2024 ގައި މާލޭގައި ފެންބޮޑުވެ ފެންހިންދުމުގެ މަސައްކަތް ސިފައިންނާ މާލޭސިޓީ ކައުންސިލް އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ކުރިއަށްގެންދަނީ. ފައިލް ފޮޓޯ

ވާރޭވެހި ފެންބޮޑުވެ ގޭގެއަށް ފެން ވަންނަމުންދާތީ އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި!

ބޯކޮށްވާރޭވެހި ފެންބޮޑުވެ ގޭގެއަށް ފެން ވަންނަމުންދާތީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެންޑީއެމްއޭއިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ، މާލެއަށާއި އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގޭގެއަށް ފެންވަންނަމުން ދާތީ، މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން ގެންދާ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މި ދެ ދުވަހު ބޯކޮށް ވާރޭ ވެހެމުން އަންނައިރު ރާއްޖޭގެ ބޮޑު ސރަހައްދަކަށް މި ވަގުތު ވަނީ އޮރެންޖް އިންޒާރު ނެރެފައެވެ. އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް، މިރޭގެ 12 ޖެހުމާއި ހަމައަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައެވެ.

މި ވިއްސާރައިގައި މާލެ ސަރަހައްދުގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ އެމްއެންޑީއެފުން ވަނީ ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފަށައިފައެވެ. އެމްއެންޑީއެފުން އިއްޔެ ވެސް ވަނީ މާލެ ސަރަހައްދުގައި ފެންބޮޑުވެ، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައެވެ.

މި ވިއްސާރައާއި ގުޅިގެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން ތަރުޖަމާނު ހީނާ ވަލީދު މިރޭ ވިދާޅުވީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތްކުރަމުން ދާކަމަށެވެ.

ހީނާ ވިދާޅުވީ ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޚާއްޞަ ސަމާލުކަމަކާއެކު ދަނީ ކުރިއަށް ގެންދަވަމުން ކަމަށެވެ.

 

advertisement
ހިޔާލު ދެއްވާ!