ރޯދަމަހު މާލޭގައި މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި!

ރޯދަމަހު މާލޭގައި މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ އިދާރާއިން ބުނީ ރަމަޟާން މަހާއި ޝައްވާލް މަހުގެ ކުރީކޮޅު މާލޭގައި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް، އަދި ޝައްވާލް މަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވޭނީ ހެނދުނު 9:30 އިން 16:30 އަށް އަދި ރޭގަނޑު 20:00 އިން ފަތިހު 8:00 އަށް ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެއިތުރުން ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް މުދާ އުފުލުމުގެ ގަޑިތައް ވަނީ ތަފާތުކޮށްފައެވެ. މި މުއްދަތުގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން 16:30 އަށް އަދި ރޭގަނޑު 20:00 އިން ފަތިހު 6:00 އަށެވެ.

މި ޤަވާޢިދާ ޚިލާފުވާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ބަދަލުތައް ގެނެވިފައިވަނީ ރޯދަމަހު މާލޭގެ މަގުތަކުގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށާއި، ރަމަޟާން މަހުގެ އަޅުކަންތަކަށް ފަސޭހަވާނެ ގޮތަށް ރިއާޔަތްކޮށްފައި ކަމަށް އެ ވުޒާރާއިން ބުނެއެވެ.

advertisement
ހިޔާލު ދެއްވާ!