ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙުމަދު އަޒާން

މަޖިލީހުގެ މުހިއްމު ދެ ކޮމިޓީއަކުން މެމްބަރު އަޒާން ވަކިކޮށްފި!

ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިއްމު ކޮމިޓީތައްކަމުގައި ހިމެނޭ މާލިއްޔަތު ކޮމިޓީ އަދި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241) ކޮމިޓީން، ހިތަދޫމެދު ދާއިރާގެ  މެމްބަރު އަޙުމަދު އަޒާން ވަކިކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީންނާއި 241 ކޮމިޓީން އަޒާން ވަކިކުރައްވާފައިވާކަން އިޢުލާނު ކުރެއްވީ މިއަދުގެ މަޖިލީހުގެ ޖަލްސާ ފަށްޓަވާދެއްވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. ޢަބްދުއްރަޙީމް ވަނީ ކޮމިޓީތަކަށް ގެނެސްފައިވާ ބަދަލުތައް އިޢުލާނުކުރައްވައިފައެވެ.

މިގޮތުން ގެންނެވި ބަދަލުތަކުގެތެރޭގައި މާލިއްޔަތު ކޮމިޓީއަށް އަޒާންގެ ބަދަލުގައި ހެންވޭރުއުތުރު ދާއިރާގެ މެމްބަރު އަޙުމަދު އައިފާނު ހަމަޖެއްސުމާއި ސުލޫކީ ކޮމިޓީގައި ހިމެނޭ ޕީއެންސީ މެމްބަރު މުޙައްމަދު އިސްމާޢީލުގެ ބަދަލުގައި އަޙުމަދު އަޒާން ހަމަޖެއްސުމާއި ޕެޓިޝަން ކޮމިޓީގައި ހިމެނޭ އަޙުމަދު އައިފާނުގެ ބަދަލުގައި އަޙުމަދު އަޒާން އެ ކޮމިޓީއަށް ހަމަޖެއްސުމާއި 241 ކޮމިޓީއަށް އަޙުމަދު އަޒާންގެ ބަދަލުގައި މުޙައްމަދު އިސްމާޢީލު ހަމަޖެއްސުން ހިމެނެއެވެ.

އަޒާން މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން ވަކިކޮށްފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލަށް ޕީއެންސީގެ ވިޕާއި ޚިލާފަށް ވޯޓުދިން މައްސަލައިގައެވެ. މި މައްސަލައާއިގުޅިގެން އަޒާން ޕީއެންސީއިން ބޭރުކުރަންއުޅޭ ކަމަށްވެސް ވާހަކަތައް ދެކެވެމުން އަންނަކަން ފާހަގަކުރެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އޭނާ އިންތިޚާބުވީ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ އޭނާގެ ގޮނޑީ ގެއްލޭގޮތަށް ޤާނޫނު އަސާސީ ވަނީ މަޖިލީހުގެ މި ދައުރުގައި އިސްލާޙްކޮށްފައެވެ. އަދި މި އިސްލާޙް ޤާނޫނޫ އަސާސީއާ ޚިލާފުކަމަށްބުނެ އެ އިސްލާޙް ބާޠިލުކޮށްދޭން އެދި ސުޕްރީމުކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ކުރިއަށްދަނިކޮށް ޕީއެންސީން މަޖިލީހަށް ބިލެއް ހުށަހެޅީ ސުޕްރީމްކޯޓުގެ 7 ފަނޑިޔާރުންގެ އަދަދު 5 އަށް ކުޑަކުރާށެވެ.

އެ ބިލު ބަލައިގަންނަން، އަދި ބިލު ފާސްކުރަން ނެގި ވޯޓުގައި ވެސް އަޒާން ބައިވެރިވެފައިނުވާކަން ފާހަގަ ކުރެވެއެވެ. މި ބިލަށް ވޯޓު ނުދެއްވާ މެމްބަރުންނަށް ފިޔަވަޅުއަޅުއްވާނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

އަދި އެއާއިއެކު މެމްބަރު އަޒާންގެ ގޮނޑި ގެއްލުމުގެ ބިރުހީވެފައިވާއިރު، އަޒާން ވިދާޅުވީ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލަށް ވޯޓު ނުދެއްވީ ދުސްތޫރީ މައްސަލައެއް ހިނގަމުންދަނިކޮށް އެ ބަދަލު ގެނައުމަކީ ޤާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށް ޤަބޫލުކުރައްވާތީ ކަމަށެވެ. އަދި ރައްޔިތުންނާއި ޤައުމުގެ މަސްލަޙަތަށްވުރެ އެހެން އެއްވެސް މަސްލަޙަތެއް އިސްނުކުރައްވާނެކަމަށް އަޒާން ވިދާޅުވިއެވެ.

 

 

advertisement
ހިޔާލު ދެއްވާ!