ދަހިވެތިކަން: ނަފްސާނީ ބަލިމަޑުކަމެއް

ހިތް އެކަމަކަށް ތާއަބަދު އެދޭ ކޮންމެކަމަކަށް ދަހިވެތިކަމޭ ކިޔައެވެ. ޢާންމުގޮތެއްގައި ދަހިވެތިކަން ސިފަކުރަނީ ދުނިޔަވީ މާއްދީ ކަންކަމަށް ތިމާ އެދުންވެރިކަން އިތުރުވާ ވުމަށެވެ. އެގޮތުން ފައިސާއާއި، މުދަލާއި، ނުފޫޒާއި، ބާރާއި، އަންހެނުން ފަދަ ކޮންމެކަމަކީ ދަހިވެތިކަން ނުހަނުބޮޑަށް އުފައްދާ ކަންކަމެވެ. މިފަދަ ކަންކަމަކީ ނަފްސު މަގުން ކައްސާލަން މެދުވެރިވާ ކަންކަމެވެ. މިއިން ކަމަކާ ގުޅިގެން އުފެދޭ ހިތްހަމަނުޖެހުމާއި، މައްސަލަ ބޮޑުވާ ބޮޑުވުމަކީވެސް ދަހިވެތިކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިފަދަ މައްސަލަތަކުގައި އަނެކާ އަވަހަށް ނެތިވެދިއުމަށް އެދޭއިރު، މުދަލާއި ނުފޫޒާއި ބާރުގައި ތިމާގެ ޙަޔާތް ތާއަބަދު ލެއްވުމަށް އެދެވެނީ، ދަހިވެތިކަން ކިހާ ބޮޑުވީމަ ހެއްޔެވެ؟

ދުނިޔޭގެ ދަހިވެތިކަން އުފެދޭ އަނެއްކަމަކީ ތިމާގެ ޤަދަރާއި ޢިއްޒަތަށެވެ. ބައެއްމީހުން ތިމާއަކީ މާޤަދަރުވެރި، މާ ޢިއްޒަތަތެރި މީހަކަށް ވެގަތުމަށް ނުހަނު ގިނަގުނަ ހޭދަކޮށް އުޅެތެވެ. ތިމާގެ މަޤާމަކީ މާ ޝަރަފުވެރި މަޤާމަކަށްވާތީ، އެ މަޤާމުގައި ދެމިހުރުމަށް ހިތްއެދޭ އެދުމަކީވެސް ދަހިވެތިކަމެވެ. އެހެންކަމުން ދަހިވެތިކަމަކީ އިންސާނާގެ ނަފްސަށް ޖެހޭނެ އެންމެ ނުރައްކާތެރި ވަބާކަމުގައި ނޫނީ ނުވެއެވެ.

މިފަދަ މީހުންގެ މިސާލަކީ، ކަސް (ހަމުގައި ނަގާ ވަރަށްބޮޑަށް ހިރުވާ ބިހިތަކެއް) އަޅައިގެން އުޅޭ މީހެއްގެ މިސާލެވެ. މި ބަލި ޖެހިފައިވާމީހާ ހިރުވައިގަނެގެން ކިތަންމެ ވަރަކަށް ކަހާ ހެދިޔަސް ހިރުވުން ނުފިލާ ބީދައިން، ކިތަންމެވަރަކަށް މުދަލާއި، ޝަރަފާއި، ޝާނާއި، ޝައުކަތުގެ ފޮނިކަން ލިބުނަސް، ދުވަހަކުވެސް ހިތްފުރޭވަރު ނުވާނެއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގެ ޙިޖްރު ސޫރަތުގެ 88 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ﴿لَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِ أَزْوَاجًا مِّنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَاخْفِضْ جَنَاحَكَ لِلْمُؤْمِنِينَ﴾   މާނައީ: " އެއުރެންގެތެރެއިން ބަޔަކަށް، ދުނިޔޭގެ އުފަލެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ދެއްވާފައިވާ ކަންތަކަށް ކަލޭގެފާނުގެ ލޯފުޅު ނުފޯރުއްވަވާށެވެ! އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި މުއްމިނުންނަށްޓަކައި، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެބަހީ: މަޑުމައިތިރިވެ ވަޑައިގަންނަވާށެވެ!)

އަދި ބުޚާރީ އާއި މުސްލިމްގައި ރިވާވެގެންވާ ރަސޫލުﷲ ޞައްލަ ﷲ އަލައިހި ވަސައްލަމަގެ ޙަދީސްފުޅެއްގެ މާނައިގައި ވެއެވެ. "އިންސާނާ މުސްކުޅިވުމުން އޭނާގެ ދެ ކަމެއް އިތުރުވެއެވެ. އެއީ އޭނަގެ މުދާވެރިކަން އިތުރުވުމަށާއި އޭނާގެ ޢުމުރު ދިގުވުމަށެވެ."

މިފަދަ ކަންކަމުން ވިސްނާ ފިކުރުކުރާ ކޮންމެ މީހަކަށް އެނގި ހާމަވާނީ، އިންސާނާ ބޭނުންވާހާކަމެއް ދުނިޔެމަތީގައި ޙާޞިލްކުރުމަކީ ނުހަނު އުނދަގޫ ކަމެއްކަމެވެ. މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރްއާނުގެ ނަޖްމު ސޫރަތުގެ 24 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ﴿أَمْ لِلْإِنسَانِ مَا تَمَنَّىٰ﴾ މާނައީ: "ނުވަތަ އިންސާނާއަށް އޭނާ އެދޭކަމެއް ލިބޭހެއްޔެވެ؟"

މިކަންކަމުން އެނގި ހާމަވާ ކަމަކީ، ދަހިވެތިކަމުގެ ނުރައްކާތެރި ބަލި ޖެހިފައިވާ މީހަކަށް ހިތްހަމަޖެހުމެއް ލިބޭނެދުވަހެއް އޭނާގެ ކަރަށް ފަސްއެޅޭ (ޔަޢުނީ: މަރުވެ ވަޅުލެވޭ) ދުވަހާ ހަމައަށްވެސް ހޯދައިނުގަނެވޭނެ ކަމެވެ. މިންވަރަށް އީމާންނުވާ، ޤަޟާޤަދަރަށް އީމަންނުވާ ކޮންމެމީހަކު މިކަން އިޙްސާސް ކުރާނެކަމީ ކަށަވަރު ކަމެކެވެ.

މި ބަލިމަޑުކަމުން ސަލާމަތްވާން ބޭނުންވާ މީހާ، އޭނާއަށް ދެއްވާފައިވާ ނިޢުމަތްތަކާމެދު ޝުކުރުކުން ގިނަކުރުން ހުއްޓެވެ! އޭނާގެ މުދަލުން ﷲގެ މަގުގައި ހޭދަކުރުން ގިނަކުރުން ހުއްޓެވެ! ދީލަތިކަމާއި ތަޤްވާވެރިކަން އިތުރުކޮށް އެހެންމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ޚިޔާރުކުރުން ހުއްޓެވެ! ތިމާގެ މުދަލުގެ ޙާޤީޤީ ވެރިފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާކަން ޤަބޫލުކުރުން ހުއްޓެވެ!

ބުޚާރީއާއި މުސްލިމްގައި، އަނަސް ބިން މާލިކް ރިވާކުރައްވާފައިވާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީސްފުޅެއްގެ މާނައިގައި ވެއެވެ. "އިންސާނާ އޭނާގެ އަމިއްލަ ނަފްސަށް ލިބެންބޭނުންވާ އެންމެހާ މޮޅުކަމަކާއި މަތިވެރިކަމެއް އޭނާގެ އަޚާއަށް ލިބުމަށް އެދިއްޖައުމަށް ދާންދެން އޭނާގެ އީމަންތެރިކަން ފުރިހަމަ ނުވާހުއްޓެވެ"

އަޅަމެންނަށް ﷲ ގެ މަގުގައި ހިފެހެއްޓުމުގެ ސާބިތުކަން މިންވަރުކުރައްވާށި!

އާމީން!

advertisement
ހިޔާލު ދެއްވާ!