"މާސްޓަރ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް" ރާއްޖެ އެތެރެ ކުރުމާއި، އަދި ރާއްޖޭގައި ވިއްކުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭ އިން މަނާކޮށްފިއެވެ.
މި ސޯސް މަނާކުރީ މާސް އޮސްޓްރޭލިއާ ޕްރައިވެޓް ލިމިޓެޑް އިން ތައްޔާރުކޮށްފައިވާ "މާސްޓަރ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް"ގައި އެކުލެވިގެންވާ ތަކެތީގެ ތެރޭގައި ބިސް ހިމެނޭތީއެވެ. ނަމަވެސް އެ އުފެއްދުމުގެ ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައިނުވާތީ، އެ ސޯސް އުފެއްދި ކުންފުނިން އޭގެ ބެޗުތައް ބާޒާރުން ނެގުމަށް އެމްއެފްޑީއޭ އިން ވަނީ އަންގާފައެވެ.
މި އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީޒް ނެޓްވޯކު މެދުވެރިކޮށް ވެސް އެމްއެފްޑީއޭއަށް ވަނީ އަންގާފައެވެ.
އެމްއެފްޑީއޭއިން ބުނީ، ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައިނުވުމަކީ މި އުފެއްދުން ބޭނުންކުރާ ފަރާތްތަކުގެ ސިއްޙަތަށް ނުރައްކަލެއް ދިމާވެދާނެފަދަ ކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.
އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސޯސް ރާއްޖެ އެތެރެ ކުރުމާއި، ވިއްކުން މަނާކަމަށް އެމްއެފްޑީއޭ އިން މިއަދު ވަނީ އާއްމުކޮށް އަންގާފައެވެ.