ދިވެހި އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް ފެންމަތިވެއްޖެ!

ދިވެހި އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ހާމަވީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު އަޙުމަދު މައުސޫމު ޙާޟިރުވެ ދެއްކެވި ވާހަކަތަކެއްގެ ތެރެއިންނެވެ.

މައުސޫމު ވިދާޅުވީ ކޯޓުން ބޭރުގައި ކައިވެނި ކުރުމާއި ކައިވެނިތައް ރަޖިސްޓަރީ ނުކުރާ މައްސަލަ ބޮޑުވަމުންދާ ކަމަށާ އެއީ ފެމިލީ ކޯޓުން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ކޯޓުގައި ރަޖިސްޓްރީ ނުކޮށް ކައިވެނިތައް ކުރުމުން ހިތާމަވެރި އެތައް ކަމެއް ނިކުމެދާނެ ކަމަށް ފާހަގަކުރައްވާ މައުސޫމު ވިދާޅުވީ އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް ކޯޓުގައި މިހާރުވެސް އެބައޮތް ކަމަށެވެ.

އެމައްސަލައިގެ އިތުރު ތަފްސީލް ކޮށްދެއްވަމުން މައުސޫމު ވިދާޅުވީ އަންހެން މީހާ ރާއްޖޭން ބޭރުގައި ފުރަތަމަ ކައިވެނިކޮށް އެ ކައިވެނި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެ ގޮތް ނުވުމުން އަމިއްލައަށް އެ ކައިވެނިން ދުރުވެ ރާއްޖެއިން ބޭރަށް ގޮސް އަނެއްކާވެސް ދެވަނަ ކައިވެންޏެއް ކުރި ކަމަށާ ދެވަނަ ކައިވެނި ރަޖިސްޓަރީ ކުރަން ކޯޓަށް ހުށަހެޅިއިރު ފުރަތަމަ ކައިވެނީގެ ލިޔުންތައްވެސް ކޯޓުގައި ހުރި ކަމަށާއި އެކަން ކޯޓުން ބަލަައި ގޮތްތަކެއް ނުނިންމަނީސް އަންހެން މީހާ ތިންވަނަ ކައިވެންޏެއްވެސް ކޮށްފައިވާ ކަމަށެވެ.

މައުސޫމު ވިދާޅުވީ އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާ އެއީ ނަސަބު އޮޅިގެން ހިނގައިދާނެ ކަމެއްގެ އިތުރުން  ނޭދެވޭ ވަރަށް ގިނަ ކަންކަން ނުކުމެދާނެ ކަމެއް ކަމަށެވެ.

ދިވެއްސަކު ރާއްޖެއިން ބޭރުގައި ކައިވެންޏެއް ކުރާނަމަ ހުއްދަ ނަގަންޖެހޭ ނަމަވެސް، ހުއްދަ ނުނަގާ ކުރާ ކައިވެެނިތައް އިތުރުވަމުންދާ ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!