ޤުރްއާނާއި ސައެންސްގެ އަލީގައި – ރޯދައިގެ ފައިދާ

އަޅުގަނޑުމެން އެންމެންވެސް ދަންނަގޮތުގައި އިންސާނާ ފުރިހަމަ ޞިއްޙަތެއްގައި ދިރިހުރުމަށް ބޭނުންވާ ހަކަތަ އުފައްދަނީ އޭނާ ކެއިންބުއިމަށް ބޭނުންކުރާ ކާނާގެ އެހީގައެވެ. މިގޮތުން ކެވޭ ކާނާގެ ބާވަތްތަށް ހަޖަމްކުރުމަށްފަހު އުފައްދާ ހަކަތައިން އެވަގުތަށް ބޭނުންވާވަރަށްވުރެ އިތުރުވާބައި ޖަމާކުރަނީ ހަށިގަނޑުގެ ހަމުގެ އެތެރޭގައާއި، އެތެރެހަށީހައި ހުންނަ އެކިއެކި ނިޒާމް (ގުނަވަން) ތަކުގެ ވަށައިގެންނެވެ. ޢާންމުގޮތެއްގައި މި ރައްކާކުރެވޭ ހަކަތައަށް ކިޔާ އުޅެނީ "ސަރުބީ"އެވެ. ސަރުބީ އާދަޔާޚިލާފަށް ގިނަވާން ފެށުމުން މީހާ ބަރުހެލިވެ ބަލިމަޑުކަން އިޙްސާސް ކުރެވެން ފަށައެވެ.

މިއާއި ޚިލާފަށް އިންސާނާ ކެއިންބުއިމާއި ދުރުހެލިވެ ރޯދަހިފަން ފެށުމުން، އޭނާގެ ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ކުރިން ދެންނެވި ސަރުބީތަށް ބޭނުން ކުރަން ފަށާކަމަށް ދިރާސާތަކުން ހާމަވެއެވެ. މި ސަރުބީތަކަކީ ކުރިން ބޭނުންކުރި ކާނާތައް ހަޖަމުކުރުމަށް ފަހު ސާފުކުރެވިފައިވާ ހަކަތަކަމުން، ހަށިގަނަޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށްޓަކައި މި ސަރުބީތަށް އަލުން އިންސާނާގެ ފުއްޕާމެއަށް (ލިވަރއަށް) ފޮނުވަން ފަށައެވެ. ފުއްޕާމެއިން މި ސަރުބީތަށް ބަދަލުކުރަނީ، ބަދަލުގައި ބޭނުންކުރާ ކަހަލަ ހަކަތައަކަށެވެ. ނުވަތަ އޯލްޓަނޭޓިވް އެނަޖީއަކަށެވެ. މި އާ ހަކަތައަށް ކިޔާއުޅެނީ "ކީޓޯން" އެވެ. މި ކީޓޯން ތަކުން ހަށިގަނޑަށް ބޭނުންވާ ހަކަތައާއި ސިކުނޑިއަށް ބޭނުންވާ ހަކަތަ އުފައްދާދެއެވެ. މިއީ އިމަޖެންސީ ހަކަތައެއް ކަމުން،  ނުކައިހުންނަ ދުވަސްތައް މާބޮޑަށް ގިނަވާން ވެއްޖެނަމަ އެކަމުގެ ނޭދެވޭއަސަރު ހަށިގަނޑަށް ކުރާކަން ސާބިތުވެއެވެ.

މި ނިޒާމުގެ ތެރެއިން ހަށިގަނޑުގައި އުފެދިފައިވާ ބަލިކަށި ސެލްތަށް ނައްތާލާ، ތާޒާ އާ ސެލްތަށް (ވައިޓް ބްލަޑް ސެލްތައް ހިމެނޭހެން) އުފައްދާ، ދިފާޢީ ނިޒާމް ދުޅަހެޔޮކޮށްދޭކަން ދިރާސާތަކުން ހާމަވެއެވެ.

މިކަމަށް އިޝާރާތްކުރައްވާ ކީރިތި ޤުރްއާނުުގެ ބަޤަރާ ސޫރަތުގެ 184ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައި ވެއެވެ.

أَیَّامࣰا مَّعۡدُودَ ٰتࣲۚ فَمَن كَانَ مِنكُم مَّرِیضًا أَوۡ عَلَىٰ سَفَرࣲ فَعِدَّةࣱ مِّنۡ أَیَّامٍ أُخَرَۚ وَعَلَى ٱلَّذِینَ یُطِیقُونَهُۥ فِدۡیَةࣱ طَعَامُ مِسۡكِینࣲۖ فَمَن تَطَوَّعَ خَیۡرࣰا فَهُوَ خَیۡرࣱ لَّهُۥۚ وَأَن تَصُومُوا۟ خَیۡرࣱ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ ۝١٨٤

މާނައީ: ރޯދަހިފަންވީ ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ ރަމަޟާންމަހުގެ ރޯދަ ދޫކޮށްލައިފިނަމަ، އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުއްޓެވެ. އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، ރޯދަ ދޫކޮށްލުމާއެކު ފިދްޔަ ދިނުމެވެ. ފިދްޔައިގެ މިންވަރަކީ މިސްކީނަކަށް ކާންދޭ މިންވަރެވެ. ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ.

މި އާޔަތުން ދަލީލުކުރާގޮތުގައި ރޯދައިގެ ފައިދާތައް ޢަދަދުކުރެވޭ ވަރަށްވުރެވެސް ގިނަވުމަކީ އެކަށީގެންވާ ކަމެކެވެ. މަތީގައި މިބަޔާންކުރެވުނީ މިހާތަނަށް ހޯދިފައިވާ ސައެންސްގެ ހޯދުންތަކުގެ މިންވަރެކެވެ. ރޯދައިގެ ދީނީ، ރޫޙާނީ އަދި ނަފްސާނީ އެތައް ފައިދާތަކެއް ލައްވާފައިވާކަމީ އަޅުގަނޑުމެން އެންމެންވެސް ދަންނަ ކަންކަމެވެ. އަޅުގަނޑުމެން އެންމެނަށް ރޯދައިގެ ފުރިހަމަ ބަރަކާތާއި ޞަވާބާއި ފައިދާ ޙާޞިލްވާނެމަގުން މި ރަމަޟާންމަސް ނިންމުމުގެ ފުރިހަމަ ތައުފީޤް ކީރިތި ﷲ މިންވަރު ކުރައްވާށީ!

އާމީން!

advertisement
ހިޔާލު ދެއްވާ!