ހުސްނުއްސުއޫދު

ޝަރުޢީ ދާއިރާއަށް ރައީސް ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވައިފި!

ޝަރުޢީ ދާއިރާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައިފިއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހުގައެވެ.

އެގޮތުން ސުއޫދުގެ އިސްތިޢުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ބާޠިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއާ ޚިލާފަށް ޢަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

ސުއޫދު ވިދާޅުވީ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ބެލުން ހުއްޓުވުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލިހުން ބިލެއް ފާސްކޮށް، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި އެ މައްސަލަ ރައީސް މުޢިއްޒު ބޭނުންފުޅުވާ ގޮތަށް ނިންމަން ޤާނޫނުއަސާސީ އާ ޚިލާފަށް ސުޕްރީމް ކޯޓަށް އެމަނިކުފާނު ގެންދަވަނީ ނުފޫޒު ފޯރުވަމުން ކަމަށެވެ.

"އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" ސުއޫދު ވިދާޅުވިއެވެ.

ހުސްނުއްސުއޫދު މިއަދު އިސްތިއުފާ ދެއްވާފައި މިވަނީ ސުއޫދުގެ އިތުރުން ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު ޢަލީ މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑުކޮށްފައިވަނިކޮށްނެވެ. އެ ތިން ފަނޑިޔާރުން ޖޭއެސްސީން ސަސްޕެންޑުކުރީ އޭސީސީން ބަލަމުންދާ މައްސަލައެއްގެ މަޢުލޫމާތު އެ ކޮމިޝަނުން ޖޭއެސްސީ އަށް ފޮނުވުމާ ގުޅިގެންނެވެ.

ޤާނޫނީ ވަކީލު ހުސްނުއްސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ޑިސެމްބަރު 8، 2019 ގައެވެ.

advertisement
ހިޔާލު ދެއްވާ!