސަލަ ބެލުމުގެ އިޚްތިޔާރު ސްޕްރީމްކޯޓަށް އޮތްކަމަށް ވެސް ޢަލީ ޙުސައިން ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރާ މެމްބަރުންނަކީ މިނިވަންކަމާއެކު މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.

މި މައްސަލައަށް ތަދައްޚުލުވި އެމްޑީޕީގެ ފަރާތުން ޤާނޫނީ ވަކީލު އަނަސް ޢަބްދުއްސައްތާރު ވިދާޅުވީ ރާއްޖޭގެ ސްޕްރީމް ކޯޓަށް މި މައްސަލަ އައު މައްސަލައަކަށް ވިނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކުގައި މިފަދަ މައްސަލަތައް ބަލާފައި އެބަހުރިކަމަށެވެ.

މި މައްސަލަ ސްޕްރީމްކޯޓަށް ހުށަހަޅުއްވަމުން ޢަލީ ޙުސައިން އެދިލައްވާފައި ވަނީ ޤާނޫނު އަސާސީއަށް ގެނައި އެ އިސްލާޙަކީ ބާޠިލު އިސްލާޙެއް ކަމަށް ކަނޑައަޅައި ދެއްވުމަށާއި މިހާރުތިބި މެމްބަރުންގެ މައްޗަށް އެ އިސްލާޙް ނުހިނގާނެކަމަށް ކަނޑައަޅައިދިނުމަށެވެ.

 

 

 

advertisement
ހިޔާލު ދެއްވާ!