މާލޭގައި އުޅޭ ކޮތަރުތައް ކުއްލިއަކަށް މަރުވާންފެށި ސަބަބު ދެނެގަތުމުގެ މަސައްކަތް ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވުޒާރާއިން ފަށައިފިއެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން މިއަދު ބުނީ މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަމަށެވެ.
އެ ވުޒާރާއިން ބުނީ ކޮތަރުތައް މަރުވާ މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް އައުމާގުޅިގެން، އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް އެ ވުޒާރާއިން ފަށާފައިވާ ކަމަށެވެ.
ކޮތަރުތައް މަރުވާ ސަބަބު ދެނެގަނެވުނުހާ އަވަހަކަށް، އެކަމުގެ ތަފްސީލް އާންމު ކުރާނެ ކަމަށް ވެސް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މަރުވެފައި ނުވަތަ ބަލިވެގެން މަގުމަތީގައި އިށީދެގެން ތިބޭ ކޮތަރު ފެނުމަކީ އާންމު ކަމެއް ނޫނެވެ. ނަމަވެސް މާލޭގެ މަގުމަތިން، މަރުވެފައި ހުންނަ ކޮތަރާ ބަލިކޮށް ތިބޭ ކޮތަރު މިދުވަސްވަރު ދަނީ ފެންނަމުންނެވެ.
މާލޭ ސަރަހައްދުގައި ގިނަ އަދަދަކަށް ކޮތަރު ދިރިއުޅެމުން އަންނަކަން ފާހަގަ ކުރެވެއެވެ. ޚާއްސަކޮށް ޖުމްހޫރީ މައިދާން، ޢާޓިފިޝަލް ބީޗް އަދި ރަސްފަންނުގައި ގިނަ އަދަދަކަށް ކޮތަރު ދިރިއުޅެއެވެ. ހަނޑޫ، މުގު ފަދަ ބާވަތްތައް ކޮތަރުތަކަށް ކާން ދިނުމަކީ ވަރަށް ގިނަ މީހުން ކުރަމުން އަންނަ ކަމެއްކަން ފާހަގަ ކުރެވެއެވެ.