ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒައިދު

ކިއޫ ދިގުވެ، ޒައިދު ވިދާޅުވީ މަސްދަޅު ކިއޫގައި ޖެހެވެން ނެތް ކަމަށް!

މަސްދަޅު ކިއޫގައި ޖެހެވެން ނެތް ކަމަށް، މީސްމީޑިއާގެ މަންސަތަކުން އާންމުކޮށް ފެންނަ ދީނީޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މިއަހަރު ރަމަޟާން މަހު ސަރުކާރުން ބަހާ ރޯދަ ހަދިޔާ، މަސްދަޅު ކޭސް މާލެ ސަރަހައްދުގައި މިއަދު ބަހަންފަށާފައިވާއިރު ހަދިޔާ ބަހާ ސަރަހައްދުތަކުގައި ވަނީ ދިގު ކިއޫތައް ހަދާފައެވެ.

މި ކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ޝައިޚް ވިދާޅުވީ "ތިޔަ މަސްދަޅު ކޭހެއް ނުލިބުނަސް ތިޔަ ކިޔުއަކަށް ދެވޭކަށް ނެތް!" މިފަދައިންނެވެ.

ޒައިދު ވިދާޅުވީ މިއަށްވުރެ ފަސޭހައިން އެފިޝެންޓްކޮށް މިކަން ކުރެވެން ވާނެ ކަމަށެވެ. ޒަމާން ތަރައްޤީވެ ވަސީލަތްތައް ތަރައްޤީވިޔަސް ބައެއް ކަންކަން މިހުންނަނީ އަދިވެސް އެންމެ އެވޭލާ ޒަމާނާ އެއްގޮތަށް ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.

ދިގު ކިއޫތަކާއިއެކު މާލޭގައި މަސްދަޅު ކޭސް ދެ ތަނެއްގައި ބަހަންފަށާފައިވާއިރު، އާންމު ރައްޔިތުންގެ ތަރުޙީބު ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށް އިދާރީ ދާއިރާތައް ހިންގުމާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި، ޢާންމުން އެކަމަށް އިޖާބަ ދެއްވި މިންވަރަށް ބަލައި، ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސަވާ، ހޮނިހިރު ދުވަހުގެ ކުރިން އެކަން އާންމު ކުރައްވާނެ ކަމަށެވެ.

ރޯދަ ހަދިޔާ ރައްޔިތު އެންމެނަށް ބެހުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ކަމެކެވެ. އެގޮތުން މިދިޔަ އަހަރު ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ކާޑުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ހަނޑޫ އަދި ފުށް ހަދިޔާކޮށްފައެވެ. މި އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ބަހަނީ 48 ދަޅުގެ މަސްދަޅު ކޭހެއްކަން ފާހަގަ ކުރެވެއެވެ.

 

 

advertisement
ހިޔާލު ދެއްވާ!