ސްޓެލްކޯ ހެޑް އޮފީސް

ރޯދަމަހުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރި މިންވަރު ވަރަށް ދަށް: ސްޓެލްކޯ

ރޯދަމަހުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރި މިންވަރު ވަރަށް ދަށް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށަށްގޮސްފައި ކަމަށެވެ.

ސްޓެލްކޯއިން ބުނީ މިގޮތަށް ދިމާވީ ވިއްސާރަ ދުވަހަކަށްވުމުންނާއި، ސްކޫލްތަކާއި އޮފީސްތައް ބަންދުވުމުން ކަމަށެވެ.

އެ ކުންފުނިން ބުނީ މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހު އެންމެ ޕީކްގައި 78 މެގަވޮޓް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި  ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު، މާލެ ސަރަހައްދުގައި އެވްރެޖްކޮށް ހުރީ 100 މެގަވޮޓް އިން މަތީގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި އަހަރުގެ ރަމަޟާން މަސް ފެށުނުއިރު ރާއްޖެއަށް ވިއްސާރަ ކުރަމުން ދިޔަނަމަވެސް، އާންމުކޮށް ރަމަޟާންމަހު ހޫނު ގަދަވެ، ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ ގޭބިސީތަކުގެ ކަރަންޓް ބިލު ބޮޑުވުމަކީ ރައްޔިތުންގެ ޝަކުވާއެކެވެ.

މި ސަރުކާރުން ވަނީ ރަމަޟާންމަހު ކަރަންޓް ބިލާއި ފެންބިލުން ޑިސްކައުންޓް ދޭން ފަށައިފައެވެ. މިދިޔަ އަހަރު ވެސް ޑިސްކައުންޓް ދީފައިވާއިރު، މިއަހަރު ވެސް މަދުވެގެން %10 ޑިސްކައުންޓް ފެންބިލުންނާއި ކަރަންޓް ބިލުން ލިބޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

 

advertisement
ހިޔާލު ދެއްވާ!