ރަމަޟާން މަސް ވުނަކުރުމަށް 10 މަޝްރޫޢެއް

ﷲއަށް ކިޔަމަންގަތުމުންނާއި ﷲ ނަހީކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވެގެން ރަމަޟާން މަސް ވުނަކުރުމަކީ ލޮބުވެތި ރަސޫލާ އަޅުގަނޑުމެން މުސްލިމުންނަށް ގޮވައިލައްވައިފައިވާ ކަމެކެވެ. އެކަލޭގެފާނު ސިފަކުރައްވައިފައިވާ ގޮތުގައި ރަމަޟާން މަހަކީ ބަރަކާތްތެރި މަތިވެރި މަހެކެވެ. ރަމަޟާން މަހަކީ ފައިދާ ބޮޑު މޫސުމެކެވެ. ގެއްލެނިވެގެންވާ މީހަކު މެނުވީ މި ފައިދާ ނަގައެއް ނުލާނެއެވެ. ޢަޒްމު ބަލިކަށި މީހަކު މެނުވީ އެ މަހުގައި ވާދަނުކޮށް އިށީނދެ ނީންނާނެތެވެ. އަބާއްޖަވެރިއަކު މެނުވީ އެ މަހުގެ ހެޔޮކަމުން މަޙްރޫމުނުވާނެތެވެ. މިހެންވެ އެކަމަށް ޓަކައި ކަމަރުބަނދެ ސަވާރީ ތައްޔާރުކުރަން ޖެހޭނެއެވެ. އެކަމަށް ޓަކައި ދަރުބޯފެން އަރުވައި ބަރާކޮށް  ހިއްމަތް  ކުރުމަށް އަތުކުރި އޮޅައިލާންވާނެއެވެ.

ޙަބީބުނާ ކައު ރަސޫލާ ﷺ ރަމަޟާންމަހަށް ވަރަށް ޝައުޤުވެރިކަމާއެކު އިންތިޒާރުކުރެއްވިއެވެ. އެއީ ޤުރްއާނުގެ މައްސަރު ކަމުގައި ވާތީއެވެ. އެމަހުގައި ލައިލަތުލް ޤަދްރި ވިލޭރޭ ވާތީއެވެ. އެ މަހުގައި ޖިބްރީލުގެފާނާއެކު ކީރިތި ޤުރްއާން މުދާރަސާކުރެއްވޭތީއެވެ.

އެކަލޭގެފާނު ރަމަޟާން މަހާ ހަމައަށް ޢުމުރުފުޅު ދިގުކޮށްދެއްވުމަށް ދުޢާފުޅު ކުރެއްވިއެވެ. ރަމަޟާން މަސް އައުމުން އެކަމުގެ އުފާވެރި ޚަބަރު ރަސޫލާ އެކަލޭގެފާނުގެ ޞަޙާބީންނަށް ދެއްވިއެވެ. ﷲ އެބައިމީހުންދެކެ ފަޚުރުވެރިވެ ވޮޑިގަންނަވާ ފަދަ ބަޔަކު ކަމުގައި ވުމަށް ޓަކައި ހެޔޮކަމުގެ މައިދާނުގައި ވާދަކުރުމަށް ހިތްވަރުދެއްވިއެވެ. ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((أتاكم رمضانُ شهرُ بركةٍ يغشاكم اللهُ فيه فينزلُ الرحمةَ ويحطُّ الخطايا ويستجيبُ فيه الدعاءَ ينظرُ اللهُ إلى تنافسِكم ويباهي بكم ملائكتَه فأروا اللهَ من أنفسِكم خيرًا فإنَّ الشَّقِيَّ من حُرم فيه رحمةُ اللهِ عزَّ وجلَّ [1]– ތިޔަބައިމީހުންގެ ގާތަށް ރަމަޟާން އަތުވެއްޖެއެވެ. އެއީ ބަރާކާތުގެ މަހެކެވެ. ﷲގެ ނިޢުމަތްތަކުން ތިޔަބައިމީހުން ފޮރުވައިލައްވަތެވެ. ފަހެ ރަޙްމަތް ބާވައިލައްވައި ކުށްފާފަތައް ފުއްސަވަތެވެ. އެ މަހުގައި އެކަލާނގެ ދުޢާ އިޖާބަކުރައްވަތެވެ. ﷲ ތިޔަބައިމީހުން ހެޔޮ ޢަމަލުތަކުގައި ވާދަކުރާ ގޮތަށް ބައްލަވަތެވެ. އަދި އެކަލާނގެ މަލާއިކަތުންގެ މަޖިލިސްތަކުގައި ތިޔަބައިމީހުންނާ މެދު ފަޚްރުވެރިވެވޮޑިގަންނަވާނެތެވެ. ފަހެ ތިޔަބައިމީހުންގެ ނަފުސުތަކުން ﷲއަށް ހެޔޮ ޢަމަލުތައް ދައްކާށެވެ! ފަހެ ހަމަކަށަވަރުން އަބާއްޖަވެރިއަކީ ﷲ ޢައްޒަ ވަ ޖައްލަގެ ރަޙްމަތުން މަޙްރޫމުވެފައިވާ މީހާއެވެ.))

ވީމާ ރަމަޟާން މަހަށް ޓަކައި ތައްޔާރުވެވަޑައިގަންނަވާށެވެ! މި މަތިވެރި ފުރުޞަތުގެ ބޭނުންކުރެއްވުމަށް ޓަކައި މި މަހަށް ތައްޔާރުވެވަޑައިގަންނަވާށެވެ!

1- މި މަހަށް ޓަކައި  ތިބާގެ ލަނޑުދަނޑިތައް ކަނޑައަޅާށެވެ! ރަގަނޅު  ޞާލިޙު ނިޔަތަކާއެކު ތެދުވެރި ޢަޒްމަކާއެކު ﷲގެ ޙަޟްރަތާ ކުރިމަތިލާށެވެ! ﷲއަށް ތައުބާވެ އައު ޞަފްޙާއެއް ހުޅުވާށެވެ! ﷲއަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން ރަމަޟާން މަހުގައި ރޯދަހިފުމަށް ނިޔަތް ގަންނާށެވެ. އެންމެ އިސް ލަނޑުދަނޑިއަކީ ތަޤްވާވެރިވުން ކަމުގައި ހަދާށެވެ. މާތް ﷲ ރޯދަ ފަރްޟުކުރެއްވީ މި ކަމަށް ޓަކައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ [2]– އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ.))

2- މި މަހަށް ޓަކައި ޚާއްޞަ ޕްރޮގުރާމެއް އެކުލަވައިލާށެވެ. ކީރިތި ޤުރްއާން ދަސްކުރުމަށާއި ކިޔެވުމަށާއި އުނގެނުމަށް ޓަކައި ވަގުތުކޮޅެއް ތާވަލުކުރާށެވެ! އެންމެ މަދުވެގެން އެއް ޚަތިމުކޮށްލެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ތިބާގެ ބޭނުންތައް ކަނޑައަޅައި ﷲއަށް ދުޢާ ދަންނަވާށެވެ! ޚާއްޞަކޮށް ރޯދަވީއްލާ ވަގުތަކީ ދުޢާ އިޖާބަކުރައްވާ ވަގުތެކެވެ. ތިބާ  ދުޢާ ކުރަން ބޭނުންވާ ގޮތަށް ޢިބާރާތްކޮށް ދުޢާ ލިޔެފައި ބާއްވައިގެން އެ ދުޢާ ތަކުރާރުކޮށް ކުރާށެވެ. އެކަލާނގެއީ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ[3]  – އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލު ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ ދުޢާކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް އީމާން ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.))

3- ރޯދަ ރަނގަޅަށް ހިފުމަށް ޓަކައި ރޯދައާ ބެހޭ ދީނީ މަޢުލޫމާތު ހޯދާށެވެ! ރޯދައިގެ ފަރްޟުތަކާއި ސުންނަތްތަކާއި ރޯދަ ޞައްޙަވުމުގެ ޝަރްޠުތައް ފަދަ މުހިއްމު މަޢުލޫމާތުތައް އެނގިގެން ހިފާ ރޯދައިގެ ފުރިހަމަކަން ބޮޑުވާނެއެވެ. މި ފަދަ މަޢުލޫމާތުތައް މިއަދު ވަރަށް ފަސޭހައިން ހޯދިދާނެއެވެ. ދިވެހިބަހުން ލިޔެފައިވާ މި ފަދަ ފޮތްތައް ވެސް މަދެއްނޫނެވެ. މީގެ އިތުރަށް ނެޓުގެ ޒަރީޢާއިން ވެސް މި މަޢުލޫމާތުތައް ހޯދިދާނެއެވެ. މި ފަދަ މަޢުލޫމާތުތައް މުޅި ޢާއިލާ ޙިއްޞާކޮށް އެކުގައި  ދިރާސާކުރުން ރަނގަޅުވާނެއެވެ. ރޯދަހިފުމުގެ ތެރޭގައި ހެދޭ  ކުށްތަކާ ދުރުހެލިވެވޭނެތީއެވެ. ތިބާގެ ރޯދަ ސާފު ޠާހިރު ރޯދައަކަށް ވޭތޯއެވެ. ތިބާގެ ރޯދަ އެންމެ މަތީ ދަރަޖައިގެ ރޯދައަކަށް ހެދޭތޯއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ތިން  ބާވަތެއްގެ ރޯދަ ވެއެވެ. އެއީ (1) އާދައިގެ ރޯދަ: އެއީ ކެއިންބުއިމާއި ޝަހަވާތްތަކުން ދުރުހެލިވެގެން ހިފާ ރޯދައެވެ. (2) ދެވަނަ ބާވަތަކީ ޚާއްޞުންގެ ރޯދައެވެ. އެއީ އިވުމާއި ފެނުމާއި ދުލާއި އަތާއި ފަޔާއި އެހެނިހެން ގުނަވަންތައް ނުބައި ޢަމަލުތަކުން ދުރުހެލިކޮށްގެން ހިފާ ރޯދައެވެ. (3) ތިންވަނަ ބާވަތަކީ ޚާއްޟުންގެ ޚާޢްޞަ ރޯދައެވެ. އެއީ ތިބާގެ އިވުމާއި ފެނުމާއި ދުލާއި އަތާއި ފަޔާއި އެހެނިހެން ގުނަވަންތައް ނުބައި ޢަމަލުތަކުން ދުރުހެލިކުރުމުގެ އިތުރަށް ހިތާއި ވިސްނުމާއި ފިކްރު ވެސް އެންމެހައި ނުބައި ޢަމަލުތަކާ ދުރުހެލިކޮށްގެން ހިފާ ރޯދައެވެ.

4- ތިބާގެ އަނބިމީހާއާއި ދަރިން ރޯދަހިފުމަށާއި ރޯދަމަހަށް އަހްލުވެރިކުރުވުން: "ރަމަޟަން މަސް ވުނަކުރަމާ" މި ޝިޢާރުގެ ދަށުން ތިބާގެ ގޭގައި ކުޑަކުޑަ ސިންތާއެއް  ބާއްވާށެވެ!  ތިބާގެ އަނބިމީހާއާއި ދަރީންނާއެކު މި ސިންތާ ކުރިއަށް ގެންދާށެވެ! މި މާތް މަހުން ފައިދާ ލިބިގަތުމަށް ޓަކައި ޕްރޮގްރާމެއް ރާވައިލުމާ ބެހޭގޮތުން މަޝްވަރާކުރާށެވެ! އެމީހުންގެ ހެޔޮވިސްނުމުން ރަނގަޅު ޚިޔާލުތަކެއް ލިބޭނެއެވެ. ޢަމަލީ ގޮތުން ކުރެވިދާނެ ނިންމުންތަކެއް ފާސްކުރާށެވެ. މި ނިންމުންތައް ލިޔެ އެއާ އެއްގޮތަށް އެންމެން ޢަމަލުކުރުމަށް ކަށަވެތިވާށެވެ!

5- ރަމަޟާން މަހާ އެކަށީގެންވާ ގޮތަށް ތިބާގެ ގެއާއި ރަށް ނުވަތަ އަވަށް ނުވަތަ ކޮށި ޒީނަތްތެރިކުރުމަށް ދަހިވެތިވާށެވެ! މި ކަމުގެ ތެރެއިން ލައިފާ މީސްތަކުންގެ ހިތްތަކަށް އުފާވެރިކަން ވައްދައިދިނުމަށް ސަމާލުކަންދޭށެވެ! ޒީނަތްތެރި ކުރަންވީ ހަމައެކަނި ފަރުނީޗަރުންނާއި ކާބޯތަކެއްޗަކުންނޫނެވެ. އިމާންކަމުގެ ނޫރުންނާއި އިސްލާމީ ރިވެތި އަޚްލާޤުން ޒީނަތްތެރިވުން މާ މުހިއްމުކަން ދަންނާށެވެ!

6- ތިބާގެ ވަގުތު ޙިމާޔަތްކޮށް ރަމަޟާން މަހުގައި ވަގުތު ރަނގަޅަށް ބޭނުން ކުރާށެވެ!ރަމަޟާން މަހުގެ 720 ގަޑި އިރު ރަނގަޅަށް ވުނަކުރުމަށް ޓަކައި މި ވަގުތުގެ ބޭނުންކުރާނެ ގޮތުގެ ތާވަލެއް ހަދައި އެއާ އެއްގޮތަށް ޢަމަލުކުރެވޭތޯ ބަލާށެވެ!  ތިބާ އަޅުކަމުގެ ކަންތައްތަކަށް ހޭދަކުރާނީ ކިހާވަރެއްތޯއާއި ތިބާގެ ދަރީންނާއެކު ހޭދަކުރާނީ ކިހާ ވަގުތެއްތޯއާއި ނިދުމަށާއި ކެއުމަށް ހޭދަކުރާނީ ކިހާ ވަގުތެއްތޯއާއި ގާތްތިމާގެ މީހުންނަށާއި ރަށްޓެހީންނަށް ޒިޔާރަތް ކުރުމަށް ހޭދަކުރާނީ ކިހާ ވަގުތެއްތޯ ބަލައި ކަނޑައަޅާށެވެ. އިފްޠާރުތަކަށާއި ސުޙޫރުތަކަށް މާ ގިނަ ވަގުތު ހޭދަނުކުރާށެވެ. އެއްވަގުތެއްގައި އެތައް ކަމެއް ކުރެވިދާނެއެވެ. މިސާލަކަށް ތަނަކަށް ދާ އިރު އެ ވަގުތުކޮޅުގެ ތެރޭގައި ޒިކުރު ކުރެވިދާނެއެވެ. ޤުރްއާނުން ތަންކޮޅެއް ކިޔައިލެވިދާނެއެވެ. މޯބައިލް ފޯނުގައި މިއަދު މުޞްޙަފު އަބަދުވެސް އޮންނާނެއެވެ. ފަސޭހައިން ކިޔެވޭ ފަދަ ފޮންޓަކުން ލިޔެފައިވާ މުޞްޙަފުގެ ކޮޕީއެއް އިތުބާރުކުރެވޭ މަޞްދަރަކުން ޑައުންލޯޑު ކުރުން ރަނގަޅު ވާނެއެވެ.

7- އަޅުކަންކުރުމަށް ޓަކައި ރަނގަޅަށް ރާވާށެވެ! އިފުތާރު ލުއިކުރާށެވެ! އެހެން ނޫނީ ޢިޝާނަމާދަށް ދެވޭނީ ފުރާނައެއް ނެތް ހަށިގަނޑަކާއިގެންނެވެ. ލޮޑުވެގެން ގޮސް ތަރާވީޙު ނަމާދު ކުރާއިރު ހުންނާނީ ނިދިބަރުކައިފައެވެ. رسول الله ﷺ ގެ ހަދްޔަށް ތަބާވެވޭތޯ ބަލާށެވެ! މަޣްރިބު ނަމާދަށް ބަންގި ގޮވުމުން ކަދުރުކޮޅަކާއި ފެންފޮދަކުން ނުވަތަ ޖޫސް ތަށްޓަކުން ރޯދަވީއްލައިގެން މަޣްރިބު ނަމާދު ކުރާނީއެވެ. ނަމާދަށް ފަހު ލުއި ކާއެއްޗެއް ނުވަތަ ހެދިކާކޮޅަކާއި ކޮންމެވެސް ކަހަލަ ޖޫހެއް ބޯލާނީއެވެ. އެއަށްފަހު ޢިޝާނަމާދާއި ތަރާވީޙު ނަމާދު ކުރާނީއެވެ. ރޭގަނޑުގެ ކެއުން ކަނީ އޭގެފަހުންނެވެ.  ޞިއްޙީ ގޮތުންނާއި އަޅުކަމުގެ ގޮތުން ފައިދާ ބޮޑުވާނީ މި ގޮތެވެ.

8- ހާރުގެ ވަގުތަށް ސަމާލުކަން ދޭށެވެ. އެއީ އުޑުގެ ދޮރުތައް ހުޅުވައިލެވޭ ވަގުތެވެ.  އަދި ހާރުކެއުމަށް ސަމާލުކަންދޭށެވެ! އެއީ ބަރަކާތްތެރި ކަމެކެވެ. ހާރު ކާނީ ފަތިސްނަމާދާ ގާތްކޮށެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((تسحَّروا فإنَّ في السَّحورِ بركةً [4]–-  ތިޔަބައިމީހުން ހާރުކާށެވެ! ފަހެ ހަމަކަށަވަރުން ހާރުކެއެމުގައި ބަރަކާތެއް ވެއެވެ.))

9- ފަހު ދިހައިގެ ރޭތައް އިޙްޔާކުރުމަށް ރާވައި ތިބާ ތައްޔާރުވާށެވެ! ކީރިތި ރަސޫލާ ފަހު ދިހައިގެ ރޭތަކުގައި އަނބިއަނބިކަނބަލުން ވެސް އަޅުކަންކުރެއްވުމަށް ޓަކައި އަވަހާރަފުޅުން ނެންގެވިއެވެ. ގިނަ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ލައިލަތުލްޤަދްރި ވިލޭރޭ ވަނީ ފަހު ދިހައިގެ ރޭތަކުގެ ތެރޭގައެވެ. ފަހު ދިހައިގެ ރޭތައް އަޅުކަންކުރުމަށް ޚާއްޞަ ކުރުމަށް ޓަކައި  ގޭތެރޭގެ ހުރިހާ ކަންތައްތަކެއް ކޮށް އެކަންކަމުގައި ތިބާ އަވަދިނެތިވެ އުޅޭން ނުޖެހޭ ގޮތަށް ޢައިލާގެ އެންމެހައި ކަންތައް އިންތިޒާމުކުރާށެވެ.

10- ރަމަޟާން މަސް ދީލަތި މަހަކަށް ހަދާށެވެ! ފަޤީރުންނަށާއި މިސްކީނުންނަށް ރޯދަވީއްލުންތައް ތަނަވަސްކޮށް ދެވޭތޯ ބަލާށެވެ. އެ އިރުން ރޯދަވެރިޔާއަށް އޭނާގެ ރޯދައިން ލިބޭ ސަވާބާ އެއްފަދަ ސަވާބެއް ތިބާއަށް ލިބޭނެއެވެ. ވީވަރަކުން ޞަދަޤާތް ކުރާށެވެ. ތިބާގެ ބަޖެޓާ އެކަށީގެންވާ މިންވަރަކުންނެވެ. ތިބާ ޚަރަދު ދީ ބަލަހައްޓަން ޖެހޭ މީހުންނަށް އަޅައިލުމާ އެކުގައެވެ.

 

[1]  –  أخرجه الشاشي في ((المسند)) (١٢٢٤)، والطبراني في ((مسند الشاميين)) (٢٢٣٨)

[2]  –  البقرة : 183

[3]  – –  البقرة : 186

[4]  – أخرجه البخاري (١٩٢٣)، ومسلم (١٠٩٥)  و  النسائي (٢١٤٧)، وأحمد (٨٨٨٥)

advertisement
ހިޔާލު ދެއްވާ!