އިސްލާމީ ނަޒަރަކުން – ސިޙުރު

އިސްލާމްދިނުގެ މައގަނޑު އެއް އަސާކީ ޣައިބަށް އީމާންވުމެވެ. ފެންނަ ކަންތައްތަށް ފަދައިން ނުފެންނަ ކަންތައްތަށްވެސް ޤަބޫލުކުރުމެވެ. ރޫޙާނީ ޢާލަމުގައި ހިނގާ ކަންތައްތަކެއް ވާކަމަށް ޤަބޫލުކުރުމެވެ. މިގޮތުން ޖިންނި ޝައިޠާނުންނާއި މަލާއިކަތުން ލައްވާފައި ވާކަން ޤަބޫލުކުމެވެ. ސިޙުރުވެރިން  ސިޙުރުހަދަނީ ޖިންނި ޝައިޠާނުންގެ މަދަދާއެކުގައެވެ. މި ލިޔުމުގައި ބަލާލާނީ،، ކީރިތި ޤުރްއާނާއި ސުންނަތުގެ އަލީގައި ސިޙްރަކީ ކޮބައިކަމާއި، ސިޙުރު ޖެހުމުން ޢާންމުކޮށް ފެންނާނެ ޢަލާމާތްތަކަށާއި ސިޙުރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. މި ލިޔުމުގެ މަޤްޞަދަކީ ހަމއެކަނި ސިޙިރުގެ ނުރައްކާތެރިކަމުން މުޖްތަމަޢު ސަލާމަތްކުރުމަށް އެހީތެރިވުމެވެ. ސިޙުރުވެރިންގެ މަކަރާއި ދޮގުތަކުން އުަފަންކުރުވާ ބިރުވެރި ޙާލަތްތަކުން މީސްތަކުން ސަލާމަތް ކުރުމަށް އެހީތެރިވުމެވެ.

ސިޙުރަކީ ކޮބާ؟

ޢާންމުގޮތެއްގައި ސިޙުރު މާނަކުރަނީ ގޯސް މަޤްޞަދެއް ޙާޞިލްކުރުމަށް ނުވަތަ މީހަކަށް އަނިޔާއެއް ދިނުމަށް ޖިންނިޝައިޠާނުންގެ އެހީގައި ކުރާ ކަންކަމަށެވެ. ސިޙުރުހެދުމަކީ ބޮޑުވެގެންވާ ފާފައެއްކަން ޤުރްއާނުން އެނގެއެވެ. ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުން އެކަން ސާފުކޮށް އެނގެއެވެ. ސިޙުރު ހަދާމީހާ ސިޙުރުހަދަނީ ﷲއަށް ކުފުރުވެ ހުރެއެވެ. އޭނާ ލައްވާ ސިޙުރު ހައްދުވާ މީހާ އެ ކުރުވަނީ ޝިރުކުގެ ޢަމަލެއްކަން ކަށަވަރެވެ. އެހެނީ ސިޙުރު ހަދާމީހާއާއި އޭނާލައްވާ އެކަންކުރުވާ މީހާއާއި ދެމީހުންވެސް ބާރާއި ނުފޫޒާއި އެހީތެރިކަމާއި މަދަދަށްއެދެނީ ﷲ ނޫން ފަރާތްތަކުން ކަމަށްވާތީއެވެ.

ސިޙުރު މަސައްކަތްކުރަނީ ކިހިނެއް؟

ޢާންމުގޮތެއްގައި ސިޙުރު މަސައްކަތްކުރަނީ މައިގަނޑު ތިން ގޮތަކަށެވެ.

  • – ޖިންނި ޝައިޠާނުން މެދުވެރި ކުރުވައިގެން އެބަޔަކު ބޭނުންވާކަމެއް ޙާޞިލްކުރުމަށް ހަދާ ސިޙުރި!
  • – ބައެއް ތަކެތި ބޭނުންކޮށްގެން (އިސްތަށި، ނިޔަފަތި، ނުވަތަ ބައެއްކަހަލަ ތަކެތި ވަޅުލައިގެން) އެއަށް ސިޙުރު ކިޔަވައިގެން، ފުމެ، އަންދާ، ގޮށްޖެހުން ފަދަ ކަންކަން ކޮށްގެން ހަދާ ސިޙުރު!. ކީރިތި ުރްއާނުގެ ފަލަޤް ސޫރަތުގެ ހަތަރުވަނަ އާޔަތުން މިކަން އެނގެއެވެ.!
  • – ޖާދުލާއި މަކަރާއި ޙީލަތް (އިލޫޝަން) ފަދަ، ސިކުނޑިއަށް އޮޅުވާލާ، މޮޔަކޮށްލާ ފަދަ ކަންތަކުން އިންސާނާއަށް ކަންކަން އޮޅުވާލައިގެން ހަދާ ސިޙުރު.!

މިކަންކަމަކީ ﷲ ލަޢުނަތް ލައްވައި، ވަޢީދުގެ ބަސްފުޅު ވަޙީކުރައްވާފައިވާ ކަންކަމެވެ. ކީރިތި ޤުރްއާނުގެ ޖިންނި ސޫރަތުގެ 6 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި އިންސީންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެ ތެރެއިން  ފިރިހެންބައެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވޫއެވެ. ފަހެ، (އެކަމުގެ ސަބަބުން) އެއުރެންނަށް (އެބަހީ ޖިންނީންނަށް) އެއުރެން (އެބަހީ އިންސީން) ކާފިރުކަމާއި ބޮޑާކަން އިތުރުކުރޫއެވެ."

ސިޙުރުގެ ޢަލާމާތްތަކަކީ ކޮބާ؟

ސިޙުރު ޖެހުމުން ފެންނާނެ ޢަލާމާތްތައް އެނގުމަކީ ސިޙުރުގެ ނުރައްކަލުން އަވަހަށް ސަލާމަތްވުމަށް ލިބޭ ބާރަކަށް ވާނެކަން ކަށަވަރެވެ. ތިރީގައި މިލަިޔަނީ ސިޙުރުޖެހުމުން ޢާންމުގޮތެއްގައި ފެންނާނެ ބައެއް ޢަލާމާތްތަކެވެ.

ކުއްލިއަކަށް ދިމާވާ ގޮތްނޭގޭ ބަލިތަށް: އެއްވެސް ޞިއްޙީ މައްސަލައެއް ނުވަތަ ސަބަބެއްނެތި، ކުއްލިއަކަށް ތަންތަނަށް ތަދުވެ ރިއްސާގޮތވުން. ކަންބޮޑުވެ މާޔޫސްކަން އިޙްސާވުން ފަދަ ކަންކަން ދިމާވުން.

ނަފްސާނީ އުނދަގޫތަކާ ކުރިމަތިވުން: އެއްވެސް ޞިއްޙީ މައްސަލައެއް ނުވަތަ ސަބަބެއްނެތި، ޑިޕްރެސްވެ ކަންކަމާ ބިރުގަނެ ހާސްވާގޮތްވުން، ރުޅިގަދަވުމާއި އެކަނި އުޅެންބޭނުންވުން.

ޢާއިލީ ގުޅުމަށް ބުރޫއަރާކަހަލަ ކަންކަން ދިމާވުން، ދެމަފިރިންގެ ދެމެދު ދިމާވާ މައްސަލަތައް އިތުރުވުމާއި ރުޅިވެރި ޚިޔާލު އިތުރުވުން.

ދިނީ ކަންކަމާ ދުރުހެލިވުން: ނަމާދުކުރުމަށް ފަރުވާކުޑަވާން ފެށުމާއި ޤުރުއާންކިޔެވުމާއި ދުރުހެލިވުން.

ސިޙްރު ޖެހުމުން ރަސޫލުﷲ (ﷺ)އަށް މިފަދައިން ކަންތަށް ދިމާވެ ނުހަނު ވޭންދެނިވި އާލާސްކަންފުޅަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިކަން ސިޔަރަތުންނާއި ޞަޙީޙު ބުޚާރީގެ ޙަދީސްނަމްބަރު 5765 އިން އެގެއެވެ.

ސިޙުރުން ސަލާމަތްވެ ރައްކާތެރިކަން ހޯދޭނީ ކިހިނެއް؟

  1. ސިޙުރުން ރައްކާތެރިވެ ސަލާމަތުގެ އައްސޭރިއަކަށް ދިއުމަށްޓަކައި ކުރާންއޮތްކަމަކީ، އީމަންތެރިކަން ވަރުގަދަކޮށް ﷲއަށް ބަރޯސާވުން އިތުރުކުރުމެވެ. ކީރިތި ޤުރްއާނުގެ އައް ޠަލާޤް ސޫރަތުގެ ތިންވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ: "އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒްޤް ދެއްވާނެތެވެ. އަދި ﷲއަށް ވަކީލު ކުރާމީހާ (ދަންނާށެވެ!)ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲއީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނަޑައަޅުއްވާފައިވެއެވެ."
  2. ޤުރްއާން ކިޔެވުން ގިނަކުރުން: މިގޮތުން އާޔަތުލް ކުރުސި (ބަޤަރާ ސޫރަތުގެ 255 ވަނަ އާޔަތް) އާއި، ސޫރަތުލް ފަލަޤި އަދި ސޫރަތުލް ނާސި (ކީރިތި ޤުރްއާނުގެ 113 އަދި 114 ވަނަ ސޫރަތް) ގިނަގިނައިން ކިޔެވުމުން ﷲގެ ރައްކާތެރިކަން ލިބިގަތުން. މީގެ އިތުރުން ވީހާވެސް ގިނައިން ދުވާލުގެ ޒިކުރުތަކާއި ތަސްބީޙަތައް ކިޔެވުން ގިަަކުރުން. ވަކީން ޚާއްޞަކޮށް ހެނދުނާއި ހަވީރު ތަސްބީޙަ ކިޔެވުން ގިނަކުރުމީ ފައިދާބޮޑު ކަމެއްކަން ސަޙީޙު މުސްލިމްގެ 2687 ވަނަ ޙަދީސުން އެނގެންއޮވެއެވެ. ހެނދުނާއި ހަވީރު ސޫރަތުލް ފަލަޤި އަދި ސޫރަތުލް ނާސި ކިޔަވާމީހާއަށް ﷲގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެންވާކަން ރަސޫލުއްﷲ (ﷺ)ގެ ޙަދީސުން (އަބޫ ދާވޫދު 5088) ސާބިތުވެއެވެ.
  3. ޞައްޙަ ސަނަދުން ވާރިދުވެފައިވާ ރުޤްޔާގެ އާޔަތްތައް ކިޔެވުމުން ޝިފާލިބިގަތުން: ރުޤްޔާގެ ބޭނުމަށްޓަކައި ނުވަތަ ޝިފާލިބިގަތުމަށް ކީރިތި ޤުރްއާންގެ އާޔަތްތަށް ކިޔެވުމުން ގިނަކުރުން. މިގޮތުން ޝިރުކެއް ނުހިިމެނޭ ކޮންމެ ކިޔެވުމަކީ އޭގެ ފައިދާކުރަނިވި ކަމެއްކަން ރަސޫލުއްﷲ (ﷺ)ގެ ޙަދީސުން  (ސަޙީޙުލް ބުޚާރީގެ 5736)އެނގެން އެބައޮތެވެ.
  4. ސިޙުރުހަދާމީހުންނާ ދުރުހެލިވުން: ސިޙުރުން ސަލާމަތްވުމަށް ސިޙުރު ހަދާމނީހުންނާ ދުރުހެލިިވުމަކީ މުހިންމުކަމެކެވެ. އެހެނީ ސިޙުރުހަދާމީހާ ސިޙުރުހަދަނީ އޭނާގެބާރު ނުފޯރާ އަދި ލޮލަށްނުފެންނަ ފަރާތްތަކެއް މެދުވެރިކޮށް ކަމަށްވުމުން، އޭނާ ހަދާ ސިޙުރު ޙަޤީގަތުގައި މަސައްކަތްކުރާގޮތް އޭނާއަށް ފަހުމް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެ ޙާލަތުގައި ޢޭނަލައްވާ ކުރުވާކަމކުން އިތުރު ގޯހެއްވުމަކީ ވެދާނެކަމެކެވެ. އަދި އެއީ ރަސޫލުއްﷲ (ﷺ) އެކަންކަން މަނާކުރައްވާފައިވާ ކަމެއްކަން ސުނަން އަބޫ ދާވޫދުގެ 3904 ނަމބަރު ޙަަދީސުން އެގެން އެބައޮތެވެ. މި ޙަދީސުން އެނގޭގޮތުގައި ރަމަލުޖަހާ ފާލުބަލާ މީހުން ގާތަށްގޮސް އެމީހުންދައްކާ ވާހަކަ ޤަބޫލުކޮށް، އެމީހުންގެ އެހީތެރިކަން ހޯދާމީހާއީ ރަސޫލުﷲގެފާނުގެ މައްޗަށް ބާވައިލެއްވެ އާޔަތްތަކަށް އީމާންނުވާ މީހެއްކަން ސާފުކޮށް އެގެން އެބައޮތެވެ.
  5. ތައުބާވެ ހެޔޮޢަމަލުތައް ގިނަކުރުން: ބަރާބަރަށް ނަމާދުކުރުންމަތީ ދެމިހުރުމާއެކު، ދީލަތިކަން އިތުރުކޮށް، ނިކަމެތީންނަށް ޞަދަޤާތްކުރުން ގިނަކުރުމާއި ﷲގެ ރުއްސެވުމާއި ފުއްސެވުމަށް އެދި ދުޢާކުރުން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިކަމަށް އިޝާރާތް ކުަރައްވައި ކީރިތި ޤުރްއާނުގެ ހޫދު ސޫރަތުގެ 114 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައީ: "އަދި ދުވާލުގެ ދެކޮޅުގައްޔާއި، ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު ޤާއިމްކުރައްވާާށެވެ! ހަމަކަށަވަރުން، ހެޔޮކަންތަށް، ނުަބައިކަންތައް ނެތިކޮށްލަތެވެ. އެއީ ހަނދާންކުރާ ބަޔަކަސް ވަޢުޟާއި ނަޞީޙަތެކެވެ."

ކޮންމެއަކަސް، ސިޙުރަކީ އޭގެ ވާހަކަ ކީރިތި ޤުރްއާނުގައި އައިސްފައިވާ، މުޅި އިސްލާމީ އުންމަތް ޤަބޫލުކުރާ ނުރައްކާތެރި، ޙަޤީޤީ އެއްޗެކެވެ. އެއާއެކު ސިޙުރުން ސަލާމަތާޢި ރައްކާތެރިކަން ހޯދޭނެ އެންމެހާ މަގެއް ކީރިތި ޤުރްއާނުގައި އަންގަވާފައިވާ އެއްޗެކެވެ. އެކަމަކު އޭގެ ފައިދާ ރަގަޅުގޮތުގައި ލިބިގަތުމަށް މީހާގެ އީމާންތެރިކަން އިުރުކޮށް، ޤުރްއާން ކިޔެވުން ގިނަކޮށް، ނަމާދަށް ފަރުވަތެރިވެ، ދީލަތިކަން އިތުރުކުށް، ﷲގެ ރަސޫލާގެ އެންމެހާ ސުންނަތްތަކަށް، ވަކީން ޚާއްޞަކޮށް ސުންނަތް ނަމާދުތަކަށް ފަރުވާތެރިވުމާއެކު، ޝިފާއަކީ ﷲ އިރާދަކުރައްވާ މީހަކަށް، އިރާދަކުރައްވާ ވަގުތެއްގައި، ﷲއިރާދަކުރެއްވި މިންވަރަކަށް ދެއްވާ އެއްޗެއްކަން ހިތުގެ ޚާލީޞްކަމާއެކު ޤަބޫލުކުރުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރްއާނުގެ ޝޫރާ ސޫރަތުގެ 80 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައީ: "އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ."

ޙަވާލާ:

  • ކީރިތި ޤުރްއާން: 2:102، 72:6، 113:1،5، 65:3،
  • ޞަޙީޙް ބުޚާރީ: 5765، 5736، 2311.
  • ޞަޙީޙް މުސްލިމް: 2189، 2687.
  • ސުނަން އަބޫ ދާއޫދް: 5088، 3904.

 

advertisement
ހިޔާލު ދެއްވާ!