ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ ގަބޫލުކުރާ އޭވިއޭޝަން ޓްރެއިނިންގ އޮގަނައިޒޭޝަން ސެޓްފިކެޓް (އޭޓީއޯ) އާއެކު ފަސޭހަކަމާއެކު ޕައިލެޓުކަމުގެ ސެޓިފިކެޓް ޙާޞިލްކުރުމުގެ ފުރުޞަތު ފިލިޕީންސްގައި ހުންނަ "ރޯޔަލް އޭވިއޭޝަން އެކަޑެމީ" އިން ދިވެހި ދަރިވަރުންނަށް ފަހިކޮށްދީފިއެވެ.
ރޯޔަލް އެކަޑަމީއަކީ މި ވަގުތު އެންމެ ގިނަ ދިވެހިން އަދި މި ސަރަހައްދުގެ ގިނަ ބަޔަކު ވެސް ޕައިލެޓް ތަމްރީނު ހަދަން ދާ ސްކޫލެވެ. ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ވަނީ ފިލިޕީންސްގައި ޕައިލެޓުން ތަމްރީނު ކުރަމުުން އަންނަ "ރޯޔަލް އެކަޑަމީ" އަށް ޚާއްސަ ހުއްދައެއް ދީފަ އެވެ. އެގޮތުން އެ ސްކޫލަށް "އެޕްރޫވްޑް ޓްރެއިނިން އޯގަނިޒޭޝަން (އޭޓީއޯ)" އެއްގެ ޝަރަފު މިހާރު ވަނީ ލިބިފަ އެވެ. މިއީ ރާއްޖެ އިން ބޭރުގެ އޭވިއޭޝަން އެކަޑަމީއަކަށް މިފަދަ އޭޓީއޯ އެޕްރޫވަލްއެއް ލިބުނު ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ހުއްދަ ދީފައިވަނީ ސްޕެއިންގެ ބާސެލޯނާގައި ހުންނަ ސްކޫލަކަށެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސީއީއޯ ހުސައިން ޖަލީލް، ޗެއަރމަން އަބްދުލް ހާރިސް އަދި ރޯޔަލް އެކަޑަމީގެ ހެޑް އޮފް ޓްރެއިނިންގ ކެޕްޓަން މަދޫ އަދި އެކުންފުނީގެ ރައީސްއާއެކު — ފޮޓޯ: ރޯޔަލް އެކަޑަމީ
"ރިވާޔާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ރޯޔަލް އެކަޑަމީގެ ހެޑް އޮފް ޓްރެއިނިން މަދޫ ޕުލިޔަންކަލަތު ވިދާޅުވީ، މީގެ ކުރިން އެ އެކަޑަމީން ކޮމާޝަލް ޕައިލެޓް ލައިސެންސް (ސީޕީއެލް) ހާސިލު ކުރުމަށްފަހު، ރާއްޖޭގެ އޭވިއޭޝަންގެ ލައިސަންސް ހޯދުމަށް ގާތްގަނޑަކަށް ތިން މަސް ދުވަހުގެ އިތުރު ތަމްރީނެއް ހަދަން ޖެހޭ ކަމަށެވެ. މި ތަމްރީން ނުވަތަ ލައިސަންސް ފުރިހަމަ ވަނީ ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ (އިއާސާ)ގެ އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސިން (އޭޓީޕީއެލް)ގެ ތިއަރީ ޓެސްޓުތައް ކާމިޔާބުކަމާ އެކު ހަދާ ފާސްވެގެން ކަމުގައި މަދޫ ވިދާޅުވި އެވެ.
ރޯޔަލް އެކަޑަމީއިން ކިޔެވި ދިވެހި ދަރިވަރުންތަކެއް—ފޮޓޯ: ރޯޔަލް އެކަޑަމީ
މަދޫ ވިދާޅުވީ އިއާސާ އޭ.ޓީ.ޕީ.އެލް ގެ ތިއަރީ ޓެސްޓުތައް ނުވަތަ ލައިސަންސް ހޯދަން ދަރިވަރުން އާންމުކޮން ދާން ޖެހޭނީ އިނގިރޭސި ވިލާތާއި ޔޫރަޕުގެ ގައުމުތަކަށާއި މެލޭޝިއާ އާއި ސިންގަޕޫރާއި ދުބާއީ ނުވަތަ ސްރީ ލަންކާއަށް ކަމަށެވެ.
ހަމައެގޮތަށް އެ އެކަޑަމީ އިން ވެސް މީގެ ކުރިން ކިޔެވުން ފުރިހަމަ ކުރުމުން، ޕައިލެޓުންނަށް ލިބެނީ ފިލިޕިންސްގެ ސީޕީއެލް ލައިސަންސެއް ކަމަށެވެ. އެހެންކަމުން ދަރިވަރުން ޖެހެނީ ރާއްޖޭގެ ލައިސަންސަކަށް ފިލިޕީންސްގެ ސީޕީއެލް ލައިސެންސް ބަދަލު ކުރުމަށް އޭޓީޕީއެލް ތިއަރީ ފާހަކާ އެކު، ދިވެހި އެއާލައިނަކުން ވަޒީފާ ހޯދާށެވެ.
ރޯޔަލް އޭވިއޭޝަން އެކަޑަމީން ތައުލީމުު ހާސިލް ކުރުމަށްފަހު ޓީއެމްއޭގެ ވަޒީފާގައި — ފޮޓޯ: ރޯޔަލް އެކަޑަމީ
ލައިސަންސް ކޮންވާޝަން ހަދައިދެނީ އެ ވަޒީފާ ދޭ ކުންފުންޏަކުންނެވެ. ނަމަވެސް މިހާރު ރޯޔަލް އޭވިއޭޝަން އެކަޑަމީ ރާއްޖޭގެ އެޕްރޫވްޑް ޓްރެއިނިން އޯގަނިޒޭޝަން (އޭޓީއޯ) އަކަށް ވުމަށް ފަހު، ރާއްޖޭގެ އެއާލައިނަކުން ވަޒީފާ ލިބުމުގެ ކުރިން ވެސް ހުރިހާ ތަމްރީނުތަކެއް ފުރިހަމަ ކުރުމުން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހުރިހާ ދަރިވަރުންނަށް ދިވެހި ލައިސަންސް ސީދާ ހޯދޭނެ ކަމަށް މަދޫ ވިދާޅުވިއެވެ.
ރޯޔަލް އެކަޑަމީއިން ކިޔެވި ދިވެހި ދަރިވަރުންތަކެއް—ފޮޓޯ: ރޯޔަލް އެކަޑަމީ
"އެކަންވީ ޕައިލެޓަކަށްވާން ބޭނުންވާ ކުދިންނަށް ވަރަށް ބޮޑު ގޮންޖެހުމަކަށް. އެހެންވެ އެކަމަށް ހައްލެއް ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާތާ ދެއަހަރެއްހާ ދުވަސް ވެއްޖެ. އެގޮތުން ކުރެވުނު މަސައްކަތުން މިހާރު މި އެކަޑަމީގައި ކިޔަވާ ދަރިވަރުންނަށް އޭޓީޕީއެލް ކޮމްޕޮނެންޓް ނިންމުމުން ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ދިވެހި ލައިސަންސެއް ވެސް ލިބޭނެ. ރާއްޖޭގެ ކޮމާޝަލް ޕައިލެޓް ލައިސަންސްއެއް ލިބޭނެ،" އޭނާ ވިދާޅުވިއެވެ.
މަދޫ ވިދާޅުވީ، އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. މިހާރުވެސް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން އަންނަނީ އެ އެކަޑަމީގައި ކިޔަވަމުންނެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފުންނާ އެކު ރޯޔަލް އެކަޑަމީގެ އިންވެރިން ބޭއްވި ބައްދަލުވުމުގެތެރެއިން — ފޮޓޯ: ރޯޔަލް އެކަޑަމީ
ރޯޔަލް އޭވިއޭޝަން އެކަޑަމީއިން ޓްރެއިނިން ނިންމާފައިވާ ޕައިލެޓުން މިހާރު ވެސް ޓީއެމްއޭ އާއި މޯލްޑިވިއަން އާއި މަންތާގެ ސީޕްލޭން އަދި ވީލް ބޭސްޑް އެއާކްރާފްޓްތަކުގައި ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މަދޫ ވިދާޅުވީ، އެ އެކަޑަމީގައި ކިޔަވަމުން އަންނަ ކުދިންގެ އިތުރުން، އެކި ސަބަބުތަކާ ހެދި އެހެން ޕައިލެޓް ސްކޫލުތަކުން ކޯސް ފުރިހަމަ ނުކުރެވޭ ކުދިންނަށް ވެސް، ރޯޔަލް މެދުވެރިކޮށް، ކޯސް ފުރިހަމަ ކުރެވޭނެ ކަމަށެވެ. އަދި އެހެން އެކަޑަމީއަކުން ކިޔަވާ ނިންމާފައި ތިބި ދިވެހި ކުދިންނަށް ރޯޔަލް އެކަޑަމީ މެދުވެރިކޮށް ދިވެހި ލައިސެންސް ވެސް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެކަނި އޭ.ޓީ.ޕީ.އެލް އެއްހަދަން ބޭނުންވާނަމަ އެފުރުސަތުވެސް އޮންނާނެ ކަމަށް މަދޫ ވިދާޅުވިއެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ރޯޔަލް އެކަޑަމީ އާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ: ރޯޔަލް އެކަޑަމީ
"ރޯޔަލް އަކީ މިހާރު ލޯކަލް ފްލައިން ސްކޫލެއް. ކޯސް ފުރިހަމަ ނުކުރާ ކުދިންގެ ޓްރެއިނިން ގަޑިއިރަށް ބަލާ، އެފަދަ ކުދިންނަށް ކޯސް ފުރިހަމަ ކުރެވޭނެ ގޮތްތައް ވެސް ފަހިކޮށްދެވޭނެ. އެފަދަ ކުދިންގެ ހާލަތު ބަލާ، ސޮލިއުޝަންތަކެއް އަޅުގަނޑުމެން ހޯދައިދޭނަން،" އޭނާ ވިދާޅުވި އެވެ.
ރޯޔަލް އެކަޑަމީގެ ފެންވަރު ބެލުމުގެ މަރުހަލާގެ ތެރެއިން ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ އިންސްޕެކްޓަރުންނާއެކު– ފޮޓޯ: ރޯޔަލް އެކަޑަމީ
ރާއްޖޭގައި އުދުހުމުގެ ޚާއްޞަ ހުއްދަ ރޯޔަލް އެކަޑަމީ މެދުވެރިކޮށް ހޯދުމުގެ އިތުރަށް، ޕައިލެޓް ޓްރެއިނަރަކަށް ވާން ބޭނުންވާ ފަރާތްތަކަށް ވެސް ވަޒީފާގެ ފުރުސަތު އެ އެކަޑަމީއިން ވަނީ ހުޅުވާލައިފަ އެވެ. އެހެންވެ، ޕައިލެޓް ޓްރެއިނިން ހެދުމަށްފަހު، އެ އެކަޑަމީގައި ކިޔަވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަ ޓްރެއިނިންވެސް މިހާރު ހެދޭނެ އެވެ.
މަދޫ ވިދާޅުވީ ރޯޔަލް އެކަޑަމީ އިން ދިވެހި ލައިސަންސްގެ އިތުރުން ފިލިޕީންސްގައި އުދުހުމުގެ ލައިސެންސް ވެސް ލިބޭނެ ކަމަށާއި އެ ދެ ލައިސަންސްގެ އިތުރުން ވިއެޓްނާމާއި ނޭޕާލްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވެސް ވަނީ އެ އެކަޑަމީ އެޕްރޫވްކޮށްފަ ކަމަށެވެ.
މަދޫ ވިދާޅުވީ ފިލިޕީންސްގެ ރޯޔަލް އެކަޑަމީ އަށް ދިވެހި ކިޔަވާ ކުދިން ދާ އެންމެ ބޮޑު އެއް ސަބަބަކީ، ކަނޑައެޅިފައިވާ ވަގުތުގައި ކޯސް ނިންމަން ފަސޭހަވުމާއި ކޯސް ފީއަށް ބަދަލެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެކަޑަމީން ދަރިވަރުންނަށް ދީފައިވާތީއެވެ.
ރޯޔަލް އެކަޑަމީ އިން ޕައިލެޓް ތަމްރީނު ހެދުމަށް އެންމެ ގިނަވެގެން ނަގަނީ 14-15 މަހެވެ. އެ އެކަޑަމީ އިން 2013 ވަނަ އަހަރު ފެށިގެން ޕައިލެޓުން ތަމްރީނު ކުރަމުން އަންނަ އިރު މިހާތަނަށް 800 އަށް ވުރެ ޕައިލެޓުން ވަނީ ގްރެޖުއޭޓު ވެފަ އެވެ.
ދިވެހި ދަރިވަރަކު ރޯޔަލް އޭވިއޭޝަން އެކަޑަމީގައި ތަމްރީނު ހޯދަނީ — ފޮޓޯ: ރޯޔަލް އެކަޑަމީ
މީގެ އިތުރުން ރޯޔަލް އެކަޑަމީގައި ކިޔަވާ ކުދިންނަށް ލިބޭ އެންމެ ހާއްސަ އެއް އެޑްވާންޓޭޖަކީ، ސަރަހައްދުގެ އެހެން ބައެއް އެކަޑަމީތަކަށް ވުރެ ގިނައިން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބުން ކަމަށްވެސް ރިވާޔާ ނިއުސްއާ ވާހަކަދައްކަމުން މަދޫ ވިދާޅުވިއެވެ. އެފުރުޞަތު ލިބޭ ސަބަބަކީ އެ ފްލައިންގ ސްކޫލު ހިންގާ ޑުމަގަތޭ އެއާޕޯޓަށް ދުވާލަކު ޖައްސަނީ، ޕެސެންޖަރުން އަރުވައިގެން ދުއްވާ ކޮމާޝަލް އަށެއްކަ ފްލައިޓަށްވުމެވެ. އެގޮތުން އެ 8 ފްލައިޓަށް އެއަރޕޯރޓްގެ ރަންވޭ ބޭނުންނުކުރާ ހުރިހާ ވަގުތަކީ ފްލައިންގ ސްކޫލުގެ ދަރިވަރުންގެ ތަމްރީނަށް ޚާއްޞަ ވަގުތުތައްކަމަށް މަދޫ އިތުރަށް ވިދާޅުވިއެވެ.
ރޯޔަލްއިން ރާއްޖޭގައި ބޭއްވި ނެޓްވޯކިންގެ ރަސްމިއްޔާތުގައި ރާއްޖޭގައި މިވަގުތު ތިބި ބައެއް ކުރީގެ ދަރިވަރުންނާ އެކު — ފޮޓޯ: ރޯޔަލް އެކަޑަމީ
ރޯޔަލް އެކެޑަމީއިން ކިޔަވަން ބޭނުވާ ދިވެހި ދަރިވަރުންނަށް މި ފަސޭހައިގެ އިތުރަށް ޕިލިޕިންސްގައި ކިޔެވުމަށް ސްޓޫޑެންޓް ވިސާ ނަގާކަށް ވެސް ނުޖެހޭނެއެވެ. އިމިގްރޭޝަނުން ދޫކުރާ ޚާއްޞަ ހުއްދައަކާއެކު ކިޔެވުން ފުރިހަމަކުރުމުގެ ފުރުޞަތު އެ އެކަޑެމީއިން ފަހިކޮށްދޭނެ ކަމަށް މަދޫ ވިދާޅުވިއެވެ. ޕައިލެޓްކަން ކިޔަވަން ބޭނުންވާ ދަރިވަރުން [email protected] އަށް މެއިލް ކުރުމުން ކުރިޔަށްދާންވީ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށް މަދޫ ވިދާޅުވިއެވެ. އެގޮތުން ޢުމުރުން 17 އަހަރު ފުރިހަމަވެފައިވާ "އިނގިރޭސި ބަހުން ލިޔެކިޔަން އެނގޭ އަދި މެޑިކަލް ޓެސްޓްތަކުން ފާސްވެފައިވާ" ކޮންމެ ކުއްޖަކަށްވެސް އޯލެވެލް ނަތީޖާތަކާއެކު ކުރިޔަށްދިޔުމުގެ ފުރުޞަތު އެބައޮތްކަމަށްވެސް މަދޫ ވިދާޅުވިއެވެ.
ރޯޔަލް އޭވިއޭޝަން އެކަޑަމީއިން އެންމެ ފުރަތަމަ ތަމްރީނު ހޯދި ދަރިވަރުންގެ ތެރޭ ހިމެނޭ ދަރިވަރެއް، މިހާރު މޯލްޑިވިއަން އެއާލައިންގައި އުނދުހެނީ — ފޮޓޯ: ރޯޔަލް އެކަޑަމީ
"ގުޅެން ބޭނުންވާ ބެޗަކާއި ދަރިވަރާ ގުޅޭނެ މަޢުލޫމާތު ޙިއްސާކުރުމުން އަޅުގަނޑުމެންގެ ޓީމުން ދަރިވަރުން ޕިލިޕީންސަށް އައުމުގެ މަގު ދައްކައިދީ، އެކުދިން ރިސީވްކޮށް، އޮރިއެންޓޭޝަން ދީ ކޯހުގެ އެންރޯލްމެންޓްގެ ކަންކަން ކުރިއަށް ގެންދާނެ" ކަމަށް މަދޫ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ އެކަޑަމީއިން ކިޔަވާނިމި، ކުރުު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެއާލައިންތަކުގައި ޕައިލެޓުގެ ގޮތުގައި ވަޒީފާ އަދާކުރަމުންގެންދާ ފަރާތްތައް ހިމެނޭ ކަމަށެވެ. އެގޮތުން މޯލްޑިވިއަން، ޓީއެމްއޭ، މަންތާއެއަރ، އަދި ވިލާ އެއަރ ފަދަ ބޮޑެތި އެއަރލައިންތަކުގައި އެ އެކަޑަމީގެ އިސްދަރިވަރުން ވަޒީފާ އަދާ ކުރަމުންގެންދާ ކަމަށް މަދޫ ވިދާޅުވިއެވެ. އެއީ އެކަޑަމީއަށް ލިބިގެންދާ ވަރަށް ބޮޑު ފަޚުރެއްގެ ގޮތުގައި ރޯޔަލް އެކަޑެމީގެ ހެޑް އޮފް ޓްރެއިނިންގ މަދޫ ފާހަގަ ކުރެއްވިއެވެ.
ޕައިލެޓް ކަމުގެ އިތުރަށް އޭވިއޭޝަން ދާއިރާއިން އެކުއްޖަކު ބޭނުންވާ ވަޒީފާއެއް ހޯދުމަށް ހަދަންޖެހޭ ޓްރެއިނިންތަށް ހެދުމަށް ރޯޔަލް އެކަޑަމީގެ މާކެޓިން ޓީމާއި ގުޅިގެން ހޯދޭނެ ކަމަށް މަދޫ ފާހަގަ ކުރެއްވިއެވެ.
ރޯޔަލް އޭވިއޭޝަން އެކަޑަމީގެ އިސްވެރިންނާއި ރާއްޖޭގެ ސިވިލްއޭވިއޭޝަންގެ އިންސްޕެކްޓަރުންނާއެކު ފިލިޕިންސްގައި — ފޮޓޯ: ރޯޔަލް އެކަޑަމީ
ރޯޔަލް އެކަޑެމީއަކީ ރޯޔަލް ގުރޫޕް އޮފް ކޮމްޕެނީސްގެ ދަށުން ހިންގާ ފްލައިންގ ސްކޫލެވެ. އެ ކުޑައިގެ ދަށުން މަތިންދާބޯޓުގެ ޗާރޓަރ ދަތުރުތައް ހަމަޖައްސައިދިނުމާއި، ވީއައިޕީ ޕެސެންޖަރުންގެ ދަތުރު ހަމަޖައްސައިދިނުމާއި، ކާގޯ އުފުލުމުގެ ޚިދްމަތާއި، މެޑިކަލް އިވެކުއޭޝަންގެ ޚިދްމަތްވެސް ފޯރުކޮށްދެއެވެ. އަދި ސްކައި ޑައިވިންގ އާއި އެއަރކްރާފްޓް މެއިންޓެނެންސްގެ ޚިދްމަތްވެސް ރޯޔަލް އެކަޑަމީއިން ދަނީ ފޯރުކޮށްދެމުންނެވެ.