ފޮޓޯ: ސިޓީތަކާ ބެހޭ ވުޒާރާ

މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީތަކާބެހޭ ވުޒާރާއިން ފަށައިފި!

މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ފަށައިފިއެވެ.

އެ ވުޒާރާއިން ބުނީ ވާރޭ ވެހިއްޖެ ނަމަ މާލޭގައި، ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް އެ ވުޒާރާއިން ފަށައިފައިވާ ކަމަށެވެ.

މި ޙަރަކާތް ފެށުނީ މިއަދު ހެނދުނު 9.30 ގައި މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ. މި ޙަރަކާތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު އެ ސަރަޙައްދަށް ވަނީ މިއަދު ވަޑައިގެންފައެވެ.

މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކޮށް 6 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމަވާނެ ކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

ސިޓީތަކާބެހޭ ވުޒާރާއިން ބުނީ އެ މަސައްކަތަކީ މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކުރުމަށް މި ހިންގާ ވަރަށް މުހިންމު ޙަރަކާތެއް ކަމަށާ ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ އާންމު ރައްޔިތުންނަށް އެ ކަމުގެ އުނދަގޫ ޖެހި، ސިފައިންނާއި، ފުލުހުން އަދި އެ ވުޒާރާގެ މުވައްޒަފުން ނިކުމެ މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ދޭތެރެދޭތެރެއިން ކުރަންޖެހޭ ކަމަށެވެ.

ވަޒީރު އާދަމް ޝަރީފު ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ވަނީ މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މިމަހުގެ 8 ވާ ހޮނިހިރު ދުވަހު ފައްޓަވާނެ ކަމަށް އިޢުލާނު ކުރައްވައިފައެވެ.

މިއަދު ފެށި މި މަސައްކަތަކީ، ވާރޭވެހުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މިހާރަށް ވުރެ ބޮޑަށް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން  ކުރިއަށް ގެންދާ ޙަރަކާތެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

advertisement
ހިޔާލު ދެއްވާ!