ޢަރަބި ބަސް އުނގަންނައިދޭ މަޢުހަދެއް ރާއްޖޭގައި ޤާއިމުކުރަން ސަޢޫދީ ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގައި ޢަރަބި ބަސް އުގަންނައިދޭ މަޢުހަދެއް ޤާއިމުކުރަން، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދު އެޤައުމުގެ ކަމާބެހޭ އިދާރާތަކަށް ވަނީ އަންގަވައިފައެވެ.
މިކަން ހާމަ ކޮށްފައިވަނީ ސަޢޫދީގެ އެންމެ ބޮޑު ޔުނިވާސިޓީ، އަލް އިމާމް މުޙައްމަދު އިބްނު ސަޢޫދު އިސްލާމިކް ޔުނިވަރސިޓީން ނެރުނު ބަޔާނެއްގައެވެ.
އެ ޔުނިވާސިޓީން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ޤާއިމުކުރާ މަޢުހަދުގެ ޑިރެކްޓަރަކަށް ޑރ. ޞާލިޙް ބިން ސުލައިމާން އަލް އަރާޖާ އައްޔަނުކޮށް، ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީ އާ ގުޅިގެން އެ މަޢުހަދު ޤާއިމުކޮށް ކިޔަވައިދޭން ފެށުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ޤާއިމުކުރެވޭ މި މަޢުހަދަކީ ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމާއެކު ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް، މެދުމިނުގެ އިންސާނީ އަދި ސަޤާފީ އަޚްލާޤް ފެތުރުމަށް އެހީތެރިވެދީ އަދި ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދެވޭނެ ތަނެއް ކަމަށް ޔުނިވަރސިޓީގެ ރައީސް ޑރ. އަޙްމަދު ބިން ސާލިމް އަލްއަމީރީ ވިދާޅުވިއެވެ.
ސަޢޫދީ ރަސްގެފާނުގެ މި އެންގެވުމާއި ގުޅިގެން ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަލްދުސާރީ ވަނީ ޑރ. ސާލިހް ބިން ސުލައިމާން އަލް އަރާޖާ އާ ބައްދަލުކުރައްވައި، ރާއްޖޭގައި ޢަރަބި ބަސް އުގަންނައިދޭ މަޢުހަދެއް ޤާއިމުކުރުމުގެ އެންމެ ފަހުގެ އިންތިޒާމްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރާއްޖޭގައި އަރަބި ބަސް އުގަންނައިދޭ މައުހަދެއް ޤާއިމްކުރުމަށް ޝައުގުވެރިކަން އެ ޔުނިވަރސިޓީން ފާޅުކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި އެކަމާ ގުޅޭގޮތުން ރާއްޖޭގެ މަތީ ތަޢުލީމާ ބެހޭ ވުޒާރާއާއެކު މަޝްވަރާވެސް ކުރައްވާފައިވެއެވެ.
މިދަފަ ތަޢުލީމީ މަރުކަޒެއް ދިވެހިރާއްޖޭގައި ޤާއިމުވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ދަރިވަރުންނަށް ޢަރަބި ބަސް ދަސްވެ، އެބަހުގައި ކުރިއަރައިގެން ދިޔުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެއްކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
މި މަސައްކަތަކީ ޢަރަބި ބަސް މުޅި ދުނިޔެއަށް ފުޅާކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދާ ޚާއްސަ މަސައްކަތުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެކެވެ.