އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އިންތިޒާމްކޮށްގެން ބާއްވާ ޙާއްސަ ދަރުހެއް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ މި ދަރުސް ދެއްވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރު ޑރ. އިލްޔާސް ޙުސައިން ކަމަށެވެ.
ޑރ. އިލިޔާސް ޙުސައިން ދެއްވާ މި ޚާއްސަ ދަރުސްގެ މަޢުޟޫއަކީ "ތިބާގެ ރައްބާ ތިބާ ދުރުކޮށްލީ ކޮން ކަމެއް ހެއްޔެވެ؟" ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މިރޭގެ ދަރުސް އަޑުއައްސަވަން އިސްލާމީ މަރުކަޒަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.