މާފަންނު ޕޮލިސް ސްޓޭޝަން

ރަމަޟާންމަހު ދުވާލު މަގުމަތީ ސިނގިރޭޓް ބޯންއުޅުނު މީހަކު ހައްޔަރުކުރުމުން ޕޮލިސް ސްޓޭޝަނަށް ގެއްލުންދީފި!

ރަމަޟާންމަހު ދުވާލު މާލޭ މަގުމަތީގައި ސިނގިރެޓެއް ރޯކުރަން މަސައްކަތް ކުރަނިކޮށް، ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ޕޮލިސް ސްޓޭޝަނަށް ގެއްލުން ދީފިއެވެ.

މި މައްސަލާގައި ބުރާސްފަތި ދުވަހު ހައްޔަރުކުރީ 46 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކުރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން ބުރާސްފަތި ދުވަހު ހެނދުނު 11:40 ހާއިރު މަގުމަތީގައި ހުރެ އޭނާގެ އަތުގައި އޮތް ސިނގިރޭޓެއް ރޯކުރަން މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާ ހުއްޓުވިއެވެ.

ފުލުހުން އޭނާ މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންގޮސް އެ ތަނުގެ ހޯލްޑިން ރޫމުގައި ބަހައްޓާފައި ހުއްޓައި، ހޯލްޑިން ރޫމްގައި ހުރި ގޮނޑީގެ އަތްގަނޑުގައި ހުރި އިސްކުރު ނައްޓުވާ އަތްގަނޑު ނެއްޓުމަށް ފަހު އަތްގަނޑުން ހޯލްޑިން ރޫމް ބޭރު ދޮރުގެ ތަޅުގައި ޖަހާ އަދި ތަޅަށް ގެއްލުންދީފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާ އަކީ މީގެ ކުރިންވެސް ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި، އޭގެ ތެރެއިން 25 ފަހަރު ބަންދަށް ބަދަލުކޮށްފައިވާ މީހެއް ކަމަށެވެ.

އެމީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ކުށެއްގެ ތުހުމަތުގައި މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ދެ މީހަކު މީގެކުރިންވެސް އެ އިމާރާތަށް ގެއްލުން ދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

advertisement
ހިޔާލު ދެއްވާ!