ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުޢޫދު ފަނޑިޔާރުކަމުން ވަކިވެގެން ދިއުމަކީ ރާއްޖޭގެ އިސްލާމީވަޙުދަތަށް ލިބިގެން ދިޔަ ބޮޑުވެގެންވާ ހެވެއް ކަމަށް ޙަދީޘްޢިލްމުވެރިޔާ އައްޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު މިއަދު އެ މަޤާމުން އިސްތިޢުފާދެއްވިކަން އަންގަވާ އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ސިޓީއެއް ފޮނުއްވައިފައެވެ.
މިކަމާއި ގުޅިގެން ޝައިޚް ޒަމްޒަމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗުގައި އިންނަވައިގެން، ލައިވްކޮށް، އިސްލާމް ދީނާ މެދު ރޯ ބުހުތާނު ދޮގު ހައްދަވައި، ދީނީ ކަންކަމުގައި ވާހަކަ ދެއްކުމުގެ ހުއްދަ ވެސް ނެތީސް، ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް، ފަނޑިޔާރު ގޭގެ އިންނަވައި ދޮގު ފަތުވާ ދެއްވާފައިވާ އަލްއުސްތާޛު ހުސްނުއްސުޢޫދު ފަނޑިޔާރުކަމުން ވަކިވެގެން ދިއުމަކީ ރާއްޖޭގެ އިސްލާމީވަޙުދަތަށް ލިބިގެން ދިޔަ ބޮޑުވެގެންވާ ހެވެއް ކަމަށެވެ.
ޝައިޚް ވިދާޅުވީ ފަނޑިޔާރު ސުޢޫދު އިސްތިޢުފާ ދެއްވުމަކީ ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތަށް ކުރިމަތިވެފައި އޮތް ލާދީނީ ގޮންޖެހުންތަކާއި، ނުރައްކާތެރިކަމުން ރާއްޖެ ސަލާމަތް ވުމަށް ޓަކައި އެޅިގެން ދިޔަ ފައްސި ފިޔަވަޅެއް ކަމަށެވެ.
ޝައިޚްގެ ޕޯސްޓުގައި ވަނީ ފަނޑިޔާރު ސުޢޫދު ސުޕްރީމްކޯޓުގައި ކުރިއަށްދިޔަ ޝަރީޢަތުގެ މަޖިލީހެއްގައި ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯއެއް ވެސް ހިއްސާކުރައްވައިފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ދިވެހިރާއްޖޭގެ ދީނަކީ ކުރިސްޓިއަން ދީންކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ އެ މައްސަލައާއިގެން ސުޕްރީމުކޯޓަށް އާދެވިދާނެތޯ ސުޢޫދު ސުވާލުކުރައްވައެވެ. ޖަވާބުގައި ދައުލަތުގެ ވަކީލާ ދިވެހިރާއްޖޭގައި އެއްވެސް ޤާނޫނެއް އިސްލާމްދީނާ ޚިލާފަށް ފާސް ނުކުރެވޭނެކަމަށް ޤާނޫނު އަސާސީގެ 70 ވަނަ މާއްދާގައި އޮންނަކަމަށް ވިދާޅުވުމުން، އެކަމަކު އިސްލާމީ ޝަރީޢަތުގައި އެފަދަ ޤާނޫނެއް ފާސް ނުކުރެވޭނެ ކަމަށް ނޯންނަކަމަށް ސުޢޫދު ވިދާޅުވެއެވެ.
ސުއޫދުގެ އިސްތިޢުފާގެ ސިޓީ މީޑިއާތަކަށް ވެސް ފޮނުއްވާފައިވާއިރު، އެ ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ބާޠިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއާ ޚިލާފަށް ޢަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
މީގެއިތުރުން ސުއޫދު ވިދާޅުވީ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ބެލުން ހުއްޓުވުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލިހުން ބިލެއް ފާސްކޮށް، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި އެ މައްސަލަ ރައީސް މުޢިއްޒު ބޭނުންފުޅުވާ ގޮތަށް ނިންމަން ޤާނޫނުއަސާސީ އާ ޚިލާފަށް ސުޕްރީމް ކޯޓަށް އެމަނިކުފާނު ގެންދަވަނީ ނުފޫޒު ފޯރުވަމުން ކަމަށެވެ.
ހުސްނުއްސުއޫދު މިއަދު އިސްތިއުފާ ދެއްވާފައި މިވަނީ ސުއޫދުގެ އިތުރުން ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު ޢަލީ މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑުކޮށްފައިވަނިކޮށްނެވެ. އެ ތިން ފަނޑިޔާރުން ޖޭއެސްސީން ސަސްޕެންޑުކުރީ އޭސީސީން ބަލަމުންދާ މައްސަލައެއްގެ މަޢުލޫމާތު އެ ކޮމިޝަނުން ޖޭއެސްސީ އަށް ފޮނުވުމާ ގުޅިގެންނެވެ.
ޤާނޫނީ ވަކީލު ހުސްނުއްސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ޑިސެމްބަރު 8، 2019 ގައެވެ.