އައިޖީއެމްއެޗް.. ފޮޓޯ: ޕީއެސްއެމް

އިތުރުގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވާތީ ސިްޙީ މަސައްކަތްތެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފި!

ސިއްޙީ ޚިދުމަތްތެރިންނަށް އިތުރު ގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވާތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްއެޗްޕީޔޫއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހެލްތު މިނިސްޓްރީ އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި މަސައްކަތް ކުރަމުންދާ ސިއްޙީ މަސައްކަތްތެރިންގެ ތެރެއިން ސިއްޙީ ދާއިރާގެ ޕޭ ފްރޭމްވޯކަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިން ލައްވާ އިތުރު ގަޑީގައި ކުރުވާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ ހަމައަށް ނުދީ މަސައްކަތް ކުރުވަމުން ގެންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ ޔޫނިއަނުން ބުނީ މުވައްޒަފުގެ އަސާސީ މުސާރައިގެ 10 ޕަސަންޓަށްވާ މިންވަރަށް ވުރެ އިތުރަށް މަސައްކަތް ކުރުވުން، ވަޒީފާދޭ ފަރާތުގެ މައްޗަށް އަދި އެ މުވައްޒަފަށް މަސައްކަތް ހަވާލުކުރާ ސުޕަވައިޒަރުގެ މައްޗަށް މަނާކުރާ ކަމަށެވެ.

އެމްއެޗްޕީޔޫ އިން ބުނީ ސިއްޙީ ޚިދުމަތް ހޯދާ ބަލި މީހުންގެ އަދަދާ އަޅާބަލާއިރު ސިއްޙީ މަސައްކަތްތެރިންގެ އަދަދު މަދުވުމުގެ ސަބަބުން، ރަސްމީ ގަޑީގެ އިތުރަށް ގިނަ ވަގުތުތަކެއް ސިއްޙީ މަސައްކަތްތެރިން މަސައްކަތުގައި ހޭދަކުރަން ޖެހޭކަން އެމްއެޗްޕީޔޫ ފާހަގަކުރަމުން އެމްއެޗްޕީޔޫއިން ބުނީ ދައުލަތުގެ އައު ޕޭ ފްރޭވްވޯކުގައި މިހާރު ކަނޑައަޅާފައިވާ 10 ޕަސަންޓަށްވުރެ އިތުރަށް މިހާރު ވެސް ސިއްހީ މަސައްކަތްތެރިން މަސައްކަތް ކުރަން ޖެހޭ ނަމަވެސް، މުސާރައިގެ 10 ޕަސަންޓަށް ޖެހޭ ވަރަށް ވުރެ އިތުރަށް ކުރުވާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ މިހާރު ނުދޭ ކަމަށެވެ.

އެމްއެޗްޕީޔޫއިން އިތުރަށް ބުނީ ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް ހެދޭ ކޮންމެ ޤަވާޢިދެއް، އުސޫލެއް އަދި ކޮންމެ މިންގަނޑެއް ވާނީ ބާތިލު އެއްޗެއްކަމުގައި ކަމުގައި ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާން ކޮށްފައިވީ ހިނދު، ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބި ނުދެވޭ ގޮތަށް ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ އޯޓީއާ ގުޅޭ މިންގަނޑު ހެދުމަކީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފުކަމެއް ކަމަށް ދެކޭ ކަމަށެވެ.

ސިއްޙީ މަސައްކަތްރެރިން ލައްވާ އިތުރުގަޑީގެ ފައިސާ ނުދީ މަޖުބޫރުން ކުރުވާފައިވާ މަސައްކަތަށް ދޭން ޖެހޭ ފައިސާ ހަމައަށް ދިނުމަށް އެމްއެޗްޕީޔޫ އިން ވަނީ ގޮވާލައިފައެވެ.

advertisement
ހިޔާލު ދެއްވާ!