މާލޭގައި ވޭޕް ވިއްކަމުން ދިޔަ ބަންގުލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ މާލޭގައި ޤަވާޢިދާ ޚިލާފަށް ވޭޕްގެ ވިޔަފާރިކުރާކަަމަށް ފުލުުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ރޭ ހިންގި މި އޮޕަރޭޝަނުގައި، ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލާފާސްކޮށްފައިވާ ކަމަށެވެ.
އަދި މި ބަލާފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖްއާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން، ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ފިހާރަ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ އަބޫ ސުފްޔާން، ބަނގްލަދޭޝް (27އ) އެވެ.
މި އޮޕަރޭޝަނުގައި، ފުލުހުންގެ އިތުރުން ޞިއްޙީ ވުޒާރާއާއި އިޤުތިޞާދީ ތަަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ބައިވެރިވި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ދެ މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.