"ހުވަން ލޯންޗުން ދަތުރުކުރި މީހުން ކަނޑުވެފައި. ފުލުހުން ވަނީ މި އެންމެން ސަލާމަތްކޮށްފައި.. 2 މާރިޗް 2025

ލޯންޗެއް ބަންޑުންޖަހާލައި ކަނޑުވި އެންމެން ފުލުހުން ސަލާމަތްކޮށްފި!

އދ. ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް ބަންޑުންޖަހާލައި ކަނޑުވި އެންމެން ސަލާމަތްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ލޯންޗް އަޑިއަށްދިޔަ ހާދިސާގެ މަޢުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު 7:57 ގައި ކަމަށާ ރިޕޯޓް ލިބުމާއިއެކު ފުލުހުންގެ އިމަޖެންސީ ރެސްޕޮންސް ޓީމުތަކުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެ ލޯންޗްގައި ދަތުރުކުރަމުންދިޔައީ 45 ދަތުރުވެރިންނާއި 3 ފަޅުވެރިން ކަމަށާ އޭގެ ތެރޭގައި 4 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، ކަނޑުވި އެންމެން ސަލާމަތްކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކަނޑުވި އެންމެން ދިގުރަށަށް ގެންގޮސްފައިވާއިރު އެންމެންގެ ޙާލު ވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުން ވަނީ މި ހާދިސާގައި ކަނޑުވި އެންމެން ސަލާމަތް ކުރުމުގައި ޙަރަކާތްތެރިވި ހުރިހާ ފަރާތްތަކާ ފުލުހުންގެ ޓީމުތަކުގެ މަސައްކަތް ފާހަގަކޮށްފައެވެ.

ރާއްޖެއަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހެމުން އަންނައިރު، މި ހާދިސާ ހިނގި ސަރަހައްދަށް އެވަގުތު ވަނީ، މޫސުމާބެހޭ ޤައުމީ އިދާރާ، މެޓްއޮފީހުން ރީނދޫ ސަމާލުނެރެފައެވެ. މެޓްއޮފީހުން ވަނީ މިއަދު ހެނދުނު 7:00 ން 11:00 އަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.

މި ހާދިސާ ހިނގާދިޔަ ގޮތުގެ ފުރިހަމަ ތަޙުޤީޤެއް ކުރައްވާނެ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

 

advertisement
ހިޔާލު ދެއްވާ!