ފަލަސްޠީނުގެ ޣައްޒާގައި ދިވެހީންގެ އެހީގައި ބޮޑު ރޯދަވީއްލުމެއް ބާއްވަން، ރާއްޖޭގެ ޖަމްޢިއްޔާއެއް ކަމުގައިވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން، އައިއޭސީން ތައްޔާރުވެއްޖެއެވެ.
އެ ޖަމްޢިއްޔާއިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި އެ ޖަމްޢިއްޔާއިން ދަނީ ދިވެހީންގެ އެހީގައި ބިޔަ ބޮޑު ރޯދަވީއްލުމެއް ޣައްޒާގެ ރައްޔިތުންނަށް ދިނުމަށް ތައްޔާރުވަމުންނެވެ.
އެ ޖަމްޢިއްޔާއިން ބުނީ 1000 މީހުނަށް ރޯދަވީއްލުން ދިނުމަށް އަމާޒުކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އައިއޭސީން ބުނީ މި ރޯދަވީއްލުން އޮންނާނީ މި މާރިޗް މަހުގެ 7 ވާ ހުކުރު ދުވަހު ކަމަށެވެ. މި ޚާއްސަ ރޯދަވީއްލުމަށް ޕެކޭޖެއް ހަދިޔާކުރައްވަން ބޭނުންނަމަ އެ ޖަމްޢިއްޔާގެ އެކައުންޓް ނަންބަރަށް 85 ރުފިޔާ ޓްރާންސަފަރ ކޮށްދެއްވުމަށް އެދިފައިވެއެވެ.
ޔަހޫދީންގެ އަނިޔާވެރިކަމުގެ ބޮޑުކަމުން އަމިއްލަ ވަޒަނުގައި ޙާލުގައިޖެހި، ވަންނާނެ ގެދޮރެއް، ކާނެ އެއްޗެއް ނެތި ތިބި މުސްލިމް އަޚުންނާއި އުޚުތުންނަށްޓަކައި ބަރަކާތްތެރި ރަމަޟާންމަހު މި ކުރެވޭ ހޭދައަށް އެއްބާރުލުން ދިނުމުގެ ގޮތުން ރިވާޔާ ނޫހުން އައިއޭސީގެ މި އިވެންޓުގެ މަޢުލޫމާތު އެ ޖަމްޢިއްޔާގެ ޕޯސްޓުގައިވާ ގޮތަށް ހިއްސާކޮށްލީއެވެ.
އެކައުންޓް ނަންބަރ: 7770000062740
އެކައުންޓް ނަން: International Aid Campaign
އެކައުންޓް ލޭބަލް: Seasonal projects
އަދި ޓްރާންސްފަރ ސްލިޕް 9122121 ނަންބަރަށް ވައިބާ ކޮށްލެއްވުމަށް ވެސް އެ ޖަމްޢިއްޔާއިން އިރުޝާދު ދީފައިވެއެވެ.
އެކި ޤައުމުތަކުގައި ޚާއްސަކޮށް މުސްލިމް ޤައުމުތަކުގައި ޙާލުގައި ޖެހޭ ފަރާތްތަކަކަށް ދިވެހީންގެ އެހީގައި އެހީތެރިވަމުން އަންނަ އައިއޭސީން، ދިވެހީންގެ އެހީގައި ޣައްޒާގެ ރައްޔިތުންނަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަ ކުރެވެއެވެ.